15 މާޗް 2023
ގޭންގްތަކާ ގުޅުންހުރި ކުށްތަކުގައި އެތައް ބަޔަކު މަރާލައި އަދި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދީފި އެވެ. ރާއްޖޭގައި ގޭންގް ކުށްތައް 2007 ވަނަ އަހަރު ފެށުނު ފަހުން މިހާތަނަށް މާރާމާރީތަކުގައި އެކަނި ވެސް 50 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ. އެކަމަކު ގޭންގްތަކެއް ނުހުއްޓުވެ އެވެ.
ގޭންގްތަކާ ގުޅުންހުރި ކުށްތަކުގައި އެތައް ބަޔަކު މަރާލައި އަދި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދީފި އެވެ. ރާއްޖޭގައި ގޭންގް ކުށްތައް 2007 ވަނަ އަހަރު ފެށުނު ފަހުން މިހާތަނަށް މާރާމާރީތަކުގައި އެކަނި ވެސް 50 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ. އެކަމަކު ގޭންގްތަކެއް ނުހުއްޓުވެ އެވެ.
މިކަން ހުއްޓުވަން މަގުތަކަށް ސިފައިން ނިކުތުމުން މިކަމުގެ ނުރައްކާ އޮތް މިންވަރު އެބަ އިނގެ އެވެ.
ގޭންގް ކުށްތައް ހުއްޓުވަން 2010 ވަނަ އަހަރު ހާއްސަ ގާނޫނެއް ވުޖޫދަށް ގެނައީ ގޭންގްތަކާ ދެކޮޅަށް ވަރުގަދަ ހަތިޔާރަކަށް ވާނެކަމުގެ އުއްމީދަކާ އެކު އެވެ. އެކަމަކު 12 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު އެ ގާނޫނުގެ ދަށުން ދައުވާ ކުރެވުނީ އެންމެ މައްސަލަ އެކެވެ. ދައުވާކުރި މައްސަލަ ވެސް ސާބިތެއް ނުވެ އެވެ.
ގޭންގް ކުށްތައް ހުއްޓުވުމުގެ ބިލު ހަރުކަށިކޮށް ހުށަހެޅިޔަސް، ސިޔާސީ ބޭފުޅުންނާ ދެކޮޅަށް އެ ގާނޫނުގެ ބޭނުން ހިފާފާނެ ކަމުގެ ބިރަށްޓަކައި، އެ ބިލުގައި ފުލުހުންނަށް ދޭން ހުށަހެޅި ބޮޑެތި ބާރުތައް އޭރުގެ ރައްޔިތުންގެ މަޖިލީހުން އަތުލި އެވެ. ނަތީޖާއަކަށްވީ އުފެދުނުއިރު ވެސް އެ ގާނޫނު އޮތީ ޕެރަލައިޒްވެފަ އެވެ.
"އޮޕަރޭޓްކުރާ ގޮތާއި މިކަންކަމަށް ވިސްނައިގެން ނޫނިއްޔާ އެކަހަލަ ގާނޫނު ލިޔުނީމަ ދިމާވާ މައްސަލަ މިހާރު މި ދިމާވަނީ."
މިކަން އެނގިތިބެ ވެސް އެ ގާނޫނު އިސްލާހު ކުރަން މިހާތަނަށް އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައެއް ނުވެ އެވެ. ގޭންގް ކުށްތައް އިތުރުވާ ދުވަސްކޮޅާ ދިމާކޮށް ގާނޫނު އިސްލާހު ކުރުމުގެ ދައްކާލުމަށްފަހު ކޮންމެ ސަރުކާރުން ވެސް އެކަން ނިންމާލަނީ އެވެ.
ނަތީޖާއަކަށްވީ ރާއްޖޭގައި އެންމެންނަށް އެނގޭ ގޮތަށް ގޭންގްތައް ހަރަކާތްތެރިވަމުން ދިޔަޔަސް، މިހާތަނަށް މުޅިން ދައުވާ ކުރަނީ ކުށްކުރާ ވަކިވަކި މަދު ބަޔަކަށް އެކަންޏެވެ. މިސާލަކަށް ގޭންގް މާރާމާރީއެއްގައި މީހަކު މަރާލިޔަސް، ދައުވާ ކުރަނީ އެކަން ކުރުމުގައި އަމަލީ ގޮތުން ގޮތުން ބައިވެރިވި މީހުންނަށެވެ. ވަކި ހިސާބަކުން އޭގެ ތެރެއިން ގިނަ މީހުން ސަލާމަތްވެ އެވެ. ގޭންގްތަކާ ދެކޮޅަށް އެޅޭނެ މާ ބޮޑު ފިޔަވަޅެއް މިހާތަނަކަށް ނެތެވެ.
އޭގެފަހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރެގެން ބައެއް މީހުންގެ ފައިގައި ޓެގް އަޅުވަން ފެށުމަށްފަހު އެކަން މިހާރު އޮތީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. އަދި ޓެގް އެޅުވިޔަސް، އެއީ ގިނަވެގެން އެއް އަހަރުގެ މުއްދަތަށް އެޅޭ ވަގުތީ ފިޔަވަޅަކަށް ވާތީ އެއިން ލިބޭނެ ދާއިމީ ހައްލެއް ނެތެވެ.
ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިންތަކެއް ރަސްމިއްޔާތެއްގައި --- ފޮޓޯ/މިހާރު
ގޭންގް ކުށުގެ ގާނޫނު އޮތްގޮތުން އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތަކުގައި ކުށް ސާބިތުކުރެވެން އޮތީ އެ މީހަކީ ވަކި ގްރޫޕަކަށް ނިސްބަތްވާ އަދި އެ ގްރޫޕަކީ ކުށްކުރުމުގައި އާންމުކޮށް ހަރަކާތްތެރިވާ ބައެއްކަން ސާބިތުކޮށްދީގެންނެވެ. އެކަމަކު މިއީ ކޯޓެއްގައި ސާބިތުކުރުން ފަސޭހަ ކަމަކަށް ނުވެ އެވެ.
"ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގުޅުންހުރި ހުރިހާ މުއައްސަސާތަކާއެކު އެކަމުގެ މަޝްވަރާތައް އެބަ ގެންދަން." އިމްރާން
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ފާހަގަ ކުރެއްވީ ގާނޫނު އޮތްގޮތުގެ މައްސަލަ އެވެ.
"މީހަކު ރަޖިސްޓްރީއެއް ނުކުރާނެ ދެއްތޯ ގޭންގެއް. ތިމަންނަމެން މިއީ ގޭންގެކޭ ކިޔާފައެއް ނުވަތަ ކުށްކުރާ ޖަމާއަތެކޭ ކިޔާފައެއް. އޮޕަރޭޓްކުރާ ގޮތާއި މިކަންކަމަށް ވިސްނައިގެން ނޫނިއްޔާ އެކަހަލަ ގާނޫނު ލިޔުނީމަ ދިމާވާ މައްސަލަ މިހާރު މި ދިމާވަނީ." ދާދިފަހުން އޭނާ ވިދާޅުވި އެވެ.
"އޭރު ވެސް އޭގެ ބޭނުމެއް ނުކުރެވޭ. މިހާރު ވެސް އެގޮތަށް އެކަން އޮތީ." އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ގޭންގް ކުށުގެ ގާނޫނު ތަންފީޒު ކުރަން އުނދަގޫވީ ޖިނާއީ އިޖްރައާތުގެ ގާނޫނާއި ޓެރަރިޒަމްގެ ގާނޫނު އައުމުން ބައެއް ފުށުއެރުންތައް ދިމާވުމުންނެވެ. އެކަން ހައްލުކުރަން ގެންނަންޖެހޭ އިސްލާހު މިއަހަރު ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގުޅުންހުރި ހުރިހާ މުއައްސަސާތަކާ އެކު އެކަމުގެ މަޝްވަރާތައް އެބަ ގެންދަން. ކޮބައިތޯ އެ ގާނޫނަށް ގެންނަންވީ އިސްލާހުތަކަކީ. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ މި މަޖިލީހަށް އެ އިސްލާހުތައް ފޮނުވާނަން." މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ވިދާޅުވި އެވެ.
ގޭންގް މާރާމާރީތަކާއި މީހުން މެރުމުގެ މައްސަލަތަކުގައި އެކި ގާނޫނުތަކުގެ ދަށުން ދައުވާކުރާ މައްސަލަތަކުގައި ވެސް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތްގޮތުން ނިމެނީ އެތައް އަހަރެއް ނަގަ އެވެ. އިސްތިއުނާފް މަރުހަލާއާ އެެއްކޮށް ބަލާނަމަ، މިފަދަ މައްސަލަތައް ނިމެން 10 އަހަރު ނަގަ އެވެ.
"މަރުގެ މައްސަލަތައް ވެސް ގޭންގް ކުށްތަކުގެ މައްސަލަތަކުގައި ވެސް އަވަހަށް ނިމެންވީ. ނިމޭ ގޮތަކަށް ނިމެންވީ."
މާލޭގައި 2011 ވަނަ އަހަރު މީހަކު މަރާލި މީހަކު "ހެލްތް މިނިސްޓަރު ޒިންމާދާރު ކުރަން" ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމުން، އެ މައްސަލަ ހައި ކޯޓުގައި ނުނިމި އޮއްވާ އޭނާ ގޮސް ދެވަނަ މީހަކު މަރާލި ހާދިސާއަކީ އޭގެ ކުޑަ މިސާލެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް --- ފޮޓޯ/މިހާރު
ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހު ހިނގައިދިޔަ މަރުގެ ގިނަ މައްސަލަތައް އަދިވެސް ދަނީ ކުރިއަށެވެ. މީގެ 10 އަހަރު ކުރިން ހިނގި ގޭންގްތަކާ ގުޅުންހުރި މަރުގެ މައްސަލަތައް ސުޕްރީމް ކޯޓާއި ހައި ކޯޓުގައި އަދިވެސް ނުނިމި އެބަހުއްޓެވެ. އަނެއްކޮޅުން، ކޯޓުތަކުގައި އެކަށީގެންވާ ޖާގަ އާއި ވަސީލަތްތަކެއް ނެތެވެ.
"މަރުގެ މައްސަލަތައް ވެސް ގޭންގް ކުށްތަކުގެ މައްސަލަތަކުގައި ވެސް އަވަހަށް ނިމެންވީ. ނިމޭ ގޮތަކަށް ނިމެންވީ. ކޮންމެވެސް އެއްގޮތަކަށް ނިމެންވީ." ޝަމީމް ވިދާޅުވި އެވެ.
މުޖްތަމައުގެ ހަމަޖެހުމާއި ގުޅުންހުރި މިފަދަ މައްސަލަތައް ޝަރުއީ މަރުހަލާއިން ލަސްވާ މައްސަލަ ހައްލުކުރަން 2014 ވަނަ އަހަރު ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް، މިފަދަ މައްސަލަތައް ދައުވާ ކުރާތާ 30 ދުވަސް ތެރޭގައި މައްސަލަ ނިންމަން ކޯޓުތަކަށް ލާޒިމްކުރި އެވެ. އެހެން ނަމަވެސް އެ މުއްދަތުގައި މިހާތަނަށް ނިމުނީ ކުށަށް އިއުތިރާފްވި މަދު ދެތިން މައްސަލަ އެކެވެ.
މައްސަލަ ނުނިމި ލަސްވާ ވަރަކަށް ހެކި ގެއްލުމުގެ ފުރުސަތު ބޮޑެވެ. އަނެއްކޮޅުން ހެކިންނަށް ރައްކާތެރިކަން ދެވޭނެ އިތުބާރު ހިފޭ ނިޒާމެއް ނެތެވެ. ރޯމާ ދުވާލު މަގުމަތީގައި އެންމެންނަށް ފެންނަ ގޮތަށް މީހުން މެރިޔަސް، ކޯޓުގައި ހެކިބަސް ދޭން ގިނަ މީހުން ޖެހިލުންވެ އެވެ.
"ލަސްވާ ވަރަކަށް ބިރުދައްކަން، ހެކިންނަށް ނުފޫޒު ފޯރުވަން ފުރުސަތު ލިބޭނެ. އެހެން ގޮތްގޮތް ހަދަން ފުރުސަތު ލިބޭނެ." ޕީޖީ ޝަމީމް ވިދާޅުވި އެވެ.
ގޭންގް ކުށްތައް އިތުރުވެ، މުޖްތަމައު ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓެމުން ދިޔަޔަސް މިއަދާ ހަމައަށް ވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނެތެވެ. ގޭންގް ކުށުގެ ގާނޫނުގެ ބަލިކަށިކަމުގެ އިތުރަށް މުޅި ނިޒާމުގެ ތެރެއިން ވެސް ފެންނަނީ އެފަދަ ކަންކަމާ މެދު ސީރިއަސް ކަމެއް ނެތް ފަދަ މަންޒަރުތަކެކެވެ.
ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކުރަން ޕީޖީއަށް
ފުލުހަކާއި އާއިލާއަށް ގޭންގަކުން ބިރުދެއްކިތޯ ބަލަނީ
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
"ވާނުވާ" އެނގޭ، ނުލިބިގެން އުޅެނީ ހައްލު!
ނަފްސާނީ މައްސަލަ ހުންނަ ކުށްވެރިން: ދޫކޮށްލަންވީތަ؟
"މަސައްކަތާއި ކަސްރަތުގައި ދެން އުޅޭނީ މާ ގަދަކޮށް"
ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗެހިން ހަމަލާ ދީފި
މާރާމާރީ ހިންގަން އުޅެނިކޮށް ހުއްޓުވައި،އެކަކު ހައްޔަރު
ދަތް އަޅައިގެން އިނގިލި ބުރިކޮށްލި މީހަކު ބަންދަށް
ގޭންގް ކުށުގެ ގާނޫނު ބޭނުމެއް ނުކުރެވޭ: ޕީޖީ