Roadha Mihaaru

"ވާނުވާގައި" އަދިވެސް އޮތީ ވާހަކަ، ނެތީ ހައްލެއް!

ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުން އެތައް އަހަރެއް ވަންދެން "ވާނުވާ" ގައި ތިބެން ޖެހޭ މައްސަލަ ހައްލުކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރެވިއްޖެ އެވެ. އެންމެ ފުރަތަމަ ގާނޫނަށް އިސްލާހު ގެނައީ ވަކި ހާލަތްތަކެއްގައި ނޫނީ ޝަރީއަތް ނިމެންދެން ބަންދު ނުކުރެވޭ ގޮތަށެވެ. އެ ވަރުން ނުފުދިގެން ދެވަނަ ފަހަރަށް އިސްލާހު ގެނައީ އެ ގޮތަށް ބަންދުގައި ތިބޭ މީހުންގެ ބަންދު ކޮންމެ މަހަކު އެއްފަހަރު މުރާޖައާ ކުރަންޖެހޭ ގޮތަށެވެ. ނަމަވެސް ބަންދު މުރާޖައާ ނުކުރުމަކީ ބަންދުން ދޫކުރެވޭ ސަބަބަކަށް ނުވާތީ އެކަން ގިނަ ފަހަރު ހިނގަނީ "ފަރަށް ދާ އުސޫލުންނެވެ."

"ވާނުވާގައި" އަދިވެސް އޮތީ ވާހަކަ، ނެތީ ހައްލެއް!
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

04 ފެބުރުއަރީ 2025

ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުން އެތައް އަހަރެއް ވަންދެން "ވާނުވާ" ގައި ތިބެން ޖެހޭ މައްސަލަ ހައްލުކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރެވިއްޖެ އެވެ. އެންމެ ފުރަތަމަ ގާނޫނަށް އިސްލާހު ގެނައީ ވަކި ހާލަތްތަކެއްގައި ނޫނީ ޝަރީއަތް ނިމެންދެން ބަންދު ނުކުރެވޭ ގޮތަށެވެ. އެ ވަރުން ނުފުދިގެން ދެވަނަ ފަހަރަށް އިސްލާހު ގެނައީ އެ ގޮތަށް ބަންދުގައި ތިބޭ މީހުންގެ ބަންދު ކޮންމެ މަހަކު އެއްފަހަރު މުރާޖައާ ކުރަންޖެހޭ ގޮތަށެވެ. ނަމަވެސް ބަންދު މުރާޖައާ ނުކުރުމަކީ ބަންދުން ދޫކުރެވޭ ސަބަބަކަށް ނުވާތީ އެކަން ގިނަ ފަހަރު ހިނގަނީ "ފަރަށް ދާ އުސޫލުންނެވެ."

އަނެއްކޮޅުން "ވާނުވާ" ގެ ގެއްލުން ކިތަންމެ ބޮޑުވި ނަމަވެސް ތުހުމަތުވާ މީހާ ބަންދު ނުކޮށްގެން އަންނަ ފާޑުކިޔުންތަކާ ހެދި ދައުލަތުގެ މުއައްސަސާތަކުން "ގަންނާކުރައްވާ ބިރު" މާ ބޮޑެވެ. އޭގެ ހައްސާސް ކަމަކީ ގާނޫނީ މައްސަލައަކަށް ވުރެ ބޮޑަށް ސިޔާސީ ކަމަކަށްވެ، އިންތިހާބުތަކާ ދިމާކޮށް ކޮންމެ ޕާޓީއަކުން ވޯޓު ހޯދުމަށް ބޭނުންކުރާ ރިޔާސީ ވައުދަކަށް ބަދަލުވުމެވެ. އެކަމަކު، ހަގީގީ މައްސަލައަކީ ވަކި ސަރުކާރެއް ނުވަތަ ވަކި ޕީޖީއަކަށް ވުރެ ބޮޑަށް މައްސަލަތައް އެކި ސަބަބުތަކާ ހެދި ލަސްވުމުން އަންނަ ނިޒާމީ މައްސަލަ އެކެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޝަރީއަތް އަވަސް ވިޔަކަސް، އެ 400 މީހުންގެ ތެރެއިން 50 މީހުން ވެސް ދޫވެގެންދާނެ ކަމަކަށް."

އެއްކޮޅުގައި މުޖުތަމައުގެ ރައްކާތެރިކަން އޮންނައިރު އަނެއްކޮޅުގައި އޮތް ތުހުމަތު ކުރެވޭ މީހާގެ ހައްގުތަކަކީ ވެސް އިހުމާލު ކޮށްލެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އުއްމީދުކުރާ ބާރުމިނުގައި ނިޒާމުގައި ނުހިނގާ އޮތުމުގެ ނަތީޖާއެއްގެ ގޮތުން "ވާނުވާގެ" މައްސަލައަކީ ގޮތް ނިންމަން އުނދަގޫ އަދި ފާޑުކިޔުން ބޮޑު މަރުހަލާއެކެވެ. ދާދި ފަހުން މިކަމާ ގުޅިގެން ބޭއްވި ފޯރަމްގައި ދައުލަތުގެ އިސް ބޭފުޅުންތަކުގެ ވާހަކަތަކުން ވެސް އެނގިގެން ދިޔައީ މިއީ ގާނޫނީ ހައްލަކަށް ވުރެ ބޮޑަށް އަމަލީ ގޮތުން ހައްލު ހޯދަންޖެހޭ ކަމެއް ކަމެވެ.

ވާނުވާ އުވާލުން: ދައުލަތަށް އުނދަގޫ ނިންމުމެއް

ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވި ގޮތުގައި ވާނުވާ ބަންދުގައި މިހާރު ތިބި މީހުންގެ މައްސަލަތަކާއި ތުހުމަތު ކުރެވޭ ކުށްތަކަށް ބަލާއިރު، ވާނުވާގެ ނިޒާމު އުވާލުމަށް ފަހު އެ މީހުން ބަންދުން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަޒުބާތީ ވިސްނުން އެއް ފަރާތް ކުރުމަށް ފަހު، ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރި ނަމަވެސް އެއީ ދޫކޮށްލެވޭނެ ބައެއް ނޫނެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޝަރީއަތް އަވަސް ވިޔަކަސް އެ 400 މީހުންގެ ތެރެއިން 50 މީހުން ވެސް ދޫވެގެންދާނެ [ކުށް ސާބިތު ނުވެ] ކަމަކަށް އެ މީހުންގެ ހާލަތު ހުރި ގޮތުން، ކޭސްތަކުގެ ގޮތުން،" އިހްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަގީގީ މައްސަލައަކީ މީހުން ބަންދު ކުރުމަށް ވުރެ ޝަރީއަތް މާ ބޮޑަށް ލަސްވެގެން ދިއުމެވެ. އެ ކަމަށް ހައްލުތަކެއް ގެންނަން ޖެހޭނެ ކަމަށް އިހްސާން ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ޕްރީޓްރަޔަލް ޑިޓެންޝަނަކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މައްސަލައަކަށް ވެގެން މި އުޅޭ މައްސަލައަކީ ޕްރީ ޓްރަޔަލް ޑިޓެންޝަނޭ ކިޔާފައި އަހަރު، ދެ އަހަރު، ތިން އަހަރު، ފަސް އަހަރު ވަންދެން އެއްވެސް ހުކުމެއް ނެތި ޖަލެއް ބަންދުކޮށްގައި ގެންގުޅޭ ގެންގުޅުން،" އިހްސާން ވިދާޅުވި އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް އެދިވަޑައިނުގަންނަވާނަމަ މީހުން ދޫކުރުމަކީ ފަނޑިޔާރުންނަށް ވަރަށް ލިމިޓް ކުރެވިފައި އޮތް ކަމެއް."
ޕީޖީ އޮފީހުން ބޭއްވި ފޯރަމްގައި ހޯމް މިނިސްޓަރު ވާހަކަ ދައްކަވަނީ --- ފޮޓޯ/ޕީީޖީ އޮފީސް

ޕީޖީ އޮފީހުން ބޭއްވި ފޯރަމްގައި ހޯމް މިނިސްޓަރު ވާހަކަ ދައްކަވަނީ --- ފޮޓޯ/ޕީީޖީ އޮފީސް

ނަމަވެސް ގާނޫނީ ބޭފުޅުންގެ ހިޔާލު މިކަމުގައި ތަފާތެވެ. ވަކީލުން ވިދާޅުވާ ގޮތުން ޝަރީއަތް ކުރިއަށް ދާއިރު ހެކި ލިބޭގޮތުން ކުށް ސާބިތު ނުވާނެ ކަމަށް ބެލެވޭ މީހާ ވެސް، އެތައް އަހަރެއް ފަހުން މައްސަލަ ނިމެންދެން ބަންދުގައި ހުންނަން މިހާރު ޖެހެ އެވެ.

"ތަހުގީގު ބަޔާންތަކަށް ބައްލަވައިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ޝަރީއަތުގެ މަރުހަލާގައި ފަހުން ލިބޭ މައުލޫމާތު ތަފާތު ކަމަށް ވިޔަސް، އެ އަށް ބަރޯސާވެގެން އެއްވެސް ފަނޑިޔާރަކަށް ގޮތެއް ނުނިންމެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުން އައީމާ ޝަރީއަތް ނުނިމެނީސް، ޕްރޮސެކިއުޓާ ޖެނެރަލް އެދިވަޑައިނުގަންނަވާ ނަމަ މީހުން ދޫކުރުމަކީ ފަނޑިޔާރުންނަށް ވަރަށް ލިމިޓް ކުރެވިފައި އޮތް ކަމެއް،" ވަކީލް އިބްރާހިމް ޝަމީލް އެ ފޯރަމްގައި ވިދާޅުވި އެވެ.

އަނެއް ފަރާތުގައި އޮތީ އެހެން މަންޒަރެއް

ވާނުވާ ބަންދުގައި މީހުން ތިބޭތީ ކަންބޮޑުވުން ފާޅުކުރާ މީހުންގެ އަޑު ގަދަވި ނަމަވެސް، އެފަދަ މީހުން ދޫވުމުން ދައުލަތަށް އޮންނަ ބޮޑު ޕްރެޝަރަކީ ފަރުދާގެ ފަހަތުގައި ނުފެންނަ އޮންނަ މަންޒަރެވެ. ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވެސް ވިދާޅުވަނީ އެގޮތަށެވެ.

އައްބާސް ވިދާޅުވި ގޮތުގައި ބަންދު މީހުންގެ އަދަދު މުރާޖައާކޮށް، ބައެއް މީހުން ބަންދުން ދޫކުރި ނަމަވެސް ދޫކޮށްލަން އުނދަގޫ ބައެއް މީހުން އެބަތިއްބެވެ. ޝަރީއަތްތައް ލަސްވި ނަމަވެސް އެ މީހުން ދޫކޮށްލުމުން މުޖުތަމައުގެ ތެރެއިން އަންނަ ޕްރެޝަރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިތަންމެ ބޭފުޅަކު އެދިވަޑައިގަންނަވާ ކިހިނެތް ވެގެންހޭ ތިމަންނަމެންގެ މައްސަލާގައި މީހުން ބަންދު ނުކޮށް މި ތިބެނީ. އޭނާ މިވެނި ކަމެއް ކޮށްފައެއް ހުރޭ. އެކަމަކު އޭނާ ދޫކޮށްލާފައޭ ހުރީ. އެހެންވީމާ ބަންދުކޮށްގެން އެދިގެން އަޅުގަނޑުމެން ކައިރި އަންނަ މީހުން ވެސް މަދެއް ނުވޭ،" އެ ފޯރަމްގައި ޕީޖީ އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި ސީރިއަސް ތުހުމަތުތައް ކުރެވޭ ބަޔަކު ދޫކޮށްލުމުން، އެ މައްސަލާގައި އަނިޔާ ލިބުނު މީހުންނަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ވެސް ވިސްނަން ޖެހެ އެވެ. ބައެއް މީހުން ދޫކޮށްލުމުން މީހުން ކޯޓަށް ހާޒިރު ނުވެ، މައްސަލަ އިތުރަށް ލަސްވުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަތައް ކުރިއަށް ނުދަނީ ޖާގައިގެ މައްސަލަ ހައްލު ނުވާތީ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ."

ފޯރަމްގައި ބައިވެރިވެ ވަޑައިގަތް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އިތުރަށް ގާނޫނަށް އެތައް ފަހަރެއްގެ މަތިން އިސްލާހު ގެނައި ނަމަވެސް ގާނޫނު ތަސައްވުރު ކުރާ ގޮތަށް އަދިވެސް ކަންކަން ނުހިނގަ އެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ކަފާލާތުގެ ދަށުން މީހުން ބަންދުން ދޫކުރެވޭ ގޮތަށް މިދިޔަ އަހަރު ވެސް އިސްލާހެއް ގެނެސްފައިވާ ކަމަށާއި އެހެންވެ، އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފައިގެން މައްސަލަ ހައްލު ކުރެވިދާނެތޯ ބަލަންޖެހޭ ކަމަށެވެ.

"މި މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި ކަފާލާތުގެ ނިޒާމެއް ރާއްޖޭގައި ކުރިއަށް ގެންދެވޭތޯ ބެލުމަށްޓަކައި ގާނޫނަށް ފަސް ވަނަ އިސްލާހު މި ގެނައީ. އެހެން ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފެށި ފަހުން ވެސް އެ އަށް ޕްރެކްޓިސް ނުކުރާ ކަމަށް ވަނީ ނަމަ ހައްލުތަކެއް ނުލިބޭނެ،" އުޝާމް ވިދާޅުވި އެވެ.

ވަސީލަތްތައް ދިނުމަކީ ހަމައެކަނި ހައްލެއް ނޫން

މި މައްސަލާގައި އެންމެ ކޯޓުތަކުން އެންމެ ބޮޑަށް ފާހަގަކުރާ މައްސަލައަކީ ޖާގަ އާއި ވަސީލަތްތަކުގެ ދަތިކަމެވެ. އެންމެ ގިނަ ޖިނާއީ މައްސަލަ ބަލާ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އެހާމެ ބޮޑު ނަމަވެސް އަތޮޅު ތެރޭގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ލަސްވާންޖެހޭ ސަބަބާ މެދު ސުވާލު އުފެދެ އެވެ.

ބައެއް މައްސަލަތަކުގައި އަޑުއެހުންތައް ނިމުމަށް ފަހު، ހުކުމެއް ނުކޮށް އެތައް މަހެއް ހޭދަވުމަކީ މިހާރު ވެސް ހިނގާ ކަމެކެވެ.

"ތިން ފަހަރަށް ހެކިބަސް ނަގަން ޖެހުނު ޖެހުމަކީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ދުވަސް ޝަރީއަތް ލަސްވެގެން ދިޔައީ"

އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ ކްރިމިނަލް ކޯޓަށް ހަގީގަތުގައި ވެސް ޖާގައިގެ މައްސަލަ އޮތްކަން ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު، އަތޮޅުތެރޭގައި ކޯޓުތަކުން މިފަދަ މައްސަލަތައް ނުނިމި ލަސްވަނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ތިން ބައި ކޮށްފައި އެއް ބައި އެއީ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް. އެހެންވީމާ އެ މައްސަލަތައް ކުރިއަށް ނުދަނީ ޖާގައިގެ މައްސަލަ ހައްލު ނުވާތީ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އޭގައި އެބަ އުޅޭ އެހެން ކަމެއް،" އުޝާމް ވިދާޅުވި އެވެ.

ޕީޖީ (ކ) އާއި އޭޖީ (މ) އަދި ޕޮލިސް ކޮމިޝަނަރު --- ފޮޓޯ/ޕީޖީ އޮފީސް

ޕީޖީ (ކ) އާއި އޭޖީ (މ) އަދި ޕޮލިސް ކޮމިޝަނަރު --- ފޮޓޯ/ޕީޖީ އޮފީސް

އިހްސާން ވިދާޅުވި ގޮތުގައި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ލަސްވާ މައްސަލާގައި ކޯޓުތަކަށް ޒިންމާދާރު ކުރެވޭނެ ނިޒާމެއް ވެސް އޮންނަން އެބަޖެހެ އެވެ. އޭނާ ވިދާޅުވީ ގާނޫނުގައި އޮންނަ އެ މުއްދަތަށް ތަހުގީގުތައް ނިންމަން ފުލުހުން ހޭލާ ތިބެންޖެހޭ ކަމަށެވެ. ނަމަވެސް ކޯޓުތަކަށް މައްސަލަ ހުށަހެޅުމަށް ފަހު، މައްސަލަ ނުނިންމާ ލަސް ކުރާ ނަމަ އެޅޭނެ ފިޔަވަޅެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިތައް ދުވަސް ތެރޭގައިތޯ ގާޒީ މައްސަލަ ނިންމަން ޖެހޭނީ. ނުނިންމައިފިއްޔާ ދެން ކާކުހޭ ބަލަނީ މައްސަލަ ނިންމިތޯ ނުވަތަ ނުނިންމާތޯ. ނުނިންމައިފިއްޔާ އަޅާނެ ފިޔަވަޅެއް ނެތީތޯ. އަޅުގަނޑަށް ހީވަނީ ޕެރެލަލްކޮށް މި އެކައުންޓެބިލިޓީގެ ނިޒާމު ވެސް އަންނަން ޖެހޭހެން،" އިހްސާން ވިދާޅުވި އެވެ.

ވަކީލް ޝަމީލް ވެސް ވިދާޅުވި ގޮތުގައި ވަސީލަތްތަކާއި ޖާގައިގެ ދަތިކަމުގެ މައްސަލަ ކޯޓުތަކަށް އޮތް ނަމަވެސް ލިބިފައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން މައްސަލަ ހައްލު ކުރުމުގެ ވިސްނުމެއް ވެސް އޮންނަންޖެހެ އެވެ.

އޭނާ ވިދާޅުވީ، ކޯޓުތަކުގައި ހެކިބަހުގެ ބަޔާންތައް ލިޔެ ނުނިމިގެންނާއި ރެކޯޑިންތައް ރަނގަޅަށް ނުނެގޭތީ އަލުން ހެކިބަސް ނަގަން ޖެހުން ފަދަ ކަންކަމުގައި ވެސް މައްސަލަތައް އަހަރެއްހާ ދުވަސް ވަންދެން ލަސްވެފައި އެބަހުރި ކަމަށެވެ.

"ރެކޯޑިން ގެއްލިއްޖެ. ދެވަނަ ފަހަރު ރެކޯޑިންގެ އަޑު ސާފު ނުވި. ތިން ވަނަ ފަހަރު ހެކިބަހުގެ އެއް ބައި ރެކޯޑް ކުރެވިފައި އަނެއް ބައި ރެކޯޑް ކުރެވިފައެއް ނެތް. ތިން ފަހަރަށް ހެކިބަސް ނަގަން ޖެހުނު ޖެހުމަކީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ދުވަސް ޝަރީއަތް ލަސްވެގެން ދިޔައީ،" ވަކީލް ޝަމީލް ވިދާޅުވި އެވެ.

ވާނުވާގެ މައްސަލާގައި ގާނޫނީ ހައްލު ހޯދަން އެކި ތަހުލީލުތައް ކުރުމަށް ބޮޑަށް މުއައްސަސާތަކުން ހޯދަން ޖެހެނީ އަމަލީ ސިފައެއް ގެނެވޭނެ ގޮތެވެ. ނަމަވެސް އެ އުއްމީދުގައި އަދި އެ އިންތިޒާރުގައި ތިއްބާ އެތައް އަހަރުތަކެއް ހޭދަވެ، އެތައް ބަޔަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިއްޖެ އެވެ.