Roadha Mihaaru
ތުހުމަތު ވެސް، ހައްޔަރު ނުކުރާ ސަބަބު ވެސް ސީރިއަސް!

ތުހުމަތު ސީރިއަސް، ހައްޔަރު ނުކުރާ ސަބަބު ވެސް ސީރިއަސް!

28 ޖެނުއަރީ 2020

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މި ދުވަސްވަރު ފެންމަތި ވަނީ ފުލުފުލުންނެވެ. ތުއްތު ކުދިން ވެސް ޖިންސީ ޝިކާރައަކަށް ވުމުގެ މައްސަލަތައް ހުރި އިރު އެފަދަ މީހުންނާ ދެކޮޅަށް އާންމުންގެ ހިތްތަކުގައި އޮތް ރުޅިވެރިކަން ވެސް އޮތީ އިންތިހާގަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މި ދުވަސްވަރު ފެންމަތި ވަނީ ފުލުފުލުންނެވެ. ތުއްތު ކުދިން ވެސް ޖިންސީ ޝިކާރައަކަށް ވުމުގެ މައްސަލަތައް ހުރި އިރު އެފަދަ މީހުންނާ ދެކޮޅަށް އާންމުންގެ ހިތްތަކުގައި އޮތް ރުޅިވެރިކަން ވެސް އޮތީ އިންތިހާގަ އެވެ.

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންނާ އާންމު ރައްޔިތުން އަމިއްލައަށް ކުރިމަތިލައި، އެ މީހުންނަށް ހަމަލާ ދިނުމުގެ އަމަލުތައް ވެސް މިހާރު ދަނީ ހިނގަމުންނެވެ. ގިނަ މީހުންގެ ހިތްހަމަނުޖެހުމަކީ ރަސްމީ އިދާރާތަކުން ފިޔަވަޅު އެޅުމުގައި އޮތް އިހުމާލެވެ. އަދި އެފަދަ ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކުރުމުގައި ލަސްވުމަކީ އެންމެ ބޮޑަށް އަމާޒުވަމުން އަންނަ ފާޑުކިޔުމެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ގާނޫނީ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ އަދި ސީރިއަސް ގޮތެއްގައި ބަލަން ޖެހޭ މައްސަލަތަކެއް ކަމަށް ވިޔަސް، އެފަދަ ކަމެއް ހިނގުމާ އެކު އެ ދުވަހުން ދުވަހަށް އެ މީހާ ޖަލަށް ލާން ހުކުމް ކުރެވޭނެ ނިޒާމެއް ނޯވެ އެވެ. އޭގެ ކުރިއަށް ތަހުގީގީ އިދާރާތަކުން ފުރިހަމަކުރަން ޖެހޭ އިޖްރާއާތުތަކަކާއި ގާނޫނީ ގޮތުން ދޭން ޖެހޭ ފުރުސަތުތަކެއް ވެސް އޮވެ އެވެ. އަދި ތުހުމަތެއް ކުރެވުނަސް، އޭގެ މައްޗަށް ބިނާކޮށް މީހުން ހައްޔަރުކުރުމަކީ، ރަސްމީ އިދާރާތަކުން މިހާރު ނަގަން ޖެހޭ ބޮޑު ރިސްކެކެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާ ގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރާ ވަގުތުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މީހެއްގެ ތަހުގީގު ނިންމައި، ދައުވާ އުފުލަން ޖެހޭނެ އެވެ. އަދި ކޯޓަށް ގެންދިއުމުން ބަންދުން ދޫކޮށްލާ މީހުންގެ މައްޗަށް 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޖެހެ އެވެ. ބޮޑެތި މައްސަލަތަކުގައި، މައްސަލައިގެ ބާވަތުން ތަހުގީގު ނިންމުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް އޮތަސް، އެހެން ވެސް އިތުރުކޮށް ދެވޭނީ ވަކި މިންވަރަކަށެވެ.

އެ މުއްދަތުގައި ދައުވާ ކުރެވޭނެ މިންވަރުގެ ހެކި ނުހޯދިއްޖެ ނަމަ، އެ މައްސަލައެއްގައި ދައުވާ ކުރުމުގެ ފުރުސަތު އެއްކޮށް ގެއްލި، އިންސާފު ހޯދުމުގެ ދޮރު ވެސް އެއްކޮށް ބަންދުވީ އެވެ. އެކަމަކު ހައްޔަރުކުރުމެއް ނެތި، ތަހުގީގު ހިންގާ ނަމަ، ގާނޫނީ ގޮތުން ވަކި މުއްދަތެއް ނުހިނގާނެ އެވެ. އޭރުން ފުރިހަމަ ހެއްކާ އެކު، ތަހުގީގު ފުރިހަމަ ކުރަން އެކަށީގެންވާ ފުރުސަތު ލިބެ އެވެ. އެހެންވެ، ގާނޫނު އޮތް ގޮތުން ތަހުގީގު މަރުހަލާގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން ނަގަން ޖެހެނީ ގާނޫނީ ބޮޑު ރިސްކެކެވެ.

އެގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ހިމެނީ މުހިންމު ދެ ބޭނުމެއްގަ އެވެ. އެއް ބޭނުމަކީ މީހުން ހައްޔަރުކުރަނީ އެ މީހަކަށް ދައުވާ އުފުލޭ މިންވަރަށް ނުވަތަ ކުށް ސާބިތުވާނެ އެކަށީގެންވާ ހެކިތަކެއް ހުރެގެން ނުވަތަ ހެކި ލިބޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަން ކަށަވަރު ކުރުވުމެވެ. އެގޮތަށް އޮތުމުން މީހަކު ހައްޔަރުކޮށް، ކޯޓާ ހަމައަށް ގެންދާއިރު، ގާނޫނުގައި ބުނާ އެ މުއްދަތުގައި ދައުވާ އުފުލޭނެ ހެކި ހޯދޭނެ ކަމުގެ ނުވަތަ ހުރިކަމުގެ ޔަގީންކަން ފުލުހުންނަށް އޮންނަން ޖެހެ އެވެ.

ހައްޔަރުކުރާ މީހުންގެ މައްޗަށް ދައުވާ ކުރަން ލާޒިމްވާ މުއްދަތުތަކެއް ގާނޫނުގައި ލިޔުނު ދެވަނަ ބޭނުމަކީ ކުށެއް ސާބިތުވުމުގެ ކުރިން ތަހުގީގު މަރުހަލާގައި އާދައިގެ ކަންކަމުގައި ވެސް މީހުން ހައްޔަރުކުރަމުން އައި ސަގާފަތް ނިމުމަކަށް ގެނައުމެވެ. ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ބުނާ ގޮތުން އެ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހަތަރު ހާލަތުގައި މެނުވީ ކުށެއް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ނުކުރަނީސް، މީހުން ހައްޔަރުކޮށް، ބަންދުގައި ބައިތިއްބައިގެން ނުވާނެ އެވެ.

ގާނޫނު އަސާސީގެ އެ މާއްދާގެ މަގްސަދަކީ މުޖްތަމައަށް ނުރައްކާވުމާއި ހެކި ނައްތާލުމާއި ފިލަން އުޅުން ފަދަ އިސްތިސްނާ ހާލަތްތައް ނެތް ނަމަ، ކޮންމެ މީހަކު ވެސް މިނިވަންކޮށް ބަހައްޓައިގެން ތަހުގީގާއި ދައުވާ އުފުލައި، ޝަރީއަތް ހިންގުމެވެ. އެގޮތަށް ގާނޫނު އަސާސީގައި އޮތަސް، ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމުގެ ކުރިން އާދައިގެ ކުދިކުދި ކަންކަމުގައި ތަހުގީގަށް ހައްޔަރުކޮށް، ބަންދުގައި ބޭތިއްބުމާއި ފަހުން ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ބުނެ ދޫކޮށްލުމުގެ ޝަކުވާތައް ވަރަށް ބޮޑުވި އެވެ. އެހެންވެ، ގާނޫނުގެ ބޭނުމަކަށް ވީ އެކަން ހައްލު ކުރުމެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނު އޮންނަ ގޮތުން އެފަދަ މައްސަލަތަކަކީ އެ ގާނޫނުގެ ދަށުން ކަނޑައެޅޭ ވަކި މިންގަނޑެއްގެ ހެކި ލިބުމުން ސާބިތުކުރެވޭ ކުށްތަކެއް ކަމަށް ވިޔަސް، ހެކި ހޯދުމުގައި ޚާއްސަ އިޖްރާއާތުތަކެއް ފުރިހަމަކުރަން ގާނޫނު ލާޒިމް ކުރެ އެވެ. އަނިޔާ ލިބޭ ކުޑަކުއްޖާގެ ބަޔާން ނެގުމުގައި ވެސް ޚާއްސަ އުސޫލުތަކެއް ގާނޫނުގައިވެ އެވެ.

އެހެންވެ، އެފަދަ ކޮންމެ މައްސަލައެއް ފެންމަތިވުމާ އެކު ތުހުމަތުކުރެވޭ މީހާ ވަގުތުން ވަގުތަށް ހައްޔަރު ކޮށްފި ނަމަ، އިންސާފު ހޯދައިދިނުމުގައި ފަހުން ކުރިމަތިވެދާނެ ހުރަސްތަކެއް އެބަ ހުއްޓެވެ. އެހެން ބައެއް ބޮޑެތި މައްސަލަތަކުގައި މީހުން ހައްޔަރުކުރުން ލަސްވުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ވެސް އެކަން ފުލުހުން ފާހަގަކުރި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތައް ސީރިއަސް ގޮތެއްގައި ބަލަން ޖެހޭނެ ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އެކަމަކު ގާނޫނުތައް ހުރި ގޮތުން މިފަދަ ކޮންމެ މައްސަލައެއްގައި އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މީހުން ހައްޔަރު ކުރަން ޖެހޭ ކަމަށް ބެލުމަކީ އޮތް ހައްލެއް ނޫނެވެ. އެކަމުގެ ސަބަބުން އެވަގުތަށް ހިމާޔަތް ކުރެވިދާނެ މަސްލަހަތުތަކެއް އޮތަސް، އިންސާފު ހޯދައިދިނުމުގައި މުސްތަގްބަލްގައި އެޅިދާނެ ހުރަސްތައް އެއަށް ވުރެ ބޮޑެވެ.

މިއީ ގޮންޖެހުން ބޮޑު މައްސަލައެކެވެ.