Roadha Mihaaru
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި

ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފި

28 ނޮވެމްބަރ 2022

އައްޑޫ ފޭދޫގައި މިދިޔަ ޖޫން މަހު ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދިން މައްސަލާގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ފޭދޫގައި މިދިޔަ ޖޫން މަހު ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދިން މައްސަލާގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ، ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކޮށްފައިވާ ކަމަށެވެ. އިތުރު ފަސް މީހެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް ކުރި ކަމަށް އެ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި ދައުވާކޮށްފައި ވަނީ؛

1. ޔައީޝް އަންވަރު، ސ. ހިތަދޫ، ކަދުރުމާގެ

2. އައިލިޝް އަލީ، ސ. ފޭދޫ، ފުފޫމާގެ

3. އަހުމަދު ޝުއާއު، ސ. ފޭދޫ، ދިރިމާގެ

4. އަހުމަދު ނަބީލް، ސ. ފޭދޫ ސަންޝައިން

5. އަބްދުﷲ ނިޒާރު، ސ. ފޭދޫ، ކާމަރަނގަގެ

6. އަހުމަދު އަބްދުﷲ، ސ. ފޭދޫ، ކަރަންފޫގެ

7. އަބްދުﷲ ޝިޔާއު ރަޝީދު، ސ. ފޭދޫ، ދިރިމާގެ

ޕީޖީ އޮފީހުން ބުނިގޮތުގައި، އެ މީހުންގެ މައްޗަށް ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ ވެސް ކުރި އެވެ.

އެ މީހުންގެ މައްޗަށް ދައުވާކޮށް، މައްސަލަތައް ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހެޅި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޒަޔާނަށް މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރު ހަމަލަދިނީ ފޭދޫގެ ދެ ގޭންގެއްގެ ދެމެދުގައި އޮންނަ މައްސަލައަކާ ގުޅިގެންނެވެ. އަމިއްލަ ގޭގެ ގޯތިތެރޭގައި ހުއްޓާ ދިން އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ޒަޔާން މަރުވީ އެވެ.

އެ މައްސަލާގައި ހިމެނޭ 10 މީހެއްގެ މައްޗަށް، ކުޑަކުދިން ލައްވައި ކުށްކުރުމުގެ ދައުވާތައް ވެސް ކޮށްފައިވެ އެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެކެވެ. ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

އެ މައްސަލާގައި، މީގެ ކުރިން ދައުލަތުން ވަނީ އުމުރުން 18 އަހަރު ނުފުރޭ ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން އެކެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، ދެން ތިބި ތިން ކުދިންގެ މައްޗަށް އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.

ކުޑަކުއްޖަކަށް ވާތީ، އެ ކުށް ސާބިތުވިޔަސް ތަންފީޒު ކުރަން ޖެހޭނީ އަދަބުގެ ތިން ބައި ކުޅަ ދެބަ އެވެ. ކުޑަކުއްޖަކަށް ވާތީ މަރުގެ އަދަބު ވެސް ނުދެވޭނެ އެވެ.