Roadha Mihaaru
ހަމަލާ ދިން ކުދިން ރެކްރޫޓު ކުރީ އޮންލައިން ގޭމަކުން!

މަރުގެ ހަމަލާ ދިން ކުދިން ރެކްރޫޓު ކުރީ އޮންލައިން ގޭމަކުން

19 އޮކްޓޯބަރ 2022

އައްޑޫ ފޭދޫގައި މިދިޔަ ޖޫން މަހު މީހަކު މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ބައެއް ކުޑަކުދިން އެކަން ކުރުމަށްޓަކައި ރެކްރޫޓް ކޮށްފައި ވަނީ އޮންލައިން ގޭމެއްގެ ތެރެއިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫ ފޭދޫގައި މިދިޔަ ޖޫން މަހު މީހަކު މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ބައެއް ކުޑަކުދިން އެކަން ކުރުމަށްޓަކައި ރެކްރޫޓް ކޮށްފައި ވަނީ އޮންލައިން ގޭމެއްގެ ތެރެއިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ރަށުގެ ގެއަކަށް ވަދެ ވަޅިން ހަމަލަދީ، ޒުވާން މުހައްމަދު ޒަޔާން މަރައިލި ހާދިސާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، އެ ހަމަލަ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ ހަގު އުމުރުފުރައިގެ ކުދިންނަށް އެކިއެކި ކަންކަން ކޮށްދީގެން އެ މީހުން ކުށުގެ ވެށީގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.

އޭގެ ތަފުސީލު ދެއްވަމުން ސައުތު ޕޮލިސް ރީޖަންގެ ރީޖަން ކޮމާންޑަރު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ، އެ ކުދިން ރެކްރޫޓް ކޮށްފައި ވަނީ ގޭމެއްގެ ތެރެއިން ކަމަށެވެ. އެ ގޭމުގެ ތެރެއިން އެ ކުދިންނާ މުއާމަލާތުކޮށް، އެ ކަމަށް ހިތްވަރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކުދިންނާ ބައްދަލު ކުރެވިގެން ވަކި ކަހަލަ މާހައުލުތަކެއް އުފައްދައި ދީގެން އެ ތަންތަނުގައި ގޭމް ކުޅޭނެ ފުރުސަތު ދީގެން މި ކަންތައްތައް ކޮށްފައި ހުރި،" ޝަމީމް ވިދާޅުވި އެވެ.

ކުޑަކުދިން ގްރޫމްކޮށް، އެކްސްޕްލޮއިޓް ކުރާ މީހުން، އެ ކުދިންނަށް ބައިސްކަލު ގަނެދީ، ބައެއް ފަހަރު ކޮފީ ބޯން ރެސްޓޯރަންޓުތަކަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ބައެއް ތަންތަން ކުއްޔަށް ހިފައިގެން އުމުރުން 16-18 އަހަރާ ދެމެދުގެ ކުދިން އެ ތަންތަނުގައި ބޭތިއްބުމުގެ އަމަލުތައް ވެސް ހިންގާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ތުއްތު ދަރިން ގޭތެރެ އާއި އެހެނިހެން މާހައުލުތަކުގައި ގޭމް ކުޅޭއިރު އަދި އެހެން ހަރަކާތްތައް ކުރާއިރު ކުރަމުންދާ ކަންކަން ވީހާ ވެސް ކައިރިން ބަލަމުން ގެންދަމުން ދިއުމަކީ ކުށްތަކުގައި ކުދިން ޝާމިލު ވެގެންދާ ދިޔުން ކުޑަ ކުރެވޭނެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނިގޮތުގައި ޒިޔާން މަރާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، ހުޅު ޖަހައިގެން ހެކިތައް ނައްތާލުމުގައި އުޅުނީ އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނެވެ. އެކަން ރާވައި ފަހަތުގައި ތިބި އެތައް ބަޔަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.