Roadha Mihaaru

ހުޅުމާލެ ހޮސްޕިޓަލުގެ އާ އިމަޖެންސީ ރޫމް ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އަލަށް ގާއިމްކުރި 14 އެނދުގެ އިމަޖެންސީ ރޫމް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އާ އިމަޖެންސީ ރޫމް ހުޅުވައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

26 މެއި 2025

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އަލަށް ގާއިމްކުރި 14 އެނދުގެ އިމަޖެންސީ ރޫމް މިއަދު ހުޅުވައިފި އެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި އިމަޖެންސީ ރޫމް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ހުޅުވި އީއާރުގައި ވަނީ ޒަމާނީ ވަސީލަތްތަކާ އެކު 14 އިމެޖަންސީ އެނދާއި ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ހާއްސަ ކުރެވޭ ރިސަސްއެއް ވަނީ ގާއިމްކޮށްފަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީ އަދި ޖީއޯޕީޑީ ހިދުމަތް ހޯދި މީހުންގެ އަދަދު 250،000 އަށް ވުރެ މައްޗަށް އަރާފައިވީ ނަމަވެސް، މިހާތަނަށް އެ ހޮސްޕިޓަލުގައި ހިދުމަތް ދެމުން ގެންދިޔައީ ހަތް އެނދުގެ އީއާރެއްގަ އެވެ.

އާއީއާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކާއެކު ސިއްހީ ފަރުވާ ހޯދުމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން އައިޖީއެމްއެޗަށްދާ ވަރު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އާ އިމަޖެންސީ ރޫމް ރައީސް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލުގެ އާ އިމަޖެންސީ ރޫމް ރައީސް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުން މިހާތަނަށް ވެސް އެ ކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިމަޖެންސީ ރޫމްގެ ޖާގައިގެ ދަތިކަން ކަމަށާއި މިއަދު ހުޅުވުނު އާ އީރް އާއެކު އެ މައްސަލަ ބޮޑުތަނުން ހައްލުވެގެން ދާނެ އެވެ.

"ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރަމުންގެންދާއިރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އީއާރުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް މަދުވުން. ރައީސްގެ ހާއްސަ އިރުޝާދުގެ ދަށުން އީއާރް ބޮޑުކުރުމުގެ މަސައްކަތް ފަށައި މިއަދު ވަނީ ހިދުމަތްތައް މިވަނީ ގާއިމްކޮށްފައި،" ހަލީލް ވިދާޅުވި އެވެ.

އިމަޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން އަހަރެއްގެ މައްޗަށް ތިން ލައްކައެއްހާ މީހުން ފަރުވާ ހޯދަ އެވެ.

އާ ހިދުމަތްތައް ތައާރަފްކޮށް، ސަރުކާރުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލް ހިންގާ ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ އިތުރުން އެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މި ސަރުކާރުން ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އާ ބައެއް ވަސީލަތްތައް ގާއިމްކުރުމަށް ފަހު ޓާޝަރީ ހޮސްޕިޓަލަކަށް މިދިޔަ ނޮވެންބަރު މަހު އެ ތަން ބަދަލުކޮށްފަ އެވެ.