Roadha Mihaaru

ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަނެއްހާ ރުފިޔާ ނަގައިފި

ސްކޭމްކޮށްގެން އެކި މީހުންގެ އަތުން މިލިއަނެއްހާ ރުފިޔާ ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

27 އޯގަސްޓް 2025

ސްކޭމްކޮށްގެން އެކި މީހުންގެ އަތުން މިލިއަނެއްހާ ރުފިޔާ ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އައްޑޫ ފޭދޫ، ޑޭލައިޓްވިލާ، ޝިހާން ޝިޔާމް، 29، އެވެ.

ފުލުހުން މިއަދު ބުނީ މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެންޓި-ސްކޭމް ސެންޓަރާއި އައްޑޫ ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ހިތަދޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއީ، އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

އޭނާ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން ފައިސާ ފޭރުން ފަދަ އިތުރު 12 މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓުގައި ދައުރުކޮށްފައިވާ ކަމާއި އެ 12 މައްސަލައިގެ ޖުމްލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.