11 ނޮވެމްބަރ 2021
ދާދިފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ލައިގެން ހުރި ބޮކްސާ ތެރެއިން ބައި ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަނެވުނު މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ، ދޫވެގެން ދިއުމުންނެވެ. ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނުނަސް، ކުށް ސާބިތުނުވާ ކަމަށް ނިންމީ އޭނާ ބަލައި، ފާސްކުރި އިޖްރައާތު ގޯސް ކަމަށް ބުނެ އެވެ. މިއީ ރާއްޖޭގައި ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. މަސްތުވާތަކެތީގެ އެތައް މައްސަލައެއް ކޯޓުތަކުގެ ސާބިތުނުވެ، މިގޮތަށް އެތައް ބަޔަކު ދޫވެއްޖެ އެވެ.
ދާދިފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ލައިގެން ހުރި ބޮކްސާ ތެރެއިން ބައި ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަނެވުނު މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ، ދޫވެގެން ދިއުމުންނެވެ. ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނުނަސް، ކުށް ސާބިތުނުވާ ކަމަށް ނިންމީ އޭނާ ބަލައި، ފާސްކުރި އިޖްރައާތު ގޯސް ކަމަށް ބުނެ އެވެ. މިއީ ރާއްޖޭގައި ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. މަސްތުވާތަކެތީގެ އެތައް މައްސަލައެއް ކޯޓުތަކުގެ ސާބިތުނުވެ، މިގޮތަށް އެތައް ބަޔަކު ދޫވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ ގިނަ މީހުން ވެސް ސަލާމަތްވީ މިފަދަ ސަބަބުތަކަކާ ހެދި އެވެ. ފަހަކަށް އައިސް، މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވިޔަސް، އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ސަލާމަތްވެގެންދާ ދިއުން މަދެއް ނުކުރެވެ އެވެ. ޚާއްސަކޮށް، ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ފެންނަ މައްސަލަތަކުން މީހުން ސަލާމަތްވަނީ ހެކި ނެތުމަށް ވުރެ ބޮޑަށް އިޖްރާއީ ނުވަތަ ގާނޫނީ ކޮންމެވެސް ބާގަނޑެއްގެ ތެރެއިންނެވެ.
ކުށް ސާބިތުވާ މިންވަރަށް ހެކި ހޯދުމާއި ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ ހުރިހާ އިޖްރައާތެއް ފުރިހަމަ ކުރުމުގެ ޒިންމާ އޮތީ ފުލުހުންނަށެވެ. އެހެންވުމުން މިފަދަ ބޮޑެތި މައްސަލަތައް ނާކާމިޔާބުވާ ހާލަތުގައި ފުލުހުންނަށް އަމާޒުވާ ތުހުމަތުތައް ގިނަ އެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ސަލާމަތްކޮށް ދިނުމަށްޓަކައި ގަސްދުގައި ގޯސް ހަދާ ކަމަށް އެއް ބަޔަކު ތުހުމަތު ކުރާއިރު، ފުލުހުންނަށް ގާނޫނު ނޭނގޭ ކަމުގެ ފާޑުކިޔުން ވެސް އަމާޒުވެ އެވެ. އެކަމަކު މީގެ އަނެއްކޮޅު ވެސް އެބައޮތެވެ.
މީގެ އަނެއްކޮޅަށް ވިސްނާއިރު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމާއި ހުރި ގޮންޖެހުންތައް ވެސް އެހާ ގިނަ އެވެ. މީގެ 10 އަހަރު ކުރިން ވުޖޫދަށް ގެނައި މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބޮޑެތި އަދަބުތަކެއް ހިމަނަފައި އޮތަސް، މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމާއި ހެކި ހޯދުމާއި ކުށް ސާބިތު ކުރުމުގެ ޚާއްސަ އުސޫލުތަކެއް އެ ގާނޫނަކު ނެތެވެ. އެހެންވުމުން ތަހުގީގު ކުރުމާއި ހެކި ހޯދުން ފަދަ ކަންކަމުގައި އަމަލު ކުރަން ޖެހެނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ އާންމު އިޖްރައާތަށެވެ.
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި 2016 ވަނަ އަހަރުން ފެށިގެން ނައްތާލި އަދަދުތައް. -- މިހާރު އިންފޮގްރެފިކްސް/އަލީ ނަހުޒާން
އެހެން ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެފައިވާ މިންވަރަށް ބަލާއިރު، ޖިިނާއީ އާންމު އިޖްރައާތުގެ ތެރެއިން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހެކި ހޯދުން ފަސޭހަ ކަމަކަށް ނުވެ އެވެ. މިސާލަކަށް ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަންނަން ހިިންގާ އޮޕަރޭޝަންތަކުގައި ކޯޓު އަމުރު ހޯދަން ޖެހެނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓަކުންނެވެ. އެހެން ރަށަކަށް މަސްތުވާތަކެތި ގެންގޮސްފި ނަމަ، ކުރިން ހޯދި އަމުރުގެ ބާރު ކެނޑި، އެރަށެއްގެ ކޯޓުން އަނެއްކާވެސް އަމުރު ހޯދަން ޖެހެ އެވެ.
މިގޮތަށް އެކި ރަށްރަށުގެ ކޯޓުތަކުން ކޯޓު އަމުރު ހޯދަން ޖެހުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. އަދި ކުދިކުދި ރަށްރަށުގައި އެގޮތަށް އަމަލުކޮށްފި ނަމަ އޮޕަރޭޝަންތަކުގެ ސިއްރުކަން ގެއްލުމުގެ ބިރު އެހާ ބޮޑެވެ. އަދި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކުން ގިނަ ފަހަރަށް ހަރަކާތްތެރިވަނީ ގާނޫނީ ގޮތުން ސަލާމަތްވެވޭނެ ގޮތަށް އަދި ވަރަށް ރޭވުންތެރިކަމާ ކަމަށް ވާތީ، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މިފަދަ އިޖްރައާތުތަކުގެ ސަބަބުން މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ކާމިޔާބުކަމާ އެކު ހިންގަން ދަތިވެ އެވެ.
އޭގެ އަނެއް މިސާލަކީ ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރުމުގައި ބޭނުންކުރާ އުޅަނދުތައް އަތުލެވޭނެ ގޮތެއް ނެތުމެވެ. މަސްތުވާތަކެތި އެތެރެކުރަން އާންމުކޮށް ބޭނުން ކުރަނީ މަސްވެރިކަމުގައި ބޭނުންކުރާ އަމިއްލަ މީހުންގެ އުޅަނދުތަކެވެ. ގިނަ ފަހަރަށް އެކަން ކުރަނީ އުޅަނދުގެ ވެރިފަރާތަށް އެނގިގެން ކަމަށް ވިޔަސް، މަސްތުވާތަކެތި އަތުލައިގަންނަ ވަގުތު އެ އުޅަނދުގައި ވެރިމީހާ ނުވަތަ ފަޅުވެެރިންނެއް ނުތިބޭތީި އެ މީހުން އެކަމާ ގުޅޭނެ ގޮތެއް ނޯވެ އެވެ. އެހެންވެ، ދެން ޖެހެނީ އެ އުޅަނދު ދޫކޮށްލާށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ބޮޑެތި ބައެއް މައްސަލަތަކުގައި އިޖްރާއީ ގޯސްތައް ފެންމަތިވެ، ދައުވާލިބޭ މީހުން ދޫވެގެން ދަނީ އާންމު އިޖްރައާތުގެ ތެެރެއިން ކަންކަން ކުރަން ޖެހުމުން ހުރި ދަތިތަކުގެ ސަބަބުންނެވެ. ކޯޓު އަމުރު ހޯދަން ޖެހުން ފަދަ އިޖްރައާތު ފުރިހަމަ ނުކުރެވި ތިއްބާ މަސްތުވާތަކެތި ގެއްލިދާނެ ކަމުގެ ބެލެވޭ ނަމަ ދެން ހަމައެކަނި ގޮތަކީ އޮޕަރޭޝަން ކުރިއަށް ގެންގޮސްގެން، އެ މަސްތުވާތަކެތި އަތުލައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ހާލަތްތައް އައިސްދާނެ އިޖްރައާތުތައް ހުރިގޮތުން، އަޅުގަނޑުމެން އިޖްރައާތުތައް އެއްކޮށް ފުރިހަމަ ކުރާނީތޯ ނުވަތަ ނުވަތަ އެއާ ގުޅޭ މަސްތުވާތަކެތި މުޖްތަމައުގެ ތެރެއަށް ދޫވެގެން ދިިޔަ ނުދިނުން ތޯ ނިންމަންޖެހޭ ހާލަތްތައް. މިސާލަކަށް ފަޅު ރަށެއްގައި މަަސްތުވާތަކެތި ހުންނަ ހާލަތްތަކުގައި އެ މަސްތުވާތަކެތި މުޖްތަމައުގެ ތެރެއަށް ދޫވިޔަ ނުދޭން މަސައްކަތް ކުރާ ހާލަތްތަކުގައި ނަގަންޖެހޭ ފިޔަވަޅުތަކެއް ހުރޭ." ޝާކިރު ވިދާޅުވި އެވެ.
ފުލުހުން 2018 ވަނަ އަހަރުން ފެށިގެން އަތުލައިގަތް ޑްރަގްސްގެ އަދަދު. -- މިހާރު އިންފޮގްރެފިކްސް/އަލީ ނަހުޒާން
އެކަމަކު މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ޝަރުއީ މަރުހަލާ ތެރެއިން ސަލާމަތް ކުރުމަށްޓަކައި ގަސްދުގައި އިޖްރައާތާ ޚިލާފަށް ފުލުހުން އެއްވެސް ކަމެއް ކުރާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ އެތައް ދުވަހެއް ވަންދެން މަސްތުވާތަކެއްޗާއި މީހުންނަށް ފާރަލައި އަދި އެ ތަކެތި އަތުލައިގަތުމަށް ފަހު، ގަސްދުގައި ގޯހެއް ހެދުމުގެ ބޭނުމެއް ނޯންނާނެ ކަމަށެވެ. އަދި ގަސްދުގައި ފުލުހުން ގޯހެއް ހަދާ ނަމަ، މަސްތުވާތަކެތި އެތެރެވާން ދޫކޮށްލީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްތުވާތަކެތި ހޯދާފައި، މީހުން ހައްޔަރު ކޮށްފައި، ތަހުގީގު ކޮށްފައި، އެ މީހުންގެ ވަނަވަރު އާންމު ކޮށްފައި އަދި މައްސަލަތައް ކޯޓަށް ފޮނުވާފައި މި ހުރިހާ ކަމެއް ކޮށްފައި ގަސްދުގައި ގޯހެއް ހަދަންޖެހޭ ސަބަބެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ."
"މަސްތުވާތަކެތި ހޯދާފައި، މީހުން ހައްޔަރު ކޮށްފައި، ތަހުގީގު ކޮށްފައި، އެ މީހުންގެ ވަނަވަރު އާންމު ކޮށްފައި އަދި މައްސަލަތައް ކޯޓަށް ފޮނުވާފައި މި ހުރިހާ ކަމެއް ކޮށްފައި ގަސްދުގައި ގޯހެއް ހަދަންޖެހޭ ސަބަބެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ. އަދި ގަސްދުގައި ގޯހެއް ހަދާފައި އޮތިއްޔާ ލިޔުމުން އެކަން ފެންނަން އޮންނާނެ. ގަސްދުގައި ނިޔަތެއް ހެދުމުގެ ނޯންނާނެ. އެކަމަކު އިޖްރައާތުތައް ހުންނަ ގޮތުން ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް. މިސާލަށް އަމުރު ނުލިބޭ ހާލަތުގައި އަމަލު ކުރާނެ ގޮތްތައް." އޭނާ ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރު އަމަލުކުރާ ގާނޫނަކީ މަސްތުވާތަކެތީގެ ވިޔަފާރި މިހާރު ފުޅާވެފައިވާ މިންވަރަށް ބަލާއިރު އެންމެ ފުރިހަމަ ގާނޫނެއް ނޫނެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި މިހާރު ހިނގަމުން ދަނީ އެ ގާނޫނު ވުޖޫދަށް ގެނައިއިރު ތަސައްވުރު ކުރި ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އާންމު އިޖްރައާތުގެ ތެރެއިން އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި މައްސަލައަށް އަސަރު ނުކުރާ ފަދަ ކަމެއް ނެތް ނަމަ، ދިމާވާ އިޖްރާއީ ނުކުތާއެއްގެ ސަބަބުން ނުވަތަ އަކުރެއް ނުވަތަ ފިއްޔެއްގެ ސަބަބުން މުޅި މައްސަލަ ފެއިލްވާން ޖެހޭ ކަމަށް ވަންޏާ އަޅުގަނޑުމެން ދެކެނީ އެކަން އެ އޮތީ އެކަން ކުރާ ފަރާތްތަކަށް ފަހިވާ ގޮތަށް ކަމަށް."
"ޓްރެފިކްކުރުން ފުޅާވެގެންދާ ދިއުމާއި މިކަންތައްތަކަށް ބަލާއިރު އަޅުގަނޑުމެން ގަބޫލު ކުރަނީ ޚާއްސަ އިޖްރައާތުތަކެއް މީގެ ތެރެއަށް އަންނަން އެބަޖެހޭ. މުޅި މައްސަލައަށް އަސަރު ނުކުރާ ފަދަ ކަމެއް ނެތް ނަމަ، ދިމާވާ އިޖްރާއީ ނުކުތާއެއްގެ ސަބަބުން ނުވަތަ އަކުރެއް ނުވަތަ ފިއްޔެއްގެ ސަބަބުން މުޅި މައްސަލަ ފެއިލްވާން ޖެހޭ ކަމަށް ވަންޏާ އަޅުގަނޑުމެން ދެކެނީ އެކަން އެ އޮތީ އެކަން ކުރާ ފަރާތްތަކަށް ފަހިވާ ގޮތަށް ކަމަށް." ޝާކިރު ވިދާޅުވި އެވެ.
އެގޮތުން ކަނޑުމަގުން އެކި ރަށްރަށުން ކޯޓު އަމުރު ހޯދަން ޖެހުމާއި މަސްތުވާތަކެތި އެތެރެ ކުރުމުގައި ބޭނުންކުރާ އުޅަނދުތައް ހިފެހެއްޓޭނެ އުސޫލުތައް ގޮތެއް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ގާނޫނުގެ މަގްސަދު ގެއްލޭ ގޮތަށް ގާނޫނު މާނަ ކުރުމުގެ ސަބަބުން ވެސް ހުރަސްތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަކަށް ނުދިއުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ. ގާނޫނީ ގޮތުން ދައުވާ ކުރަންޖެހޭ މުއްދަތުތަކުގައި ދައުވާ ކުރިޔަސް، ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް ޝަރީއަތްތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފަހުގެ ތާރީޚުތަކުގައި ފެންމަތިވި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން ކޯޓުތަކުން މިހާތަނަށް ނިންމީ ދެ ތިން މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ
އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތްތައް ލަސްވުމުން، ދައުވާލިބޭ މީހުން އެކި ސަބަބުތަކާ ހެދި ބަންދުން ދޫކޮށްލުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި ދަށު ކޯޓުތަކުން މައްސަލަތައް ނުނިމި ލަސްވުމުން އިސްތިއުނާފް މަރުހަލާއަށް އެފަދަ މައްސަލަ ގެންދިއުން ލަސްވެ އަދިި ތަހުގީގުތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަމާއި ގާނޫނީ ގޮތުން ސާފު ނުވެ ހުންނަ ކަންކަން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންގޮސްގެން ނޫނީ އެދެވޭ ނަތީޖާއެއް ނެރެން ދަތިިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެބަ ބަލަންޖެހޭ ކިތައް މައްސަލަތައް ތޯ މަތީ މަރުހަލާގެ ކޯޓުތަކާ ހަމައަށް މި ދިޔައީ މިފަހުގެ ތާރީޚެއްގައި. ނޫނީ މިއަދު މަތީ ކޯޓުތަކުން ނިމެމުން މިދަނީ ކޮން އަހަރުތަކެއްގެ މައްސަލަތަކެއް ތޯ ވެސް ބަލަން އެބަޖެހޭ. މިއަދު މިކުރާ މަސައްކަތުގެ ނަތީޖާ އަންނަނީ ފަސް އަހަރު ފަހުން ކަމަށް ވަންޏާ އަޅުގަނޑުމެން މިއަދު ރަނގަޅު ކުރަންޖެހޭ ކަންކަން ވެސް އެނގިގެން ދާނީ ފަސް އަހަރު ފަހުން." ޝާކިރު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި މިހާރު މި އޮތީ މިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ވެފަ އެވެ. އަދި އަތުލައިގަނެވޭ މަސްތުވާތަކެތި އިތުރުވިޔަސް، އެ ވިޔަފާރީގައި އުޅޭ މީހުން ޝަރުއީ މަރުހަލާގެ ތެރެއިން ދޫވެގެންދާ ދިއުން މަދެއް ނުކުރެވެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިއަކީ އާދައިގެ ކަމެއްގެ ގޮތުގައި ގާނޫނީ ގޮތުން ބަލައިގެން ތިބޭ ތިބުން ނިމުމަކަށް ގެނެސް، މަސްތުވާތަކެތީގެ މައްސަލަތަކުގައި ޚާއްސަ އިޖްރައާތުތަކެއް ގެނެސްދީގެން ނޫނީ މިކަމަށް އަވަސް ހައްލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
12 ކިލޯ ޑްރަގް ގެނައި މީހުންގެ މައުލޫމާތު ހާމަކޮށްފި
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ގާނޫނާ ހެދި 8 ޑްރަގަކާ މެދު ފިޔަވަޅެއް ނޭޅޭ
ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަނީ
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި