Roadha Mihaaru

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ހަދަން ހުޅުވާލައިފި

ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕަށް ހުޅުވާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 ޖޫން 2025

ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ވަނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރު ފަހު 12:00 އާ ހަމައަށް އިންޓާންޝިޕަށް ފޯމު ހުށަހަޅަން މުއްދަތު ދީފަ އެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން މި ވަގުތު އިންޓާންޝިޕް ހެދެނީ އައިޖީއެމްއެޗްގައި އެކަންޏެވެ. މެޑިސިން ނިންމާ ދަރިވަރުންގެ އަދަދު އިތުރުވެ، އިންޓާންޝިޕަށް ބާރުބޮޑުވުމުން ހެލްތު މިނިސްޓްރީން އަންނަނީ އެއް އަހަރުގެ އެ ތަމްރީނު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ވެސް ފެށުމަށް ތައްޔާރުވަމުންނެވެ.

އަމިއްލަ ހޮސްޕިޓަލުތަކުގެ ތެރެއިން އޭޑީކޭގައި ވެސް އިންޓާންޝިޕް ހެދެ އެވެ. ނަމަވެސް، އެ ޖާގަ ދެނީ އިންޓާން ހަދާ ޑޮކްޓަރުން، ހޮސްޕިޓަލަށް ފީ ދައްކާ ގޮތަށެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އިންޓާންޝިޕަށް ކަނޑައަޅާފައިވަނީ 15 ޖާގަ އެވެ.

އެ ފުރުސަތަށް ޝަރުތު ހަމަވާ އަދަދު 15 އަށް ވުރެ އިތުރުވެއްޖެނަމަ އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަކުރި ފަހުން ގިނަ ދުވަސްވެފައިވާ މީހުންނާއި މެއިލް ފޮނުވާ ތަރުތީބަށް ބަލައިގެން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އިންޓާންޝިޕަށް ކުރިމަތިލާއިރު ކޮލެޖުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ހުށަހަޅަންޖެހެ އެވެ. އެ ކޮޕީއަކީ އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ކޮޕީއަކަށް ވާންޖެހެ އެވެ. އަދި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ އާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ. ޑޮކްޓަރުންގެ މުސާރައިގެ އާ އޮނިގަނޑުގައި ވަނީ އިންޓާން ޑޮކްޓަރުންނަށް 10،000ރ. ގެ އެލަވަންސެއް ކަނޑައަޅައިފަ އެވެ. އެއާ އެއްގޮތަށް، ސަރުކާރު ހޮސްޕިޓަލުތަކުގައި އިންޓާން ހަދާ ކޮންމެ ޑޮކްޓަރަކަށް އެ އެލަވަންސް ލިބޭނެ އެވެ.

މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.