Roadha Mihaaru

ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

30 އެޕްރީލް 2025

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކުރީ މިދިޔަ ހަފުތާގައި އޭނާ ހައްޔަރުކޮށް، ކުރިން ދީފައިވާ ފަސް ދުވަހުގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުންނެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު އެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.

އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުންނަށް ނުލިބުނެވެ.

ޔުމްނު މިހާރު ވަނީ އިތުރު ފަރުވާއަށް އާއިލާއިން މެލޭޝިއާއަށް ގެންގޮސްފަ އެވެ. އުމުރުން 21 އަހަރުގެ ޔުމްނުގެ އެންމެ ނާޒުކު އަދި އެންމެ އުނދަގޫ ސާޖަރީ އިއްޔެ ކޮށްފައިވާ ކަމަށާއި އެ ސާޖަރީ ކާމިޔާބު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ރޭ ބުނެފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާންމުން ތުހުމަތު ކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އަދި އެ ކޮމިޝަނުގެ ރައީސަކަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު މުނައްވަރު އައްޔަން ކުރައްވައި، އިތުރު ހަތަރު ބޭފުޅަކު ވަނީ އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ.

އެ ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް މާ ގިނަ ދުވަސްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އުންމީދަކީ "ފިސާރި އަވަހަށް" މަސައްކަތް ނިންމާލުން ކަމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ "ސެންޓިމެންޓަށް" ބަލައިގެން ކަމަށާއި މިނިވަންކަމާ އެކު ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.