Roadha Mihaaru
ޑޮކްޓަރުކަން ކިޔަވައިގެން މުސާރައަށް 15،000ރ!

މިލިއަނުން ލޯނު ނަގައިގެން ޑޮކްޓަރުކަން ކިޔަވައިގެން މުސާރައަށް 15،000ރ!

26 އޮކްޓޯބަރ 2021

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މަސައްކަތްކުރާނެ ދެ ޑޮކްޓަރުން ހޯދަން ކުރި އިއުލާނާއެކު ހިދުމަތުގައި މި ވަގުތު ތިއްބެވި ބައެއް ޑޮކްޓަރުން ފާޅުކުރެއްވީ ކަންބޮޑުވުންތަކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މަސައްކަތްކުރާނެ ދެ ޑޮކްޓަރުން ހޯދަން ކުރި އިއުލާނާއެކު ހިދުމަތުގައި މި ވަގުތު ތިއްބެވި ބައެއް ޑޮކްޓަރުން ފާޅުކުރެއްވީ ކަންބޮޑުވުންތަކެވެ.

އޭގެ ސަބަބުތައް ބައިވަރެވެ؛

އައިޖީއެމްއެޗުން ކުރި އިއުލާނުގައި ވަނީ އެއް އަހަރު ދުވަހަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ މެޑިކަލް އޮފިސަރުންގެ މުސާރައަކީ 15،090ރ. ކަމެވެ. އެއީ ހަފުތާއަކު ފަސް ދުވަހު، މަދުވެގެން އަށް ގަޑިއިރު މަސައްކަތްކޮށްގެންނެވެ.

ސާވިސް އެލަވަންސްގެ ގޮތުގައި 6،150ރ. އާއެކު މެޑިކަލް އޮފިސަރަކަށް މަހެއްގެ މައްޗަށް 21،240ރ. ލިބެ އެވެ. ދެން އިތުރަށް ލިބޭ އޯވަޓައިމްއާ އެކު ޖެނެރަލް ޑޮކްޓަރަކަށް ގިނަ ވެގެން ލިބެނީ ގާތްގަނޑަކަށް 25،000ރ. އެވެ.

ނަމަވެސް ބިދޭސީ ޑޮކްޓަރެއް ނަމަ ކުލީ އެލަވަންސް އާއި ފުޑް އެލަވަންސާ އެކު، އެއް ރޭންކެއްގައި ތިބި ނަމަވެސް އެ ޑޮކްޓަރުންނަށް މަހަކު ގެއަށް ގެންދަން ލިބޭ ވަރު ބޮޑުވެގެންދެ އެވެ.

އެ ކަންބޮޑުވުންތަކާ އެކު އައިޖީއެމްއެޗްގެ ހޭނައްތާ ޑޮކްޓަރު، ޑރ. އިސްމާއިލް ލަތީފު ވިދާޅުވީ ކިޔަވަން މިލިއަނެއްހާ ރުފިޔާ ނަގާފައި އޮއްވައި މުސާރަ އަށް ގާތްގަނޑަކަށް 1000 ޑޮލަރު ލިބުމަކީ ޕޮކެޓު މަނީއެއް ކަމަށެވެ.

އެހެންވެ، އޭނާ ދެކެވަޑައިގަތީ ޑޮކްޓަރުކަން ކިޔެވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެ ޓްވީޓަށް ރައްދުދިން އެހެން ޑޮކްޓަރުން ވެސް ވަނީ މުސާރައިގެ އިތުރުން، ކޮވިޑުގެ ހާލަތުގައި އެންމެ ބޮޑު ޒިންމާ އުފުލި ޑޮކްޓަރުންގެ އަގުވަޒަން ނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އައިޖީއެމްއެޗްގެ އެހެން ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، ޑޮކްޓަރުކަން ކިޔެވުމަށް ސިއްހީ ދާއިރާގައި މި ވަގުތު ތިބި މީހުން ލަފާ ނުދޭ ސަބަބު ބެލުމަށް ދިރާސާއެއް ބޭނުމެއް ނުވާނެ ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ، ދިވެހި ޓީޗަރުން ނުލިބުމުގެ މައްސަލަ ބެލުމަށް ތައުލީމީ ދާއިރާއާ ގުޅޭ ބޮޑު ދިރާސާއެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކަފުޅަށެވެ.

ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު ފާލިހު އަލީ ވިދާޅުވީ ޑޮކްޓަރެއްގެ ގޮތުގައި ހަތަރު ގައުމެއްގައި އޭނާ މަސައްކަތްކުރައްވާފައިވާ ކަމަށާއި އެތަނުން، ޑޮކްޓަރުންގެ އަގުވަޒަން ނުކުރަނީ ރާއްޖޭގައި ކަމަށެވެ.

"ހާއްސަކޮށް އާއްމުންނާއި ބަލި މީހުންގެ ފަރާތުން. އާސަންދަ ލިބޭ ނަމަ ގޫގުލް އިން ފަރުވާ ހޯދާނީ،" ޑރ. ފާލިހުގެ އެ ޓްވީޓުގައިވެ އެވެ.

ނަން ނުޖަހަން އެދިވަޑައިގެން ވާހަކަދެއްކެވި އެހެން ޑޮކްޓަރަކު "މިހާރު" އަށް ވިދާޅުވީ، ގިނަ ވަގުތުތަކަކާއި ބޮޑު ހަރަދެއް ކޮށްގެން ކިޔަވަނީ ގައުމަށް ހިދުމަތް ކުރަން ކަމަށެވެ. އެކަމަކު، މުސާރައިން އަޅާކިޔާއިރު، ތައުލީމީ ގާބިލްކަމެއް ނެތް، ސިޔާސީ މީހުންނަށް ލިބޭ ވަރު ވެސް ޑޮކްޓަރުންނަށް ނުލިބުމަކީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތަައުލީމީ އެއްވެސް ޝަރުތެއް ކަނޑައަޅާފައިނުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. އާއި ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު މަހަކު 82،000ރ. ލިބެ އެވެ. މި ސަރުކާރުން އަލަށް އުފެއްދި ސީނިއާ ޕޮލިސީ ޑިރެކްޓަރަކަށް ވެސް މުސާރައިގެ ގޮތުގައި 15،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 10،000ރ. އަދި ފޯނު އެލަވަންސްއާއެކު މަހަކު 25،500ރ. ލިބެ އެވެ.

"އެއީ އަސްލު އެންމެ ބޮޑު ކަންބޮޑުވުމަކީ. އެގޮތަށް ކަންތައްތައް ވެގެން ދިޔައީ މި ގަބޫލުކުރެވެނީ ރާއްޖެ އަށް އެހާ މުހިއްމު ދާއިރާއަކަށް ނުވެއޭ މެޑިސިންނެއް. ބޭނުންވާ ކަމެއް ނޫނޭ މިއީ،" އޭނާ ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ އިތުރުން އަމިއްލަ ކްލިނިކްތަކުގައި މަސައްކަތްކުރުމަކީ ވެސް ޑޮކްޓަރުންނަށް ފާޑުކިޔުން އަމާޒުވާ ކަމެކެވެ. އެކަމަކު، އެ ޑޮކްޓަރު ވިދާޅުވީ، ކްލިނިކްތަކުގައި އިތުރަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދަން މަޖުބޫރު ވަނީ ސަރުކާރުގެ ހޮސްޕިޓަލުން ލިބޭ މުސާރައިން އެކަނި، ކިޔަވަން ނެގި ލޯނު ދައްކައި، ދިރިއުޅުން ހަމަނުޖެއްސޭތީ ކަމަށެވެ.