Roadha Mihaaru
"މަސައްކަތާއި ކަސްރަތުގައި ދެން އުޅޭނީ މާ ގަދަކޮށް"

މަސައްކަތާއި ދުވުމާއި ފެތުމުގައި ދެން އުޅޭނީ މާ ގަދަކޮށް: ޝަމީމް

31 ޖެނުއަރީ 2024

އެނބުރި ވަޑައިގެން ރަސްމީ މަސައްކަތާއި ފެތުމާއި ދުވުމުގެ ކަންކަމުގައި ހަރަކާތްތެރިވާނީ ކުރިއަށް ވުރެ މާ ގަދަކޮށް ކަމަށް، ބަޔަކު ދިން ހަމަލާއެއްގައި މިއަދު ޒަހަމްވި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެނބުރި ވަޑައިގެން ރަސްމީ މަސައްކަތާއި ފެތުމާއި ދުވުމުގެ ކަންކަމުގައި ހަރަކާތްތެރިވާނީ ކުރިއަށް ވުރެ މާ ގަދަކޮށް ކަމަށް، ބަޔަކު ދިން ހަމަލާއެއްގައި މިއަދު ޒަހަމްވި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމަށް މިއަދު ހެނދުނު ބަޔަކު ވަނީ މަރުތޭލަކުން ހަމަލާދީ، ޒަހަމްކޮށްލައިފަ އެވެ. ހަމަލާގައި އޭނާގެ ވައަތު އުޅަނބޮށިން ތިރިން ކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

"...މިއަދު ހެނދުނު އަޅުގަނޑަށް ވަނީ ހަމަލާ ދީފައި ... ވައަތުގައި ވަނީ ރެނދެއް ލާފައި ... މިހާރު މި ހުރީ ގޭގައި އާއިލާއާ އެކު ... މަސައްކަތާއި ދުވުމާއި ބައިސްކަލް ދުއްވުން އަދި ފެތުމަށް ދެން އެނބުރި އަންނާނީ މާ ވަރުގަދަކޮށް،" ޝަމީމް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

ޝަމީމަކީ މަސައްކަތާ އެއްވަރަށް، ދުވުމާއި ފެތުން ފަދަ ކަސްރަތުތަކަށް ވަރަށް ބޮޑަށް ވަގުތު ހުސްކުރައްވާ ބޭފުޅެކެވެ. ޝަމީމަށް ހަމަލާ ދިނީ ވެސް މިއަދު ފަތިހު ދުވަން ނުކުމެ އުޅުއްވުމަށް ފަހު ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެޔަށް ވަޑައިގަތްތަނާ އެވެ.

ޝަމީމަށް ދިން ހަމަލާ ގިނަ ޕާޓީތަކުން ކުށްވެރިކޮށްފައި ވާއިރު، އެ މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.

ޝަމީމްގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފުން މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.