Roadha Mihaaru
350 ޑޮކްޓަރުން ޚިދުމަތަށް ނެރެފިން: މިނިސްޓަރު

350 ޑޮކްޓަރުން ޚިދުމަތަށް ނެރެފިން: ނާޒިމް

15 ފެބުރުއަރީ 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް 350 ޑޮކްޓަރުން ޚިދުމަތަށް ނެރެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް 350 ޑޮކްޓަރުން ޚިދުމަތަށް ނެރެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ސަރުކާރުގެ ހޮސްޕިޓަލްތަކަށް އެކަނި ވެސް 350 ޑޮކްޓަރުން އަލަށް ނެރެފައިވާއިރު، އެ ހޮސްޕިޓަލްތަކަށް 130 ވޯޑު ވެސް އިތުރު ކޮށްފައިވާނެ ކަމަށެވެ. އަދި މިހާތަނަށް 121 ބޭސް ފިހާރަ ހުޅުވައި، 25 ސީ އެމްބިއުލާންސް މި ސަރުކާރުން ހޯދައިދީފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިހާރު ވެސް ރާއްޖޭގެ ކޮންމެ ރަށަކުން ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ވާނީ ގާއިމްކޮށްފަ އެވެ. އަދި އޭނާ ވިދާޅުވީ، ސިއްހީ ދާއިރާ އިން ރާއްޖެ ދައްކަމުން އަންނަނީ ނަމޫނާއެއް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ފަހުރުވެރިކަމާއެކު މިބުނަނީ ދިވެހި ކޮންމެ ރައްޔިތަކު ހުރި ފަސްގަނޑަކުން ސިއްހަތުގެ ފުރަތަމަ ފަރުވާ ލިބޭނެ ކަން ކަށަވަރު ވެފައިވާކަން،" ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާ މީހުންގެ ނިސްބަތް މަދު ކުރުމަށް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ އެކަމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓުގެ އިތުރުން އަތޮޅުތެރޭގައި ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއެކު، ބޭސްފަރުވާ އަށް ބޭރަށް ދާން ޖެހޭ މިންވަރު ދަށްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.