Roadha Mihaaru

ރައުދުގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

26 މެއި 2025

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރައުދުގެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު، އެ މައްސަލަ ބަލައިގަނެފައިވާ ކަމަށާއި 15 ދުވަސް ތެރޭ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ރައުދު މިހާރު ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފަސް ދުވަހަށް ބަންދުގަ އެވެ. އޭނާ އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދު އިތުރުކޮށް ދޫކޮށްލި އެވެ. ދޫކޮށްލި ދުވަހު އާ އަމުރެއްގެ ދަށުން ރައުދު ހައްޔަރުކުރި އެވެ.

ފުލުހުން ބުނެފައިވަނީ ރައުދު ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިން ކަމަށެވެ.

ރައުދު ދޫކޮށްލީ އޭނާ ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުގައި ތާވަލުކޮށްފައި އޮއްވަ އެވެ. ނަމަވެސް، އޭނާ ބަންދުން ދޫކޮށްލާފައިވާތީ އިސްތިއުނާފް މައްސަލަ އަނބުރާ ގެންދިޔަ އެވެ.

ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރު ކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.