ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ޝާމިލްވި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ ކްލިނިކް ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
11 މެއި 2025
ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ޝާމިލްވި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ ކްލިނިކް ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
އެ ދެ މުވައްޒަފުންގެ މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކްލިނިކުގައި މުވައްޒަފަކާއި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ ދެމެދުގައި ހިނގި މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ. މިފަދަ އަމަލުތަކަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އެ ކްލިނިކުން ގެންގުޅޭ އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ކްލިނިކުން ބުނީ މިކަން ސަމާލުކަމަށް އައުމާ އެކު، ވަގުތުން ފިޔަވަޅު އެޅި ކަމަށާއި އެ މައްސަލާގައި ޝާމިލުވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.
"މިކަމުގެ ސީރިއަސް ކަމަށް ބަލައި، ފިޒިއޯ ކްލިނިކް ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމައިފައި،" އިނގިރޭސި ބަހުން ނެރުނު އެ ބަޔާނުގައި ބުންޏެވެ.
އެ ކްލިނިކުން ބުނި ގޮތުގައި، އެތަނުގެ އެންމެ މުހިންމު ޒިންމާއަކީ ހިދުމަތް ހޯދާ ކުދިންނާއި އާއިލާތަކަށް ރައްކާތެރި، އިހުތިރާމް ލިބޭ އަދި އެހީތެރިކަން ލިބޭ މާހާއުލެއް ގާއިމްކޮށްދިނުމެވެ. ތެރަޕީ ދޭ ކޮޓަރިތައް ލައިވްކޮށް މޮނިޓާ ކުރުމަކީ އެ ކްލިނިކުގެ އާންމު ހިންގުމުގެ އުސޫލުތަކުގެ ބައެކެވެ. މޮނިޓާކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ވެސް ދެ އެވެ. އެއީ އެ ތަނުން ދޭ ހިދުމަތް ދެފުށް ފެންނަ އަދި ޖަވާބުދާރީ ވެވޭނެ ގޮތެއްގައި ދިނުމަށް ކުރާ ކަމެއް ކަން ފާހަގަކުރި އެވެ.
"އަޅުގަނޑުމެން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގަން. އަދި ކުރިއަށް އޮތް ތަނުގައި އެންމެ މަތީ ފެންވަރުގެ ހިދުމަތް ދީ، ރައްކާތެރިކަމާއި ޒިންމާދާރުކަން ދެމެހެއްޓުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެން. ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އަށް އެއްބާރުލުން ދީ، މިކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،" ފިޒިއޯ ކްލިނިކުގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން މިއަދު ބުނީ އެކަން ހިނގާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލަ އެ އިދާރާއަށް ރިޕޯޓްކުރީ އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯ އިން ފެންނަނީ ކްލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އޭނާގެ ކިބައިން ސަލާމަތްވާ އެ ކުއްޖާ އުޅޭތަން ވެސް ފެނެ އެވެ. އެކަން ހިނގިއިރު އެ ތަނުގައި އިތުރު މުވައްޒަފަކު ވެސް އުޅޭއިރު، އިތުރު ކުއްޖަކު އެތަނުގައި ހުރި މޭޒު ކައިރީގައި އިނެވެ.
އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.
ތުއްތު ކުއްޖާގެ ރޭޕް: ބައްޕަގެ ބަންދަށް 15 ދުވަސް
ކުޑަކުއްޖާއަށް އަނިޔާކުރި ތެރަޕިސްޓުން ހައްޔަރުކޮށްފި
ކުއްޖަކާ ބެހުނުކަމަށް ބުނެ މީހަކަށް އަނިޔާކޮށްފި
ރުގްޔާގެ ނަމުގައި ދޭ އަނިޔާއަށް ސަމާލުވާން އެދިއްޖެ
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލަ ބަލަނީ
ޖިންސީ ގޯނާގެ ތުހުމަތު އެޅުނު ދެ މީހުން ދޫކޮށްލައިފި
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
ތުހުމަތު ވެސް، ހައްޔަރު ނުކުރާ ސަބަބު ވެސް ސީރިއަސް!
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!