Roadha Mihaaru

ހުޅުމާލޭ ހޮސްޕިޓަލްގެ މެޑިކަލް އިންޓާންޝިޕް އާދިއްތަ ދުވަހު ފަށަނީ

ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް އަންނަ އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލް އިންޓާންޝިޕް އާދިއްތަ ދުވަހު ފަށަނީ

ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް އަންނަ އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

އެ ޕްރޮގްރާމުގައި 15 ދަރިވަރުން ބައިވެރިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ އެ ހޮސްޕިޓަލުން ބުނީ އެ ދަރިވަރުންގެ އޮރިއެންޓޭޝަން މިހާރު ކުރިއަށްދާ ކަމަށެވެ. އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ އެއް އަހަރުގެ މުއްދަތަކަށެވެ.

އެ ހޮސްޕިޓަލުން ބުނީ އިންޓާންޝިޕަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ކުދިން ކުރިމަތިލި ނަމަވެސް، ޖާގަ ކަނޑައަޅާފައި އޮތީ 15 ކުދިންނަށް ކަމަށެވެ.

އެ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕަށް ހުޅުވާލީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.

ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް ހުޅުމާލޭ ހޮސްޕިޓަލުގައި ފަށާއިރު މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭގައި ވެސް އިންޓާންޝިޕް ފުރުސަތު ދެ އެވެ. އަދި މިދިޔަ މަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް އެފަދަ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އަތޮޅު ތެރޭގައި ފެށި އެފަދަ ފުރަތަމަ ޕްރޮގްރާމެވެ.

އިންޓާންޝިޕަށް ކުރިމަތިލާއިރު ކޮލެޖުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ހުށަހަޅަންޖެހެ އެވެ. އެ ކޮޕީއަކީ އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ކޮޕީއަކަށް ވާންޖެހެ އެވެ. އަދި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ އާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.

ޑޮކްޓަރުންގެ މުސާރައިގެ އާ އޮނިގަނޑުގައި ވަނީ އިންޓާން ޑޮކްޓަރުންނަށް 10،000ރ. ގެ އެލަވަންސެއް ކަނޑައަޅައިފަ އެވެ. އެއާ އެއްގޮތަށް، ސަރުކާރު ހޮސްޕިޓަލުތަކުގައި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރވާ ހުރިހާ ދަރިވަރުންނަށް ވެސް އެ އެލަވަންސް ލިބޭނެ އެވެ.