Roadha Mihaaru

ރައުދު ބަންދުން ދޫކޮށްލައިފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ރައުދު އަހުމަދު ޒިލާލަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާތީ އޭނާ ރޭ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރައުދު ބަންދުން ދޫކޮށްލައިފި

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ރައުދު އަހުމަދު ޒިލާލަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާތީ އޭނާ ރޭ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ރައުދު ބަންދުން ދޫކޮށްލުމަށް "ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފައިވާތީ" ރޭ ރައުދު ވަނީ ބަންދުން ދޫކޮށްލާފައި ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވެފައި ވަނީ ރައުދަށް ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް ފޮނުވުމާ އެކު، މައްސަލަ ބަލައިގަނެފައިވާ ކަމަށާއި 15 ދުވަސް ތެރޭ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ރައުދު ހައްޔަރު ކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓަމުން އައިސް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އޭނާ ދޫކޮށްލި އެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވަނީސް އެ ދުވަހު އަލުން ބަންދުކޮށް ޖެހިގެން އައި ހުކުރު ދުވަހު ކޯޓަށް ގެންދިއުމުން ބަންދަށް ފަސް ދުވަސް ދިނެވެ.

ރައުދުގެ ބަންދާ މެދު ފުލުހުން އަމަލު ކޮށްފައިވާ ގޮތާ މެދު އޭނާގެ ވަކީލުން ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކީލުން ވިދާޅުވީ، ރައުދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު ދެ އަމުރެއް މިހާރު ވެސް ހިނގަހިނގާ އެބައޮތް ކަމަށާއި މިއީ ކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުން ރައުދު 20 ދުވަހަށް ބަންދުކުރަން މި މަހުގެ 15 ވަނަ ދުވަހު ނެރުނު އަމުރުގެ މުއްދަތު ހަމަވާން އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހަށެވެ. ނަމަވެސް، އެ އަމުރު ދެމިއޮއްވައި މި މަހުގެ 22 ވަނަ ދުވަހު ރައުދު ބަންދުން ދޫކޮށްލި އެވެ. އޭނާ ބަންދުން ދޫކޮށްލީ އެންމެ ފުރަތަމަ ހައްޔަރުކުރިއިރު، ފުލުހުން އިޖުރާއަތާ ހިލާފަށް އަމަލުކޮށްފައިވާތީ، އެކަން އިސްލާހު ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ލަފާދީފައިވާތީ އެވެ.

ރައުދުގެ ވަކީލުން ވިދާޅުވާ ގޮތުގައި، 20 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު މިހާތަނަށް އެއްވެސް ކޯޓަކުން ބާތިލްކޮށްފައިނުވާތީ އެއީ ދެމިއޮތް އަމުރެކެވެ. އެހެންވެ ރައުދުގެ މައްޗަށް ހިނގަހިނގާ އޮތް ބަންދު ދެ އަމުރު އެބަ އޮތެވެ. އެއީ އެއް ތުހުމަތެއްގައި، އެއް ކަމަކާ ގުޅޭ ގޮތުން އޮތް ދެ އަމުރެވެ.

"މިއީ މީގެކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައި އޮތް ގޮތެއް ނޫން. ގާނޫނީ ހުސްކަމެއް މި ހާލަތުގައި މި އޮތީ،" ވަކީލް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.