ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކުރީ އޭގެ ތެރެއިން ބައެއް ކުދިންގެ ވަނަވަރު ވެސް އެނގޭ ގޮތަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
12 ސެޕްޓެމްބަރ 2024
ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކުރީ އޭގެ ތެރެއިން ބައެއް ކުދިންގެ ވަނަވަރު ވެސް އެނގޭ ގޮތަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސައިބާ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވީ އެ ޗެނަލްތަކުގައި ކުޑަކުދިން ފޮޓޯ އާއި ވީޑިއޯ އާންމުކުރީ އެ ކުދިންގެ ވަނަވަރު އެނގޭ ގޮތަށް ކަމަށެވެ.
"އެންމެ ހިތާމަވެރި ކަމަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ސީސޭމް ކޮންޓެންޓް ޕޯސްޓް ކޮށްފައިވާކަން. އަދި މީގެ އެންމެ ބޮޑު ގެއްލުމަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެ ކުދިން ވަނަވަރު އެނގޭ ގޮތަށް ފޮޓޯތައް ޕޯސްޓް ކޮށްފައިވާކަން،" އަޒީފް ވިދާޅުވި އެވެ.
އަޒީފް ވިދާޅުވި ގޮތުގައި، ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ޓެލެގްރާމްގައި ޕޯސްޓުކޮށްފައި ވަނީ ވިކްޓިމްސްއަށް ބިރު ދައްކައި، އިންޒާރު ވެސް ދިނުމަށް ފަހު އެވެ. އަދި އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފުލުހުން މިއަދު ބުނި ގޮތުގައި، ހަމައެކަނި ކުޑަކުދިން ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް އެމީހުން ހިންގި އެވެ. އަދި އެޑިޓްކޮށްގެން "އޮރިޔާން މަންޒަރު" ހަދައި، ކުދިންގެ ފޭކް ފޮޓޯތައް ވެސް އެ ޗެނަލްތަކުގައި އާންމުކޮށްފައިވެ އެވެ.
ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ 300،000 އަށް ވުރެ ގިނަ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
އެ ޓެލެގްރާމް ޗެނަލްތައް ހިންގައި، އެއިން މާލީ މަންފާ ހޯދި ތިން މީހުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށް، ބަންދުކޮށްފަ އެވެ. އެއީ އދ. މަހިބަދޫ، ބަހާރުގޭ ޒުބައިރު އަލީ އާއި މާލެ، ދަފްތަރު ނަންބަރު ރސ 14751 ނާސިފް އަލީ އާއި ކ. ކާށިދޫ، ސިލިންކޯ އިސްމާއިލް ރަބީހު އެވެ. އެ ތިން މީހުން ބަންދަށް ކޯޓުން އެންމެ ފަހުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
އަޒީފް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ޒަބީހްގެ ފޯނު ބެލިއިރު، މި ނޫން އިތުރު ބައިވަރު ކުށްތަކަށް ވެސް އޭނާ އަރައިގަނެފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި "ރޮމޭސް ސްކޭމް"ގެ މައްސަލަތައް ވަރަށް ގިނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލަތަކުގައި ފައިސާގެ މުއާމަލާތްތައް ހިންގާފައި ވަނީ ނާސިފް އަލީ މެދުވެރިވެގެން ކަމަށް ފުލުހުން ބުންޏެވެ.
"ނާސިފް އަލީ މި ޗެނަލްތައް ހިންގައި އެހެން ފަރާތްތަކާ ބައިވެރިވެ، ގިނަ އަދަދެއްގެ ފައިސާ އޭގެ އަސްލު ގެއްލުވާލުމަށްޓަކައި މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކުރެވުނު،" އަޒީފް ވިދާޅުވި އެވެ.
މި މައްސަލާގައި ޝާމިލުވާ ޒުބައިރުގެ ފޯނުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ޓެލެގްރާމް ޗެނަލްތަކުގައި ޕޯސްޓުކޮށްފައިވާކަން އެނގުނު ކަމަށް އަޒީފް ވިދާޅުވި އެވެ.
"މި ނޫނަސް އަދި މި މައްސަލައާ ގުޅިގެން އަދި މި ހިނގާ މައްސަލަ، އެހެން މީހުންނަށް މި ކަންތައްތައް ކިޔައިދިނުމަށްޓަކައި ވެސް ޒުބައިރު އަލީ މަސައްކަތް ކޮށްފައިވާކަން އޭނާގެ ފޯނުން ފާހަގަކުރެވުނު،" އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް އެއީ ޒުބައިރު އަލީގެ އިންޓްރެސްޓް ހުރެ ހޯދުމަށް މަސައްކަތްކުރާ އެއްޗެއްކަން ވެސް، މި ޗެނަލްތައް މެދުވެރިކޮށް އެކިއެކި މީހުންނާ ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވުނު: ޕޮލިސް
"ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިއޯތައް އެއީ ޒުބައިރު އަލީގެ އިންޓްރެސްޓް ހުރެ ހޯދުމަށް މަސައްކަތްކުރާ އެއްޗެއްކަން ވެސް، މި ޗެނަލްތައް މެދުވެރިކޮށް އެކިއެކި މީހުންނާ ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވުނު."
އަޒީފް ވިދާޅުވި ގޮތުގައި، އެ މަންޒަރުތައް ޗެނަލްތަކުން ނަގަން ވިކްޓިމުން އެދުމުން، ޒުބައިރު ވަނީ ފައިސާ ދިނުމަށާއި އޭނާއާ އެކު ޖިންސީ ގުޅުން ހިންގަން ވިކްޓިމުންނަށް ޑިމާންޑްކޮށްފަ އެވެ.
ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތައް ހުއްޓުވި މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފުލުހުން ކުރިން ބުނެފައި ވަނީ އެ ތިން މީހުން ހައްޔަރުކޮށް، އެ މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށެވެ. އަދި އެ ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމްގެ ނުވަ އެކައުންޓެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ވެސް، ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން
ބަރަހަނާ ފޮޓޯ/ވީޑިއޯ ލައްކައިން، ކުޑަކުދިން ހިމެނޭ
ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކާ ބަޔަކު ހައްޔަރުކޮށްފި
ޖަރީމާ ހިންގި ޓެލެގްރާމް ޗެނަލްގެ އަޑީގައި ދެމަފިރިން
ޗައިލްޑް ޕޮނޮގްރަފީ ބެލުން ރާއްޖޭގައި އާންމުވެއްޖެ!
ބަރަހަނާ ފޮޓޯގެ މައްސަލާގައި ހެއްކެއް ނުފެނުނު: ޕޮލިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
އެއް އެކައުންޓުން އިތުރު ބައެއް ސްކޭމްގައި ނުޖެއްސޭނެ
އަހަރެން މީ ކާކުކަން އެނގޭތަ؟