Roadha Mihaaru
ޕްރައިމަރީ ހެލްތު ކެއާއިން މެޑިސިން ސްޕެޝަލައިޒޭޝަން ފަށަނީ

ރާއްޖޭގައި އަލަށް މެޑިސިންގެ ސްޕެޝަލައިޒޭޝަން ފަށަނީ، ފުރަތަމަ ޕްރައިމަރީ ހެލްތު ކެއާއިން

18 އޮކްޓޯބަރ 2022

ރާއްޖޭގައި މެޑިސިންގެ ދާއިރާއިން އަންނަ އަހަރު ސްޕެޝަލައިޒޭޝަންގެ ފުރަތަމަ ކޯސް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މެޑިސިންގެ ދާއިރާއިން އަންނަ އަހަރު ސްޕެޝަލައިޒޭޝަންގެ ފުރަތަމަ ކޯސް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއާއިން ހާއްސަވުމަށް ފަށާ ކޯސް ގެންދަނީ އެ މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަދި އިނގިރޭސި ވިލާތުގެ ރޯޔަލް ކޮލެޖު އޮފް ޖެނެރަލް ޕްރެކްޝަނާސް ޔުނިވާސިޓީ ގުޅިގެން ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފައިނޭންޝަލް އިވެލުއޭޝަނެއް މިހާރު އަންނަނީ ހަދަމުންނެވެ. ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބުމާއެކު، އަންނަ އަހަރުގެ ދެ ވަނަ ކުއާޓާގައި ތިން އަހަރުގެ އެ ކޯސް ފެށޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތު ކެއާއަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީންކުރަން ފެށިއިރު، ސިއްހީ ދާއިރާއާ ގުޅޭގޮތުން މި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ވެސް ބޮޑެތި ބަލިތައް މަދުކޮށް އެ ބަލިތަކަށް ކުރާ ހޭދަ ކުޑަކުރުމަށް ޕްރައިމަރީ ހެލްތު ކެއާ ވަރުގަދަކުރުމެވެ.

އެކަމަށް އަމާޒުކޮށް ކިއުބާއިން ވަނީ ދެ އަހަރު ދުވަހަށް ޑޮކްޓަރުން ގެނެސްފަ އެވެ. އޭގެ އިތުރުން ރަށްރަށުގައި މަސައްކަތްކުރާ ނަރުހުންނާއި ޕަބްލިކް ހެލްތު އަދި ޕްރައިމަރީ ހެލްތު ވޯކަރުން އަންނަނީ ތަމްރީން ކުރަމުންނެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު: ފެމިލީ ޑޮކްޓަރުން ތަމްރީނުވުމުން ބަލިތަކުން ރައްކާތެރިވުމުގެ ބަޔަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު: ފެމިލީ ޑޮކްޓަރުން ތަމްރީނުވުމުން ބަލިތަކުން ރައްކާތެރިވުމުގެ ބަޔަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޝާހު ވިދާޅުވި ގޮތުގައި ޕްރައިމަރީ ހެލްތު ކެއާއަށް ހާއްސަ ޑޮކްޓަރުން ނުވަތަ ފެމިލީ ޑޮކްޓަރުން ތަމްރީނުވުމުން ދިވެހިންގެ ތެރޭގައި އެންމެ އާއްމު ބަލިތަކަށް ފަރުވާ ދީ، އެ ބަލިތަކުން ރައްކާތެރިވުމުގެ ބަޔަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ އެވެ. އެއާއެކު، ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ކޮލެސްޓްރޯލާއި ލޭ މައްޗަށް ދިއުން ފަދަ އާއްމު ބަލިތަކަށް ފެމިލީ ޑޮކްޓަރުންނަށް ފަރުވާދެވޭނެ އެވެ.

"މިހާރު ސިސްޓަމް އަށް ޖެހޭ މައްސަލައަކީ ކޮންމެ ބައްޔަކަށް ވެސް ސްޕެޝަލިސްޓަކަށް ދައްކަން ބޭނުންވުން. އެކަމާ ހެދި ސިސްޓަމް ބްލޮކް ވަނީ. ރާއްޖޭގައި ރެފަރަލް ޕާތްވޭއެއް ވެސް އެބަ ޖެހޭ ހަދަން. މިސާލަކަށް ފެމިލީ ޑޮކްޓަރު މި ބުނަނީ ފުއްޕާމޭގެ މައްސަލަ ހުރި މީހާއަށް އެ ދާއިރާއިން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަންޖެހެއޭ. އެ ހިސާބުން އެ ބަލި މީހާއަށް އިންނަން ޖެހޭނީ އެޕޮއިންޓްމަންޓް ލިބިފައި،" ޝާހު ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް ރަނގަޅުކުރުމަށް ހެލްތު މިނިސްޓްރީގެ ޓީމެއް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކިއުބާގެ ސިއްހީ ދާއިރާގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. އެ ދަތުރުގައި ވެސް ބައިވެރިވެވަޑައިގެންނެވި ޝާހު ވިދާޅުވީ އެ ގައުމުގައި ވެސް މާ ރީތި ހޮސްޕިޓަލްތަކެއް ނެތް ނަމަވެސް ޕްރައިމަރީ ހެލްތު ކެއާ ވަރަށް ރަނގަޅަށް ގެންދާ ކަމަށެވެ.

އެ ތަޖުރިބާގެ އަލީގައި އަދި ޕްރައިމަރީ ހެލްތު ކެއާއަށް ހާއްސަ ޑޮކްޓަރުން ތަމްރީނުވާން ފެށުމުން ރާއްޖެއިން ވެސް އެ ބަދަލުތައް ފެންނާނެ ކަމަށް މިނިސްޓްރީން އުއްމީދުކުރެ އެވެ.

ގައުމީ ޔުނިވާސިޓީން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެމްބީބީއެސް ކިޔަވައިދެމުންނެވެ. އެ ކޯސް މިހާރު ގެންދަމުން އަންނަނީ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެންނެވެ.