Roadha Mihaaru

ރާއްޖެ ސަރަހައްދަށް ވަން ލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާގެ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
އިފްރާޒް އަލީ
އިފްރާޒް އަލީ

24 ނޮވެމްބަރ 2024

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާގެ ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ހދ. މަކުނުދޫގެ ބޭރުން ލަންކާ މަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.

އެ ބޯޓު ހިފެހެއްޓީ އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، އެ ބޯޓުގައި ތިބީ ލަންކާގެ ފަސް ފިރިހެނުންނެވެ.

ކޯސްޓް ގާޑު ހިފެހެއްޓި ލަންކާގެ މަސްބޯޓު.-- ފޮޓޯ: އެމްއެންޑީއެފް.

ކޯސްޓް ގާޑު ހިފެހެއްޓި ލަންކާގެ މަސްބޯޓު.-- ފޮޓޯ: އެމްއެންޑީއެފް.

ކޯސްޓު ގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު އެ ބޯޓު ހދ. ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ހެނދުނު 9:30 ގައި އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ބޭފުޅުންނާ އެކު، ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފުލުހުން މި އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައި،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ތަކެތީގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، އޭގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން އެބަހުއްޓެވެ. އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޔުނިޓާއި ކުޅުދުއްފުށީގެ ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ މިއަދު ހިފެހެއްޓި ތަކެތީގެ ވީޑިއޯ ފުޓޭޖުތައް ދައްކާލައިފަ އެވެ.