ޑޮކްޓަރުކަން ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަ ދަރިވަރުންތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގައި ކޯސް ކުރިއަށް ނުގެންދެވި އެނބުރި އަންނަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
10 ސެޕްޓެމްބަރ 2025
ޑޮކްޓަރުކަން ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަ ދަރިވަރުންތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގައި ކޯސް ކުރިއަށް ނުގެންދެވި އެނބުރި އަންނަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސްރީ ލަންކާ އާއި މެލޭޝިއާ އާއި ފިލިޕިންސަށް ދިޔަ ފަހުން އެނބުރި އަންނަން ޖެހުނު ދަރިވަރުންގެ ތެރޭގައި، ޑޮކްޓަރުކަން އަލަށް ކިޔަވަން ދިޔަ މީހުންނާއި ސްޕެޝަލައިޒް ވާން ދިޔަ މީހުން ހިމެނެ އެވެ.
ރާއްޖޭގެ އެޖެންސީއެއް ކަމަށްވާ ޒީޑް އިންޓަނޭޝަނަލް އިން މި ސްކޭމްގައި، 10،000 ޑޮލަރު ދައްކަން ޖެހޭ ޓިއުޝަން ފީ އަށް، ބައެއް ދަރިވަރުންގެ އަތުން 40،000 ޑޮލަރު ވަނީ ނަގައިފަ އެވެ.
މި ދަރިވަރުންނަށް އިންސާފު ހޯދައިދޭން ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދޭ، އެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު އަދި ގާނޫނީ ވަކީލް އިބްރާހީމް ހާފިޒް "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ފެންމަތިވީ ކިޔަވަން ދިޔަ ގައުމަކުން އެއް ދަރިވަަރަކު ޑީޕޯޓްކުރުމުން ކަމަށެވެ.
ސްޕެޝަލައިޒްވާން ފިލިޕީންސަށް ދިޔަ ދަރިވަރު ޑީޕޯޓްކުރި ސަބަބު ބެލިއިރު، އެ ސްކޭމްގައި އިތުރު ދަރިވަރުންތަކެއް ތާށިވެފައި ތިބިކަން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފައިސާ ދައްކައިގެން ދިޔަ 15 މީހެއްގެ ކިޔެވުން ނުފެށި އެނބުރި އަންނަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކަމަކު، އެ 15 ޑޮކްޓަރުންނާ ޒީޑްއާ ގުޅުމެއް ނެތް ކަމަށް ވެ އެވެ.
"އެއީ ރާއްޖޭގައި މަސައްކަތް ކޮށްފައި ސްޕެޝަލައިޒް ވާން ދިޔަ 15 ޑޮކްޓަރުން. އެ މީހުން ޕިލިޕީންސަށް ގެންދިޔައީ ކުޑަ ދުވަސްކޮޅެއް ތެރޭ އެ ގައުމުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހަދަން ޖެހޭ ޓެސްޓު އޮންނާނެއޭ ކިޔާފައި،" ހާފިޒް ވިދާޅުވި އެވެ.
"އެ ޓެސްޓު ހަދަން 1،500 ޑޮލަރުގެ ފީއެއް ދައްކާފައި ރާއްޖެއިން އެ ކުދިން ދިޔައީ. އެ ޑޮކްޓަރުން އެ ގައުމަށް ގޮސް ޓެސްޓް ހަދަން ބެލިއިރު އެޖެންސީން އޮތީ އެ އިންތިޒާމުތައް ހަމަނުޖައްސާ. އެހެންވެ ޓެސްޓު ވެސް ނުހެދުނު. އަސްލު ދައްކަން ވެސް މި ޖެހެނީ 20 ޑޮލަރު."
ހާފިޒު ވިދާޅުވި ގޮތުގައި ފިލިޕީންސަށް ސްޕެޝަލައިޒްވާން ފޮނުވި ބައެއް ޑޮކްޓަރުންގެ އަތުން ތިން އަހަރަށްވާ ޓިއުޝަން ފީގެ ގޮތުގައި 40,000 ޑޮލަރުގެ ފީއެއް ނެގުމަށް ވެސް ވަނީ އެއްބަސްވުން ހަދައިފަ އެވެ. ނަމަވެސް އެ ޔުނިވާސިޓީއަށް އަސްލު ދައްކަން ޖެހޭ އަގަކީ 10,000 ޑޮލަރުކަން ފަހުން އެނގުނު ކަމަށް ވެސް ހާފިޒް ވިދާޅުވި އެވެ.
"ފިލިޕީންސަށް ދިޔަ ކުދިން މިއީ. ފޭސްބުކުގައި މި ވާހަކަތައް ޖެހުމުން އެހެން ގައުމުތަކަށް ކިޔަވަން ދާން ތިބި ކުދިންގެ ބެލެނިވެރިން ވެސް އަޅުގަނޑަށް ގުޅި. މި މީހުންގެ [ޒީޑް]ގެ ސްކޭމްގައި ޖެހި ނުޖެހި ތިބި މީހުން. ހުރިހާ ކަމެއް ނިންމައި ފައިސާ ނުދައްކާ ތިބި މީހުން. އެއީ ސްކޭމެއް ކަމަށް ޝައްކުވާތީ،" އޭނާ ވިދާޅުވި އެވެ.
ހާފިޒް ވިދާޅުވީ އެކި ނަންނަމުގައި ޒީޑް އިން ރާއްޖޭގައި އޮޕަރޭޓް ކުރާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ.
- އެ ތިން ގައުމުގައި މެޑިސިން ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަތުން އެ ކިޔަވައިދޭ މަރުކަޒުތަކުން ނަގާ އަސްލު ޓިއުޝަން ފީގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ ބޮޑު އަގު ދައްކަން ޖެހޭ ކަމަށް ބުނެ ދަރިވަރުންނަށް އޮޅުވާލައި ފައިސާ ނަގާފައިވުން.
- އެ އޭޖެންސީން ދަރިވަރުންނަށް ދީފައިވާ ގޯސް މައުލޫމާތުގެ ސަބަބުން ވިސާގެ މައްސަލަތަކުގައި ބައެއް ދަރިވަރުން ގައުމުތަކުން ޑީޕޯޓުކުރުން.
- ދަރިވަރުންގެ އަތުން ފީ ނަގައި ކަނޑައެޅިފައިވާ ހޮސްޕިޓަލްތަކަށް ފައިސާ ނުދެއްކި، ކިޔެވުން ނުފެށި އަނބުރާ ރާއްޖެ އަންނަން ޖެހުން.
މާލޭގެ ބޮޑެތި މަގުތަކުގައި އިޝްތިހާރުތައް ބަހައްޓައިގެން މިހާރު ވެސް ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގައި ދަރިވަރުންނާ އެ އެޖެންސީން ބައްދަލުކޮށް ޕްރެޒެންޓޭޝަން ދެމުން އަންނަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގާ އޮފީހުގައި ކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒީޑް އަކީ ރާއްޖޭގައި 2023 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ކްރިކެޓް ބޯޑު މެމްބަރު އަބްދުﷲ އިމާދް އިސްމާއިލް އާއި މުހައްމަދު ރާއީ އިމާދުގެ އިތުރުން އައިމިނަތު ޝަހީދާ ކިޔާ މީހެކެވެ.
ނަމަވެސް އެއީ އެ މީހުންނާ ގުޅިގެން ކުރާ ކަމެއްކަން ޔަގީނެއް ނުކުރެވެ އެވެ.
އެޗް އެންޑް އެސޯސިއޭޓްސް އިން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ގޮވާލައިފަ އެވެ.
ކްރިކެޓް އޮފީސް ނަހަމަ ގޮތުގައި ބޭނުންކުރުމުން ފިޔަވަޅު
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ޗައިނާ މީހުންނަށް ރާއްޖޭގައި ބޮޑު ސްކޭމެއް
ގެދޮރުވެރިޔާ ފްލެޓާ ގުޅޭ ސްކޭމް މެސެޖެއް، ސަމާލުވޭ
އީ-ސިމަކަށް ބަދަލުކޮށް މީހެއްގެ އެކައުންޓުން ފޭރިއްޖެ
އަސްކޮއިއިން ލަނޑުލިބުނު މީހުން ރިޕޯޓްކުރަން އެދިއްޖެ
ސްކޭމުގެ ބޮޑެއް އަތުލައިގަންނަން އެހީވީ އާންމުން