10 އޯގަސްޓް 2022
ސިއްހީ ގޮތުން ދިމާވާ މައްސަލަތަކުގައި ރާއްޖޭގައި އެންމެ ގިނައިން ދެކެވެނީ ކެންސަރާއި ކިޑްނީ ނުވަތަ ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކާ ގުޅޭ ގޮތުންނެވެ. ނަމަވެސް، އެ ބަލިތައް ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވާ ނުވަތަ އުފާވެރި ދިރިއުޅުމަކަށް ހުރަސްއަޅައި، އޭގެ ފަހަތުގައި ފޮރުވިފައި ހުރި އެހެން ބަލިތަކާ ގުޅޭގޮތުން ޑޮކްޓަރުން ވެސް މާ ގިނަ ވާހަކައެއް ނުދައްކަވަ އެވެ. އެހެންވެ، އެ ކަންކަން ވެފައި އޮތީ ގިނަ ދިވެހިންނަށް ވެސް ނޭނގޭ ކަމެއްގެ ގޮތުގަ އެވެ.
ސިއްހީ ގޮތުން ދިމާވާ މައްސަލަތަކުގައި ރާއްޖޭގައި އެންމެ ގިނައިން ދެކެވެނީ ކެންސަރާއި ކިޑްނީ ނުވަތަ ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކާ ގުޅޭ ގޮތުންނެވެ. ނަމަވެސް، އެ ބަލިތައް ޖެހުމަށް އެންމެ ބޮޑަށް މަގުފަހިވާ ނުވަތަ އުފާވެރި ދިރިއުޅުމަކަށް ހުރަސްއަޅައި، އޭގެ ފަހަތުގައި ފޮރުވިފައި ހުރި އެހެން ބަލިތަކާ ގުޅޭގޮތުން ޑޮކްޓަރުން ވެސް މާ ގިނަ ވާހަކައެއް ނުދައްކަވަ އެވެ. އެހެންވެ، އެ ކަންކަން ވެފައި އޮތީ ގިނަ ދިވެހިންނަށް ވެސް ނޭނގޭ ކަމެއްގެ ގޮތުގަ އެވެ.
އޭގެ އެއް ސަބަބަކީ ރޫމަޓޮލޮޖީ ނުވަތަ ދިވެހިން އާއްމުކޮށް ކިޔާ ނަމުން ނަމަ ރާއްޖެ ބައްޔަށް ހާއްސަ ދިވެހި ޑޮކްޓަރެއް ނެތުމެވެ. ނަމަވެސް އުފާވެރި ހަބަރެއް ވެސް އެބައޮތެވެ. އެ ދާއިރާ އިން ދިވެއްސަކު ފުރަތަމަ ފަހަރަށް ވަނީ ޑޮކްޓަރަކަށް ވެ ވަޑައިގެންފަ އެވެ.
ރާއްޖެ ބަލި އަދި ދިފާއީ ނިޒާމަށް ޖެހޭ ބަލިތަކަށް ހާއްސަވެގެން، ޑރ. އިބްރާހިމް ޝުޖާއު ވަނީ މީގެ ދެ ހަފުތާވަރު ކުރިން އައިޖީއެމްއެޗްގައި މަސައްކަތް ފައްޓަވައިފަ އެވެ.
އެންމެ ކުޑައިރުއްސުރެ ޑޮކްޓަރަކަށް ވުމަށް ދެކެވަޑައިގަތް ހުވަފެން ހަގީގަތަކަށް ވުމުގެ ބިންގާ އެޅީ ވެސް ސަރުކާރުގެ މައި ހޮސްޕިޓަލުންނެވެ. މީގެ 26 އަހަރު ކުރިން އެ ހޮސްޕިޓަލުން ލިބިވަޑައިގަތީ ޕަބްލިކް ރިލޭޝަންސް އޮފިސަރުގެ ވަޒީފާއަކަށް ވިޔަސް އޭގެ އަހަރެއް ފަހުން ކްލިނިކަލް އެސިސްޓެންޓަކަށް ބަދަލުވެ، މަސައްކަތް ކުރައްވަނިކޮށް ޕާކިސްތާނުގެ ކަރާޗީން ޑޮކްޓަރުކަން ކިޔަވަން ސްކޮލަޝިޕެއް ލިބިވަޑައިގަތެވެ.
ހަ އަހަރުގެ ކިޔަވާ ވިދާޅުވުމަށް ފަހު އައިޖީއެމްއެޗްގައި ދެ އަހަރު މަސައްކަތްކުރެއްވުމަށް ފަހު ހަ މަސް ދުވަހުގެ ބޮންޑު ފުރިހަމަކުރެއްވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ހަ މަސް ދުވަހު މަސައްކަތްކުރެއްވި އެވެ.
ޝުޖާއު (ތިރިން ވައަތުގައި)، އިންޓާނަލް މެޑިސިން ޑިޕާޓްމަންޓްގެ ބައެއް ޑޮކްޓަރުންނާއެކު.
ޝުޖާއު ވިދާޅުވީ ބޮންޑު ފުރިހަމަކުރެއްވުމާ އެކު އޭނާ އެންމެ އިންތިޒާރު ކުރެއްވީ ވެސް ސްޕެޝަލައިޒްވުމުގެ ފުރުސަތަކަށެވެ. ނަމަވެސް އޮސްޓްރޭލިއާއިން މާސްޓާސް ހެއްދެވުމަށް އަނބިކަނބަލުންނަށް ފުރުސަތު ލިބިވަޑައިގަތްއިރު، ދަރިފުޅުގެ އުމުރު ހަގު ކަމުން ޝުޖާއު ވެސް ނިންމެވީ އޭނާގެ ކިޔެވުން ފަހަށް ޖައްސާލައި އާއިލާއާ އެކު ވަގުތީ ގޮތުން އެ ގައުމަށް ބަދަލުވާށެވެ.
ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން ރާއްޖެ ވަޑައިގަތްތަނާ ލިބިވަޑައިގަތް ފުރުސަތެއްގައި މެލޭޝިޔާގެ މަލާޔާ ޔުނިވާސިޓީން އިންޓާނަލް މެޑިސިން ފުރިހަމަކޮށް ޑިސެމްބަރު، 2012 ގައި އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވިއިރު، ރޫމަޓޮލޮޖީގެ ދާއިރާއިން ސުޕަ ސްޕެޝަލައިޒްވުމުގެ ޝައުގުވެރިކަން އޮތެވެ.
"އިންޓާނަލް މެޑިސިންގައި މަސައްކަތްކުރި ދުވަސްތަކުގައި އަޅުގަނޑަށް ފާހަގަކުރެވުނު އޮޓޯއިމިއުން ނުވަތަ މެތަތޮޑިކަލް ބަލިތަކުގެ ޕޭޝަންޓުން ގިނައިން އަންނަކަން ނުވަތަ އެ ޕޭޝަންޓުންނަށް ދެވޭ ފަރުވާތަ އެންމެ ރަނގަޅު ނޫންކަން ފާހަގަކުރެވުނީ،" މާލެ އިންގްލިޝް ސްކޫލާއި އެސްސީއީން ކިޔަވައި ވިދާޅުވި، ހއ. ކެލައަށް އުފަން ޑޮކްޓަރު ވިދާޅުވި އެވެ.
އެތެރެހަށީގެ ޑޮކްޓަރެއްގެ ގޮތުގައި ގާތްގަނޑަކަށް ހަ އަހަރު މަސައްކަތް ކުރެއްވުމަށްފަހު މެލޭޝިޔާގެ މަލާޔާ ޔުނިވާސިޓީން ތިން އަހަރުގެ ފެލޯޝިޕް ފުރިހަމަކުރެއްވީ ޔުނިވާސަލް ކުންފުނި އަދި ސަރުކާރުން ދިން ޕޭ ލީވްގެ އެހީގަ އެވެ.
ރޫމަޓޮލޮޖީއަކީ ޒަމާންވީ ބޭސްވެރިކަމުގައި ވަރަށް ފަހުން ތައާރަފްވެގެން އައި ފަރުވާއަކެވެ. އެހެން ގައުމުތަކުގައި އެ ފަރުވާ ކުރިއަރައިގެން ދިޔަތާ ވިއްސަކަށް އަހަރުވެގެން ދިޔަ ނަމަވެސް ރާއްޖޭގައި އެ ބަލިތަކަށް ފަރުވާ ފެށިގެން ދިޔައީ ވަރަށް ފަހުންނެވެ.
ޝުޖާއު ވިދާޅުވީ އެހެން ބަލިތަކާ އަޅާބަލާއިރު، ރޫމަޓޮލޮޖީގައި ބަލިތައް ދެނެގަންނަން އުނދަގޫވާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ރޫމަޓޮލޮޖީ ނުވަތަ ދިފާއީ ނިޒާމާ ގުޅޭ ބަލިތަކެއްގައި ވެސް އެއްކަހަލަ އަލާމަތްތައް ހުރުމެވެ.
ބަލިތައް ދެނެގަތުމަށް ބައެއް ފަހަރު ލެބޯޓްރީގެ ހިދުމަތް ވަރަށް މުހިއްމެވެ. އެކަމަކު ރާއްޖޭގައި ރޫމަޓޮލޮޖީގެ ހުރިހާ ބައްޔަކަށް ޓެސްޓު ނުކުރެވެ އެވެ. އައިޖީއެމްއެޗްގެ ލެބް ސާވިސްއާ ގުޅިގެން އިތުރު ޓެސްޓުތައް ހެދުމަށް މަޝްވަރާކުރަމުން އަންނަކަމަށް، އިންޓާނަލް މެޑިސިންގައި ރޫމަޓޮލޮޖީ ޑިޕާޓްމަންޓްގައި އަލަށް މަސައްކަތްކުރެއްވި ޑޮކްޓަރު ވިދާޅުވި އެވެ.
ޝުޖާއު މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ގިނަ އޮޓޯއިމިއުން ބަލިތައް ފެތުރެނީ ވަކި ސަބަބަކާ ހެދި ކަމެއް ބުނަން އަދިވެސް ދައްޗެވެ. އެކަމަކު، އެ ބަލިތައް ފެތުރެން މެދުވެރިވާ ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލްކުރުމެވެ.
ރޫމަޓޮއިޑް އާތުރައިޓިސް ނުވަތަ ރާއްޖެ ބައްޔަކީ ބައެއް ފަހަރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާ ވަރަށް ބޮޑަށް ގުޅިފައި ހުންނަ ކަމެކެވެ. ނޫނީ ބައެއް ފަހަރު ކެވޭ އެއްޗެހީގެ ސަބަބުން ވެސް އޮޓޯއިމިއުން ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ. އަނެއް ބައި ފަހަރު ވައިރަސްގެ ސަބަބުން އެ ގޮތަށް މެދުވެރިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޫމަޓޮލޮޖީގެ ބަލިތަކަކީ ބައެއް ފަހަރު އާއިލީ ގޮތުން ވެސް ވާރުތަކުރާ ބަލިތަކެއް ކަމަށެވެ. މިސާލަކަށް ސިސްޓަމެޓިކް ލުޕަސް އެރިތަމަޓޮސޮސް (އެސްއެލްއީ) އަކީ އޭގެ އެއް ބައްޔެވެ. ކިޑްނީއަށް އަސަރުކޮށް، އެ ގުނަވަން ވެސް ފެއިލްވެދާނެ އެސްއެލްއީއަކީ ގިނަ ފަހަރަށް އާއިލާތަކަށް ދެމިގެންދާ ބައްޔަކެވެ.
"ކުރީބައިގައި ދެނެގަނެވިއްޖެއްޔާ ކިޑްނީ އަށް އަސަރު ނުކުރަނީސް ބޭސްތައް ދިނުމުގެ ފުރުސަތު ނުވަތަ ރަނގަޅުވުމުގެ ފުރުސަތު އޮންނާނެ. ޑައިންގޯސް ނުކުރެވި ބައެއް ފަހަރު ވަރަށް ލަހުން ޑައިގްނޯސްކުރެވޭ. ލަހުން ޑައިގްނޯޒްކުރެވުނީމަ ވާ ގޮތަކީ ލަހުން ކިޑްނީއަށް އަދި ހަށިގަނޑުގެ ގުނަވަންތަކަށް ވެސް އަސަރުކޮށްފާނެ. ހަމަ އެގޮތަށް ސިކުނޑި އަށް ވެސް އެސްއެލްއީގެ ސަބަބުން އަސަރުކޮށްފާނެ،" ޝުޖާއު ވިދާޅުވި އެވެ.
ރާއްޖެ ބަލި ނުވަތަ ރުމަތައިޑް އާތުރައިޓިސް އަކީ ވެސް ހަމަ އެގޮތަށް ޖެހޭ ބައްޔެކެވެ.
"މި ކަހަލަ ބަލިތަކުގައި އަލާމަތްތައް ކުރީބައިގައި އަޅުގަނޑުމެންނަށް ދެނެގަނެވިއްޖެ ކަމުގައިވަންޏާ މި ބަލީގެ ފަރުވާ ފަސޭހައިން ދެވޭނެ އަދި ރަނގަޅުވުމުގެ ފުރުސަތު އޮންނާނެ. އޮޓޯއިމިއުން ބަލިތަކުގައި ގިނަ ފަހަރަށް ވާގޮތަކީ އަޅުގަނޑުމެންނަށް ދެވޭ ފަރުވާގެ ސަބަބުން ބަލި ކޮންޓްރޯލް ވަނީ. ނަމަވެސް ދާއިމީކޮށް އެ ބަލި ފިލައިގެން ދިއުން އެއީ ވަރަށް ނާދިރު ކަމެއް. އެކަމަކު ބަލިތަކުގައި ރަނގަޅުވުމުގެ ފުރުސަތު އެބައޮތް ކުރީބައިގައި އަޅުގަނޑުމެންނަށް ފަރުވާ ކުރެވިއްޖެ ކަމަށްވަންޏާ،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު، 2012 ވަނަ އަހަރު ސްޕެޝަލައިޒޭޝަން ނިންމެވުމަށްފަހު އޭނާގެ އަނބިކަނބަލުން އަދި ދަރިފުޅާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
ރޫމަޓޮލިޖިކަލް ބަލިތައް، އެހެން ބަލިތަކާ އަޅާބަލާއިރު މަދު ނަމަވެސް މި ބަލިތައް އާއްމުކޮށް ޖެހެނީ 20-50 އަހަރާ ދެމެދުގެ މީހުންނަށެވެ. އޭގެ ތެރެއިން އަންހެނުންނަށް މި ބަލިތައް ޖެހޭވަރު ގިނައިރު، އާބާދީގެ 5-7 ޕަސެންޓުގައި އެ ބަލި އުޅޭނެ ކަމަށް މީގެ ކުރިން ހަދާފައި ހުރި ދިރާސާތަކުން ދައްކާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރޫމަޓޮލޮޖީގެ އަސަރު މުޅި ހަށިގަނޑަށް ކުރެ އެވެ. އޭގެ އެއް ބަޔަކީ ހުޅުތަކާއި މަސްތަކެވެ. އޭގެ އިތުރުން، މައިބަދައާ ބުރަކަށީގެ ރިއްސުން ހިމެނެ އެވެ. ފަރުވާ ނުލިބި ގިނަ ދުވަސްވެއްޖެނަމަ މައިބަދަ ހަރުވުމުގެ ފުރުސަތު އޮވެ އެވެ.
ރޫމަޓޮއިޑް އާތުރައިޓިސް އަކީ ގިނަ ފަހަރަށް ހުޅުތަކުގައި ރިއްސާ ބައްޔެކެވެ. ނަމަވެސް ފުއްޕާމޭ ހަރުވުން ފަދަ މައްސަލަތައް ވެސް އެ ބަލީގައި ދިމާވެދާނެ އެވެ. އޭގެ އިތުރުން ހަމަށާއި ލޮލަށް ވެސް އަސަރުކުރެ އެވެ. ސޮރިއެޓިކް އާތުރައިޓިސް އަކީ އާއްމުގޮތެއްގައި ހަމުގެ ބައްޔަކަށް ވިޔަސް ހުޅުތަކަށް ވެސް ވަރަށް ބޮޑަށް އަސަރުކުރެ އެވެ. ހުޅުތަކުގައި ރިއްސާ، ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެ އެވެ.
ޝުޖާއު ވިދާޅުވީ އިންޓާނަލް މެޑިސިން ނިންމުމަށްފަހު އައިޖީއެމްއެޗްގައި މަސައްކަތްކުރެއްވި ހަ އަހަރުގެ ތެރޭގައި ފާހަގަކުރެވުނު އެއް ކަމަކީ ދިވެހިންގެ ހުޅުހުޅުގައި ރިއްސުން ފަދަ މައްސަލަތައް ގިނަ ކަމެވެ. އެ ފަރުވާ ދިނުމުގައި ވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ އާތުރައިޓިސްގެ ވައްތަރުތައް ދެނެގަތުމެވެ.
އެކަމަކު، މީގެ ކުރިން ވެސް އައިޖީއެމްއެޗްގެ އިންޓާނަލް މެޑިސިންގެ ޓީމުން ދިޔައީ އާތުރައިޓިސްއަށް ފަރުވާ ދެމުންނެވެ. އެ ބައްޔަށް ދޭ މައިގަނޑު ފަރުވާގައި ހިމެނެނީ ބަޔޮލޮޖިކްސް އަދި ޓާގެޓެގް ތެރަޕީ އެވެ. އެ ގޮތަށް ފަރުވާ ދޭއިރު، މީހާއަށް އަންނަ ބަދަލުތައް ބަލައި ބޭސްތައް ވެސް ބަދަލުކުރަން ޖެހެ އެވެ. އެހެންވެ، ޝުޖާއު ވިދާޅުވީ އެ ފަރުވާ އެންމެ ރަނގަޅަށް ދެވޭނީ ރޫމަޓޮލޮޖިސްޓަކަށް ކަމަށެވެ.
ޝުޖާއު އޭނާގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑުއެއްބަފާ މީހުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން. ކޮވިޑު ޖެހިގެން މަންމަ ވަނީ މިދިޔަ އަހަރު ނިޔާވެފައި.
ރޫމަޓޮއިޑް އާތުރައިޓިސްގައި 2-3 އަހަރުގެ ތެރޭގައި ރަނގަޅު ފަރުވާ ނުލިބިއްޖެނަމަ ހުޅުތައް ގިރިގެން ހިނގައިދާނެ އެވެ. އެސްއެލްއީގައި ރިއްސަނީ ހުޅުތައް ގިރިގެން ދާ ކަހަލަ ރިއްސުމެއް ނޫނެވެ. ބޮޑަށް ދިމާވަނީ ކިޑްނީ އާއި ސިކުނޑި އާއި ފުއްޕާމޭ ނުވަތަ އެތެރޭގެ ގުނަވަންތަކަށް އަސަރުކުރާ ބައްޔެވެ. އެއީ ހުޅުތަކުގައި ރިއްސުމަށްވުރެ މާ ނުރައްކާތެރި ކަމެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝޮގްރަމް ސިންޑްރަމްގައި ވެސް ހުޅުހުޅުގައި ރިއްސާނެ ކަމަށާއި ބައެއް މީހުންގެ ލޮލަށް ވެސް އޭގެ އަސަރު ކުރެ އެވެ. ޝޮގްރަމްއަކީ ވެސް ކޮންމެ ގުނަވަނަކަށް ވެސް އަސަރުކޮށްފާނެ ބައްޔެކެވެ. އެ ބަލިތައް ލޭބަލްކުރުމުގައި ތަފާތުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ އޮޓޯއިމިއުން އަކީ ދިގު މުއްދަތަކަށް ތަހައްމަލުކުރަންޖެހޭ ބަލިތަކެއް ކަމަށެވެ. އޭގެ ސަބަބުން ގުނަވަންތަކަށް އަސަރުކޮށް، ފަރުވާ ނުލިބި ދިގުލައިގެން ދިއުމުން އެ ގުނަވަންތައް ފެއިލްވަނީ އެވެ. އޭގެ ސަބަބުން މީހާގެ ފުރާނައެއް ނުރައްކާވެދާނެ އެވެ. މިސާލަކަށް ރޫމަޓޮއިޑް އާތުރައިޓިސް ކޮންޓްރޯލް ނުވާނަމަ ފުއްޕާމޭ ހަރުވެގެންދެ އެވެ. އެގޮތަށް ވެއްޖެނަމަ، ފުއްޕާމޭ ފެއިލްވެގެން ފުރާނަ ނުރައްކާވާ ހިސާބަށް ހިނގައިދާނެ އެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ފެއްޓެވި ފުރަތަމަ ހަފުތާގައި ވެސް އޮޓޯއިމިއުންގައި ބޮޑުވަރުވެ ތިން މީހަކަށް އަންނަނީ އެޑްމިޓުކޮށްގެން ފަރުވާ ދެމުންނެވެ. އެތަނުން އެކެއްގެ ފުއްޕާމޭ ހަރުވެގެން ގޮސް ވަނީ ހަލާކުވެފަ އެވެ.
ޝުޖާއު ވިދާޅުވީ އެ ބަލިތަކަށް ފަރުވާ ދެވުނު ނަމަވެސް އަގުބޮޑު ބޭސްތަކަކަށް ވާތީ ގަވައިދުން ރާއްޖެއިން ލިބުމުގައި ދަތިތައް ހުންނަ ކަމަށެވެ. އެކަން ހައްލުކުރުމަށް އެސްޓީއޯއާ ވާހަކަދައްކައިގެން ގަވައިދުން ބޭސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުހުޅުގައި ރިއްސާ ބަލިތަކުގައި އިންފްލަމެޓްރީ އާތުރައިޓިސް އާއި ރޫމަޓޮއިޑް އާތުރައިޓިސް އާއި ސޮރިއެޓކް އާތްރައިތިސް އަދި ގޮޓިކް އާތުރައިޓްސް ހުރެ އެވެ. މި ހުރިހާ ބައްޔެއްގައި ވެސް ރިއްސަނީ ހުޅުތަކުގަ އެވެ. ނަމަވެސް އެ ހުޅުތަކުގައި ރިއްސާ ގޮތާއި އެ ބަލި ޖެހޭ ގޮތް އަދި ދޭ ފަރުވާ ވެސް ތަފާތުވެ އެވެ.
ޑރ. ޝުޖާއު، "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޝުޖާއު ވިދާޅުވީ އެ ކޮންމެ ބައްޔަކަށް ޑައިގްނޯޒްކުރެވުުމުން އެ ބަލީގެ ސްޓޭޖް ދެނެގަންނަ ކަމަށެވެ.
އާއްމުކޮށް މިތަނަށް ޖެހޭ ބައްޔަށް ކިޔަނީ އިންފްލަމެޓްރީ މަޔޯސައިޓިސް އެވެ. އޭގައި ވެސް ހުޅުތަކުގައި ރިއްސިއަސް، ހުޅުތައް ހަލާކުވުމުގެ ފުރުސަތު ކުޑަވާނެ އެވެ. ބޮޑަށް އަސަރުކުރަނީ އަތާއި ފައިގެ މަސްގަނޑު އަދި ހަންގަނޑަށެވެ.
ފުއްޕާމޭ ހަރުވުމަކީ ވެސް މި ބަލީގެ އެއް އަލާމަތެވެ. އޮޓޯއިމިއުންގެ އެއް އަލާމާތަކީ ފުއްޕާމޭ ހަރުވުމެވެ. އޭގެ މާނައަކީ ފުއްޕާމޭ ހަލާކުވުން ހިމެނެ އެވެ. މި ބަލި އާއްމުކޮށް ޖެހެނީ އުމުރުން ދުވަސްވީ މީހުންނަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އަންހެނުންނާއި ފިރިހެން ދަރިފުޅު އަދި ފުއްޕާމޭ ފެއިލްވެގެން ދާއިމީކޮށް ފަރުވާ ހޯދަމުން ދިޔަ މަންމަ ދޫކޮށް މެލޭޝިޔާއަށް ވަޑައިގަތުމަކީ އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ ނިންމުމެވެ. ކޮވިޑުގެ ސަބަބުން ދަތުރުކުރުމުގައި މެލޭޝިޔާގައި އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ކޮވިޑުގައި މިދިޔަ އަހަރު ނިޔާވި މަންމަގެ ޖަނާޒާގައި ވެސް އޭނާއަށް ބައިވެރިވެވަޑައިނުގެންނެވުނެވެ.
އެކަމަކު، ބަލި މަންމައެއްގެ ގާތުގައި އުޅެ ބޮޑުވުމުން މެޑިސިންގެ ދާއިރާއަށް އުފެދުނު ޝައުގުވެރިކަމާއެކު، އެ ހުވަފެންތައް ހަގީގަތަކަކަށް ހެދުމަށް ކުރި އުނދަގޫ އަދި ދިގު ދަތުރަށްފަހު މުހިއްމު ދާއިރާއަކުން ސުޕަ ސްޕެޝަލައިޒްވެ، ބަލި މީހުން އުފުލާ ވޭނާއި ކެކުޅުމަށް ލުއެއް ގެނެސްދެވޭތީ އޭނާ ހުރީ ހިތްހަމަޖެހިވަޑައިގެންފަ އެވެ.
އަސަދު: ދުވަސްވީ ތަދުތަކަށް ހާއްސަ ފުރަތަމަ ޑޮކްޓަރު
އިންޓާންޝިޕް އެގްރިމެންޓްގައި ސޮއިކުރުން މަޑުޖައްސާލައިފި
މެޑިސިން އިންޓާންޝިޕް ޑޮކްޓަރުންގެ ކަންބޮޑުވުން ރައީސަށް
ޑޮކްޓަރުކަން ކިޔަވައިގެން މުސާރައަށް 15،000ރ!
އައިޖީއެމްއެޗުގެ އިންޓާން ރާއްޖޭގައި ކިޔަވާ ކުދިންނަށް
"ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު"
ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗު ގްރެޖުއޭޓްވެއްޖެ
ކިޔޫ ކުޑަކުރަން ބަލި މީހުން ބަލާ ވަގުތު އިތުރުކޮށްފި
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
10އަހަރު ފަހުން ކިޑްނީގެ ދެ ވަނަ ޑޮކްޓަރު ހިދުމަތަށް