Roadha Mihaaru

ހުޅުމާލެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކަށް ބުރޫއަރައިފި

ޓެކްނިކަލް މައްސަލައެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތަކަށް ބުރޫއަރައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

08 ޖުލައި 2025

ޓެކްނިކަލް މައްސަލައެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން ދިޔަ ބައެއް މީހުން ބުނީ ޑޮކްޓަރަށް ދެއްކުން ވަރަށް ލަހުން ކުރިއަށްދާ ކަމަށާއި އެކަމަކު ލެބޯޓަރީގެ ހިދުމަތެއް ނުލިބޭ ކަމަށެވެ. އެހެންވެ ހެނދުނު ލޭގެ ޓެސްޓުތައް ހަދަން ދިޔަ ގިނަ ބަޔަކު ވެސް އެތަނުގައި އެބަތިބި ކަމަށް ބުންޏެވެ.

ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ނެޓްވޯކަށް ދިމާވި މައްސަލައެއްގައި ބައެއް ހިދުމަތްތައް ލަސްވެފައިވާ ކަމަށާއި އެކަމަކު ހުރިހާ ހިދުމަތެއް ވެސް ލިބޭނެ ކަމަށެވެ.

"ޓެސްޓުތައް، ލޭ ނެގުން ވެސް އެބަ ކުރިއަށްދޭ. އެކަމަކު ތަންކޮޅެއް ލަހުން ކުރިއަށްދަނީ، މެނުއަލްކޮށް ބިލްތަކާ އެއްޗެހި ހަދަން ޖެހޭތީ،" އޭނާ ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ފަހުން ވިދާޅުވި ގޮތުގައި މިހާރު ވަނީ މައްސަލަ ހައްލުކޮށްފަ އެވެ.

ހޮސްޕިޓަލްގެ ހޮޓްލައިނަށް ގުޅުމުން ބުނީ ނެޓްވޯކް މައްސަލައެއް ދިމާވެފައިވާތީ ހުރިހާ ހިދުމަތެއް ވެސް ލިބުން މިވަގުތު ލަސްވާނެ ކަމަށެވެ. ނެޓްވޯކް މައްސަލަ ދިމާވިތާ އެއް ގަޑިއިރަށް ވުރެ ގިނަ އިރު ވެފައިވާ ކަމަށާއި އަލުން ހިދުމަތްތައް އާންމު ހާލަތުގައި ދޭން ފެށޭނެ އިރެއް ނެނގޭ ކަމަށް ވެސް ބުންޏެވެ.

ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގައި ގިނަ ބަޔަކު ހިދުމަތް ހޯދާ މި ހޮސްޕިޓަލުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަރަންޓު ކެނޑިގެން ވެސް އެތައް ގަޑިއިރަކަށް ހިދުމަތް މެދުކެނޑުނެވެ. ކަރަންޓަށް މައްސަލަ ދިމާވުމުން ވަގުތީ ގޮތުން އޯޕީޑީގެ ހިދުމަތް އެ ދުވަހު ދިނީ ހުޅުމާލެ 2 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކުންނެވެ.