Roadha Mihaaru

ކިލޯއެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި

މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ އާއި ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

02 ފެބުރުއަރީ 2025

މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ އާއި ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ޖޫތީގެ، ހަސަން ނަޒީހް، 32 އެވެ.

އޭނާ ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، ނަޒީހް ހައްޔަރުކޮށް، އޭނާއާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައި ފާސްކުރި އިރު، ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަން ކިލޯއަކަށް ވުރެ ގިނަ އެވެ.

އެކަމަކު، ފައިސާ ފެނުނު އަދަދެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.