Roadha Mihaaru

ޔުމްނުގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި، ފިޔަވަޅު އަޅަން ޕީޖީ އަންގަވައިފި

މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަންގަވައިފި އެވެ.

ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ޕީޖީ އަންގައިފި

މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގެ ތަހުގީގުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރިތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަންގަވައިފި އެވެ.

މާލޭގެ އިމާރާތެއްގެ މަތިން މިމަހުގެ 18 ވަނަ ދުވަހު ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާ ގުޅިގެން ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލާގައި ފުލުހުންގެ އެއްވެސް އޮފިސަރަކު ގާނޫނަކާ ނުވަތަ އިޖްރައާތަކާ ހިލާފަށް އަމަލު ކުރިތޯ ބެލުމަށާއި އަދި ފުލުހެއްގެ އިހުމާލެއް ފާހަގަވެއްޖެނަމަ އެކަމަށް ފިޔަވަޅު އަޅަން ޕީޖީ އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އަނިޔާލިބުނު ޔުމްނުގެ ކަރާމާތަށް ގެއްލުން ވެދާނެ އެއްވެސް މައުލޫމާތެއް އާންމު ނުކުރަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ތަހުގީގުގެ މައުލޫމާތު އާންމު ކުރުމުގައި ފަރުދުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަދި ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށް މައުލޫމާތު އާންމުކުރަން ވެސް ފުލުހުންނަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މައްސަލާގެ ތަހުގީގާ ގުޅިގެން އާންމުން އެ އޮފީހަށް ހުށަހަޅާ ޝަކުވާތައް ވެސް ބަލަމުން ގެންދާނެ އެވެ.

ޔުމްނު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި އެންމެ ފުރަތަމަ ފުލުހުން ބުނެފައިވަނީ އޭނާ ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގައި އޭރު ބަޔަކު ހައްޔަރު ނުކުރަން ވެސް ފުލުހުން ނިންމި އެވެ.

ނަމަވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުން ފަހުން ވަނީ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފަ އެވެ. އަދި އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އުޅުނު އެހެން ބައެއް މީހުން ފުރުން މަނާކޮށް އަދި އެ މީހުންގެ ފޯނު ވެސް ވަނީ ހިފަހައްޓައިފަ އެވެ.