Roadha Mihaaru
މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ނުރައްކަލެއް!

މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ނުރައްކަލެއް!

29 މެއި 2019

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު އަބަދުވެސް އިވޭނީ ޖަލުތަކުގައި ކުށްވެރިންނަށް އަނިޔާކުރުމުގެ ވާހަކަތަކެވެ. އެތައް ބަޔަކަށް ޖަލުގައި ކުރި އެފަދަ ލާ އިންސާނީ އަނިޔާތަކާއި ގޮތް ނޭނގޭ މަރުތަކަށް މަޑުޖެހުމެއް އައީ ބޮޑު ލޭ އޮހޮރުވުންތަކަކާ ހަމައިންނެވެ. އެންމެ ފަހުން ފިއްތުންތައް ބޮޑުވެ، އޭރުގެ ސަރުކާރަށް ޖެހުނީ އެކަންކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅާށެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު އަބަދުވެސް އިވޭނީ ޖަލުތަކުގައި ކުށްވެރިންނަށް އަނިޔާކުރުމުގެ ވާހަކަތަކެވެ. އެތައް ބަޔަކަށް ޖަލުގައި ކުރި އެފަދަ ލާ އިންސާނީ އަނިޔާތަކާއި ގޮތް ނޭނގޭ މަރުތަކަށް މަޑުޖެހުމެއް އައީ ބޮޑު ލޭ އޮހޮރުވުންތަކަކާ ހަމައިންނެވެ. އެންމެ ފަހުން ފިއްތުންތައް ބޮޑުވެ، އޭރުގެ ސަރުކާރަށް ޖެހުނީ އެކަންކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅާށެވެ.

މިހާރު ކުށްކުރާ މީހުންނާ ދެކޮޅަށް ކުރިމަތިލަނީ ރައްޔިތުންނެވެ. ކ. ދިއްފުށީގައި ވައްކަން އިތުރުވުމުން މިދިޔަ ހަފުތާގައި ރައްޔިތުން މަގުތަކަށް ނުކުމެ، "ކުށްވެރިންނާ" ކުރިމަތިލުމުގެ ނަތީޖާއަކަށް ވީ ލޭ އޮހޮރުވުންތަކެއް ހިންގައި، އެތައް ބަޔަކަށް އަނިޔާވުމެވެ. ދެ ތިން ދުވަހެއްގެ މަތިން ހިންގި އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ޖެހުނީ އެސްއޯ ފުލުހުން އެރަށް އަރައިގެންނެވެ.

އޭގެ ފަހުން ހުޅުމާލެއިން ފެނުނީ އަދި އެހެން މަންޒަރެކެވެ: ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު ކަމަށް ބުނާ މީހަކު ހިފަހައްޓައި، ހުޅުމާލޭގެ މަގެއްގެ މަތީގައި އޭނާ ގަން ހިންގުވަނިކޮށެވެ. އޭގެ ކުރިން ބަޔަކު ވަނީ އެ ދެ ކުދިންނާ މެދު އެ މީހާ ހިންގި އަމަލުތަކަށް އޭނާ ލައްވައި އެއްބަސް ކުރުވައި، އެ މަންޒަރުތައް ވީޑިއޯކޮށް އަދި ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފަ އެވެ.

މިނޫނަސް މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ރާއްޖޭގައި އެބަ ހިނގަ އެވެ. މިއީ ނުރަނގަޅު ސަގާފަތެއް ފެށިދާނެ ކަމުގެ އިންޒާރެކެވެ.

ޖިނާއީ ކުށްތަކާ ގުޅޭ ކަންކަން ބަލައި، ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ މުއައްސަސާތައް ރާއްޖޭގައި އެބަ ހުއްޓެވެ. ޖިނާއީ ކުށްތައް ކަނޑައަޅާ ގާނޫނުތަކާއި މައްސަލަ ބަލާނެ ކޯޓުތަކާއި ކުށް ސާބިތުވާ މީހުން ބައިތިއްބާނެ ޖަލުތައް ވެސް އެބަހުއްޓެވެ. އެކަމަކު ރުޅިވެރިކަމުގައި މަގުމަތިން ކަންކަން ނިންމަން، ބައެއް އާންމުން ނުކުންނަނީ އެ ނިޒާމަށް އޮތް ޔަގީންކަން ކުޑަވުމުން ކަމަށް ވެދާނެ އެވެ.

އެ މީހުން ދައްކާ ސަބަބުތަކަކީ ކުށްވެރިންނަށް ގާނޫނީ ގޮތުން އަދަބުތައް ނުލިބި މުޖްތަމައުއަށް ދޫވެފައި ތިބޭ ތިބުމެވެ. ހައްޔަރު ކުރިޔަސް، އެއް ދޮރުން ވައްދާފައި އަނެއް ދޮރުން ނެރޭ ކަމުގެ ޝަކުވާ އެވެ. ނުވަތަ ގާނޫނީ ކޮންމެވެސް ބާގަނޑެއްގެ ސަބަބުން މިނިވަންވެފައި ތިބޭ ތިބުމެވެ. އޭގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނަ އާއި މުދަލަށް ރައްކާތެރިކަމެއް ނެތް ކަމުގެ ކަންބޮޑުވުމެވެ.

ކޮންމެ މީހަކު ވެސް ކުށެއް ކޮށްފި ނަމަ ތަހުގީގު ހިންގައި، ގާނޫނީ އަދަބެއް ދޭން ޖެހޭނެ އެވެ. އެކަމުން ވަކި މީހަކު އިސްތިސްނާ ވެގެން ނުވާނެ އެވެ.

ގިނަ އަހަރުތަކެއްގެ މަސައްކަތްތަކަށް ފަހު އަމަލުކުރަން ފެށި އާ ގާނޫނުލް އުގޫބާތު ބުނާ ގޮތުން ކުރި ކުށަކަށް އެކަށީގެންވާ އަދަބެއް އެ ކުށްވެރިޔާއަށް ދިނުމުގެ އިތުރުން ކުށުގެ ތުހުމަތުކުރެވޭ މީހާ ނުވަތަ ކުށް ސާބިތުވެފައިވާ މީހަކާ މެދު އަނިޔާވެރި ގޮތުގައި ނުވަތަ ގާނޫނީ އިމުން ބޭރުން އެއްވެސް މުއާމަލާތެއް ކުރުން ހުއްޓުވުމަކީ ވެސް އެ ގާނޫނުގެ އެއް މަގްސަދެވެ.

ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: މުދަލާއި އާންމުންގެ ރައްކާތެރިކަމަށް މަސައްކަތްކުރޭ -- ފޮޓޯ/މިހާރު

ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: މުދަލާއި އާންމުންގެ ރައްކާތެރިކަމަށް މަސައްކަތްކުރޭ -- ފޮޓޯ/މިހާރު

ގާނޫނީ ގޮތުން ބަލާއިރު، މީހުންގެ ފުރާނަ އާއި މުދަލަކީ ގާނޫނީ ހިމާޔަތް ދެވިފައިވާ ކަންކަން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އެ ސަބަބަށްޓަކައި ފުރާނަ އާއި މުދަލުގެ ދިފާއުގައި ކޮންމެހެން ބޭނުން ކުރަން ޖެހޭ ބާރުތައް ބޭނުން ކުރުމުގެ ހުއްދަ ގާނޫނީ ގޮތުން މިހާރު ވެސް އެބަ އޮތެވެ. ގާނޫނުލް އުގޫބާތު ބުނާ ގޮތުން ތިމާގެ އަމިއްލަ ނުވަތަ އެހެން މީހެއްގެ ވިޔަސް، ފުރާނަ އާއި މުދަލަށް ނުރައްކަލެއް ކުރިމަތިވާ ހިނދު، ދިފާއުގައި ބާރުގެ ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ.

އެކަމަކު އެ ބާރުތައް ވެސް ގާނޫނީ ގޮތުން ބޭނުން ކުރެވޭނެ އުސޫލުތަކާއި ހަމަތަކެއް އޮވެ އެވެ. އެގޮތުން ދިފާއުގައި ބޭނުންކުރާ ބާރަކީ ކުރިމަތިވެދާނެ ކަމަށް ބެލެވޭ ގެއްލުމާ ބަލާއިރު އިތުރަށް ބޭނުން ކުރެވޭ ބާރަކަށް ނުވުމަކީ ޝަރުތެކެވެ. އަދި ބާރުގެ ބޭނުން ކުރުމުގައި މީހަކު މަރުވެދާ ފަދަ ގޮތަކަށް ނުވަތަ މީހަކަށް ބޮޑު އަނިޔާއެއް ދިނުން ހުއްދަ ކުރަނީ ވަރަށް ޚާއްސަ ހާލަތްތަކެއްގައި އެކަންޏެވެ.

ގާނޫނުލް އުގޫބާތު ބުނާ ގޮތުން މީހަކު މަރުވެދާނެ ފަދަ ގޮތަކަށް ނުވަތަ މީހަކަށް ބޮޑު އަނިޔާއެއް ވެދާނެ ފަދަ ގޮތަކަށް ބާރުގެ ބޭނުން ކުރެވޭނީ ތިމާ ނުވަތަ އެހެން މީހަކު މަރާލަފާނެ ކަމަށް ނުވަތަ ބޮޑު އަނިޔާއެއް ދޭން އުޅޭ ކަމަށް ބެލެވޭ ނަމަ ނުވަތަ ރޭޕްކޮށްފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި އެކަމުން ދިފާއުވުމަށް އެކަންޏެވެ. އަދި ހަމައެކަނި މުދަލެއް ހިމާޔަތް ކުރަން ޖެހޭ ހާލަތްތަކުގައި މީހެއްގެ ފުރާނައަށް ބޮޑު އަނިޔާއެއް ވެދާނެ ފަދަ ބާރެއް ދިފާއުގައި ބޭނުން ކުރުން ގާނޫނުލް އުގޫބާތު ހުއްދައެއް ނުކުރެ އެވެ.

މިސާލަކަށް ތިމާގެ އަމިއްލަ ނުވަތަ އެހެން މީހެއްގެ ގެއަށް މީހަކު ވައްކަން ކުރުމަށްޓަކައި ވަދެ އުޅެނިކޮށް ނުވަތަ މުދަލަށް ގެއްލުން ދެނިކޮށް ފެންނަ ހާލަތެއްގައި އެކަން ހުއްޓުވަން އެކަށީގެންވާ ބާރެއް އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވިދާނެ އެވެ. އެކަމަކު ތުހުމަތުކުރެވޭ މީހާ މަރުވެދާނެ ފަދަ ގޮތަކަށް ނުވަތަ ބޮޑު އަނިޔާއެއް ލިބޭ ގޮތަށް އެއްވެސް ބާރެއް ބޭނުން ކުރުން ހުއްދައެއް ނުވެ އެވެ.

ދާދި ފަހުން ފެނުނު އަމަލްތައް ގާނޫނީ އިމުން ބޭރުވެ އެވެ. މަދު މީހަކާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކުރިމަތިލައި، ލޭ އޮހޮރުވުން ހިންގީ އެވެ. އަނެއްކޮޅުން ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މީހާ ލައްވައި، ބޮޑު އިއުތިރާފެއް ހޯދުމަށް ފަހު އެންމެންނަށް ފެންނަ ގޮތަށް ބޮޑު މަގެއްގެ މަތީގައި ގަން ހިންގުވީ އެވެ.

ދެން އޮތީ ޖިނާއީ އަދުލުގެ ނިޒާމެވެ. މަދަނީ މައްސަލަތަކާ ޚިލާފަށް ޖިނާއީ މައްސަލަތަކަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ބެލުމުގެ ދަށުން ތަހުގީގު ހިންގުމަށް ފަހު އަދި ދައުލަތުން ދައުވާ ކުރުމުން ނޫނީ ޝަރީއަތާ ހަމައަށް ނުގެންދެވޭނެ މައްސަލަތަކެވެ. ޖިނާއީ މައްސަލައެއްގައި ގެއްލުން ލިބެނީ އާންމު ރައްޔިތަކަށް ނުވަތަ އޭނާގެ މުދަލަށް ކަމަށް ވިޔަސް، އެކަމަކާ ގުޅޭ ހުރިހާ އިޖްރާއާތުތަކެއް ހިންގުމުގެ ބާރު ގާނޫނީ ގޮތުން އޮންނަނީ ހަދައުލަތުގެ މުއައްސަސާތަކަށެވެ.

އެކަމަކު މުއައްސަސާތަކަށް އިތުބާރު ނުކުރެވުމާއި މައްސަލަތައް އެކި މަރުހަލާތަކުން ނިމުން ލަސްވުމާއި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ލިބުން ލަސްވުން ފަދަ އެތައް ޝަކުވާއެއް އެބަ ހުއްޓެވެ. އެކަންކަމަށް މުއައްސަސާތަކުން މިހާރުން މިހާރަށް ވެސް ހައްލުތަކެއް ގެންނަން ޖެހެ އެވެ.

އެކަމަކު އެ ޝަކުވާތައް އެގޮތުގައި އޮތުމަކީ ކުށްވެރިންނާ ދެކޮޅަށް ރައްޔިިތުން ނިކުމެ، އަމިއްލައަށް ގާނޫނުތައް ތަންފީޒުކުރަން ދެއްކޭނެ ހުއްޖަތެއް ނޫނެވެ. ހަމައެހެންމެ، ގިނަ ބަޔަކު ބައިވެރިވެގެން ކަމަށް ވިޔަސް، "ޖަޒްބާތުގައި ޖެހިގެން" ހިންގާ އެފަދަ އަމަލުތައް ވެސް ގާނޫނީ ގޮތުން ކުށަކަށް ވެސް ވެދާނެ އެވެ. ނަތީޖާއަކަށް ވާނީ ކުށްކުރި މީހާއެކޭ އެއް ހާލަތަކަށް، މަގުމަތިން އެކަން ނިންމަން އުޅުނު މީހުން ވެސް ގާނޫނުގެ ކުރިމަތީގައި ބަދަލުވުމެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ތަހުޒީބު މުޖްތަމައުތަކުގައި ބަލައިގަންނަ އެއް އުސޫލަކީ ކިތަންމެ ބޮޑު ކުށްވެރިއަކަށް ވިޔަސް، ގާނޫނީ އިމުން ބޭރުން އެއްވެސް އަދަބެއް ނުވަތަ އަނިޔާއެއް ނުދިނުމެވެ. އެފަދަ ކަންކަމަށް ފުރުސަތު ނުދޭން ހަރުކަށި ގާނޫނުތައް ހަދަ އެވެ. މީގެ ކުރިން، ރާއްޖޭގައި ވެސް ކުށުގެ ތުހުމަތު ކުރެވޭ ބައެއް މީހުންނަށް އަނިޔާކުރުން ފަދަ ކަންކަމުގައި ދައުވާ ވެސް ކޮށްފައި އެބަ ހުއްޓެވެ.

ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ތުހުމަތު ކުރެވޭ މީހަކަށް ވެސް އަނިޔާއެއް ކުރުން ނުވަތަ ހުއްދަ ނެތި އެ މީހުންގެ ގައިގައި އަތްލުމަކީ ޖިނާއީ ކުށެކެވެ.

"ގާނޫނުލް އުގޫބާތުގައި އޮންނާނެ ދިފާއުގައި ބާރެއް ބޭނުން ކުރަން ޖެހޭނީ ދިފާއުގައި ކަމެއް ކުރަން ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް ކަމަށް. އެކަމަކު ވައްކަން ކުރީއޭ ކިޔާފައި މަގުމައްޗަށް ނެރެފައި އަދި ރައްޔިތުން އެއްކޮށްފައި ތެޅީމަ އެއީ ގޯސް،" ވަކީލަކު ވިދާޅުވި އެވެ.

ޖިނާއީ އަދުލުގެ ނިޒާމެއް އޮންނަނީ ހަމަޖެހުން ގާއިމްކުރާށެވެ. އަދި އެ ނިޒާމާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް ހުއްޓަސް އަމިއްލައަށް ގާނޫނު އަތްމައްޗަށްލައިގެން ނުކުތުމަކީ މައްސަލައެކެވެ.