Roadha Mihaaru
"ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު"

ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު: ނާޒިމް

07 ނޮވެމްބަރ 2024

ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އާއްމުންގެ އިތުބާރު ބޮޑު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އާއްމުންގެ އިތުބާރު ބޮޑު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ދަރިވަރުންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިވެހި ޑޮކްޓަރުން މުހިއްމު ކަމަށެވެ. ހާއްސަކޮށް ރަށްރަށުގެ ސިއްހީ ހާލަތު ރަނގަޅު ކުރަން ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ އެ ޑޮކްޓަރުން ޝައުގުވެރިވާ ދާއިރާއަކުން ސްޕެޝަލައިޒްވުމުގެ ވިސްނުން ގެންގުޅުމަށް ވެސް އެދިވަޑައިގެންފަ އެވެ.

މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން އެމްއެންޔޫގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ ސެޕްޓެމްބަރު، 2018 ގަ އެވެ. އޭގެ ފުރަތަމަ ބެޗުން 21 ދަރިވަރުން ވަނީ މިދިޔަ މަހުގެ 31 ގައި ގްރެޖުއޭޓްވެފަ އެވެ.

އެމްއެންޔޫ މެޑިސިން ސްކޫލުގެ ފުރަތަމަ ބެޗުގެ ދަރިވަރުންނާ، މިނިސްޓަރު ނާޒިމް އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އެމްއެންޔޫ މެޑިސިން ސްކޫލުގެ ފުރަތަމަ ބެޗުގެ ދަރިވަރުންނާ، މިނިސްޓަރު ނާޒިމް އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އެ ހުރިހާ ޑޮކްޓަރުން ވެސް މިހާރު އަންނަނީ އައިޖީއެމްއެޗްގައި އެއް އަހަރުގެ އިންޓާންޝިޕް ހަދަމުންނެވެ.

މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ ޑޮކްޓަރުން ޔުނިވާސިޓީގައި ކިޔެވި ދުވަސްވަރުގެ ތަޖުރިބާ ހިއްސާކުރައްވައި ކޯހުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުކުރަން ޔުނިވާސިޓީން ކުރި މަސައްކަތް ފާހަގަކުރައްވައިފަ އެވެ.

މިނިސްޓަރު އެދިވަޑައިގަތީ، ކިޔެވުން ނިންމުމަށް ފަހު ގައުމަށް ހިދުމަތްކުރުމުގައި ޑޮކްޓަރުން ވެސް ނަމޫނާ ދެއްކެވުމަށެވެ. އަދި މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކޮށްދިނުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.