Roadha Mihaaru

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕަށް ހުޅުވާލައިފި

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕަށް ހުޅުވާލައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 މެއި 2025

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިތަދޫގައި ހުންނަ އެ ހޮސްޕިޓަލުން ކުރި އިއުލާނުގައިވާ ގޮތުން 15 މެޑިކަލް އޮފިސަރަކަށް އެ ހޮސްޕިޓަލުގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ.

އިއުލާނުގައި ބުނީ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ އެއް ވަނަ އިންޓޭކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށެވެ.

އިންޓާންޝިޕަށް އެދޭއިރު މެޑިކަލް ކޮލެޖު ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮންނަން ޖެހެ އެވެ.

އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާ އެކު ކޮލެޖުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ހުށަހަޅަންޖެހެ އެވެ. އެ ކޮޕީއަކީ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޮޕީއަކަށް ވާންޖެހެ އެވެ. އަދި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ އާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އެޑްމިން އޮފީހަށް ގޮސްގެންނާއި އީމެއިލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.

ހޮސްޕިޓަލުން ބުނީ އިންޓާންޝިޕަށް ޝަރުތު ހަމަވާ 15 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ، ޕްރޮގްރާމަށް މީހުން ނެގުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަކުރި ފަހުން ގިނަ ދުވަސްވެފައިވާ މީހުންނަށެވެ.

މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.

އައިޖީއެމްއެޗްގައި އިންޓާންޝިޕް ޑިމާންޑު ބޮޑުވުމުން، އޭޑީކޭގައި އިންޓާންޝިޕް ޕްރޮގްރާމް ފަށައިދިނުމަށް އެދުނީ ހެލްތު މިނިސްޓްރީންނެވެ. އެހެންވެ، އެ ހޮސްޕިޓަލުގައި ވެސް ދަނީ ޑޮކްޓަރުންގެ އަތުން މަހަކު 14،500ރ. ގެ ފީއެއް ނަގައިގެން އިންޓާންޝިޕްގެ ފުރުސަތު 20 ޑޮކްޓަރަކަށް ދެމުންނެވެ.

އައިޖީއެމްއެޗުގައި އިންޓާންޝިޕް ހަދަން ފެށީ ޖެނުއަރީ، 2018 ގަ އެވެ. މިވަގުތު ވެސް އެ ހޮސްޕިޓަލުގައި 60 ޑޮކްޓަރުން އަންނަނީ އިންޓާންޝިޕް ހަދަމުންނެވެ.