Roadha Mihaaru
އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު އިތުރުވަނީ

އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު އިތުރުވަނީ

04 މާޗް 2018

އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާ ކަމަށް އައިޖީއެމްއެޗުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާ ކަމަށް އައިޖީއެމްއެޗުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ބާތު ޑިފެކްޓްސް ޑޭ"އާ ގުޅިގެން އައިޖީއެމްއެޗުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ރާއްޖޭގައި 4،820 ކުދިން އުފަންވެފައިވާއިރު އޭގެ ތެރެއިން 514 ކުއްޖަކު އުފަންވީ އައިބުތަކާ އެކުގަ އެވެ. އެ ހިސާބުތަކުގައިވާ ގޮތުން، އައިބުތައް ހުރި 21 ކުއްޖަކު ވަނީ މަރުވެފަ އެވެ.

މި ކުދިންގެ ތެރޭގައި އުފަންވިއިރު ހަށިގަނޑުގައި ބޮޑެތި އައިބުތައް ހުރި 42 ކުއްޖަކު ހިމެނޭ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި، އައިބު ހުންނަ ކުދިންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ހިތުގެ މައްސަލަތަކެވެ. ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރު އެފަދަ 102 މައްސަލަ ފާހަގަވި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އުފަންވާއިރު ހިތުގެ މައްސަލަ ހުންނަ ކުދިން މަދުކުރަން މަސައްކަތް ކުރުމަށް ގައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

އައިޖީއެމްއެޗްގެ ޗައިލްޑް ހެލްތުގެ އެޗްއޯޑީ ނިޔާޝާ އިބްރާހިމް ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކަށް ބެލި ކަމުގައިވީ ނަމަވެސް އުފަންވާއިރު ހުންނަ އައިބުތަކުގެ ސަބަބުން ހަ ޕަސެންޓް ކުދިން މަރުވާ ކަމަށެވެ. އައިބުތައް ހުންނަ ކުދިން، ދެ ވަނަ އަށް އެންމެ ގިނައިން އުފަން ވަނީ ވެސް ދެކުނު އޭޝިއާ ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނިޔާޝާ މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޑރ. ނިޔާޝާ މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނިޔާޝާ ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު އަރްވިންދު މާތުރު ވިދާޅުވީ އުފަންވާއިރު އައިބުތައް ހުންނަ ކުދިންގެ ނިސްބަތް މަދު ކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މާބަނޑު ދުވަސްވަރު ސިއްހަތަށް ބެލުމެވެ.