Roadha Mihaaru
ޖަރީމާ ހިންގި ޓެލެގްރާމް ޗެނަލްގެ އަޑީގައި ދެމަފިރިން

ޓެލެގްރާމް ޗެނަލްގެ އަޑީގައި ދެމަފިރިން، ގިނަ ބަޔަކަށް ތުހުމަތު، އެތައް މިލިއަން ރުފިޔާގެ ޓްރާންސެކްޝަން

17 މާޗް 2024

ޓެލެގްރާމް ޗެނަލްތައް ހަދައިގެން ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށް ވި، ޓެލެގްރާމްގެ ޗެނަލްގެ މައްސަލައިގެ ތުހުމަތުކުރާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި އެ އިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެލެގްރާމް ޗެނަލްތައް ހަދައިގެން ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށް ވި، ޓެލެގްރާމްގެ ޗެނަލްގެ މައްސަލައިގެ ތުހުމަތުކުރާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި އެ އިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ސައިބާ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު އިންސްޕެކްޓަ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވިދާޅުވީ، ޖަޒީރާ އެޑްމިން އާއި ޖަޒީރާ ގާލްސް އާއި ޖަޒީރާ އެސްކޯޓް ގެލަރީ އާއި ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރު ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް، އެކަމުގެ ތުހުމަތުގައި މި މަހުގެ 6 ވަނަ ދުވަހު އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ތަހުގީގަށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ޓެލެގްރާމް ގްރޫޕުތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެމަފިރިންނެވެ. އޭގެ ތެރެއިން އެކަކަކީ، ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

އާމިނަތު ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރިއަސް، އެ މީހުންގެ އެކައުންޓުތަކުން ފައިސާގެ ބޮޑެތި ޓްރާންސެކްޝަން ހިންގާފައިވާ ކަމަށެވެ. އެ ބޮޑެތި މައްސަލަތަކުގެ ތުހުމަތު އަދިވެސް ގިނަ ބަޔަކަށް ކުރަމުންދާ ކަމަށާއި އެ އިން ކޮންމެ މީހެއްގެ އެކައުންޓުން ވެސް ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ދައުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެލެގްރާމް ޗެނަލް ފުލުހުން ހިފަހައްޓައި ފޮޓޯ ބަދަލު ކޮށްފައި--

ޓެލެގްރާމް ޗެނަލް ފުލުހުން ހިފަހައްޓައި ފޮޓޯ ބަދަލު ކޮށްފައި--

"މި މައްސަލައިގައި އަދި ވެސް ގިނަ ފަރާތެއްގެ އެކައުންޓުތައް ބަލަމުންދާތީ، އެ އަށް ވަގުތުތަކެއް ނަގާނެ ކަމުގައި ވާތީ، އެ ހުރިހާ ފަރާތެއްގެ އެކައުންޓު ތަފްސީލު މި ވަގުތު އަޅުގަނޑުމެންނަށް ދެވެން ނެތް،" އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އާމިނަތު ވިދާޅުވި އެވެ.

ހަށިވިއްކުމަށް ބޭރުން މީހުން ގެނެސް، އެކަމަށް ހާއްސަ ޓެކްސީ!

ފުލުހުން ބުނިގޮތުގައި ޖަޒީރާގެ ޗެނަލްތަކުން ހިދުމަތް ހޯދަން އެ ތަންތަނަށް ދުވާލެއްގެ މައްޗަށް ގިނަ ބަޔަކު މެސެޖު ކުރެ އެވެ. އޭޕްރީލް، 2023 ގައި އުފެއްދި ޗެނަލްތަކަށް ފުލުހުންގެ ބާރު ލިބުނުއިރު 7،000 އަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.

ނިއުސް ކޮންފަރެންސްގައި ދެއްކި ޕްރެޒެންޓޭޝަނުން އެނގުނު ގޮތުގައި، އެ ޗެނަލް ހިންގާތާ މިވީ އަހަރެއްގެ ތެރޭގައި، ޖަޒީރާ އެންމެ ކުރިއަރާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ ތެރޭގަ އެވެ. އެކަމުގައި ފާހަގަވި އެއް ޓްރެންޑަކީ، ޗެނަލް އެންމެ އެކްޓިވްކޮށް ހިންގާފައިވަނީ މެންދުރު 1:00-3:00 އާ ދޭތެރޭގައި ކަމެވެ.

އެންމެ ގިނައިން އިޝްތިހާރު ކޮށްފައިވަނީ، އެ ޕްރެޒެންޓޭޝަނުން ދައްކާގޮތުގައި ބަނގުރާގެ ބާވަތްތަކާއި ފޯޖަރީކޮށްގެން ހަދާފައިވާ މެޑިކަލް ސެޓްފިކެޓާއި ހަޝިޝް ތެޔޮ އަދި ހަށިވިއްކުމާ ގުޅޭ ކަންކަމެވެ.

އިސްކަންދަރު ކޮށީގައި މިއަދު ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ސައިބާ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު، އިންސްޕެކްޓާ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ކޮށީގައި މިއަދު ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ސައިބާ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު، އިންސްޕެކްޓާ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާމިނަތު ވިދާޅުވީ އެ ހިދުމަތް ދިނުމަށް ބޭރުގެ އެކި ގައުމުތަކުން ބިދޭސީން ގެނެސްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި، އެ މީހުން ރާއްޖެ އައިސްފައި ވަނީ ޓޫރިސްޓު ވިސާގަ އެވެ. އޭގެ އިތުރުން، ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ހާއްސަ ޓެކްސީއެއް ވެސް މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވިފައިވާ ކަމަށް އާމިނަތު ވިދާޅުވި އެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ އެކައުންޓުތަކުން، އެއް އެކައުންޓުން އަނެކަކުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ފާހަގަކުރެވޭ. އަދި ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ހާއްސަ ޓެކްސީއެއް މި މައްސަލައިގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެއް އަހަރު ވިއިރު ޓެކްސީއެއް ހާއްސަ ކުރެވިފައިވޭ." އާމިނަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ، ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާދާއިރާގައި ހިންގި ޗެނަލެވެ.