Roadha Mihaaru
މަރާލުމުގެ ކުރިން ދޮރަށް ކަތިވަޅިއެއް ޖެހިކަން އެންގި!

ޒަޔާން މަރާލުމުގެ ދެ ދުވަސް ކުރިން ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލަ ފުލުހަށް އެންގި

19 އޮކްޓޯބަރ 2022

މިދިޔަ ޖޫން މަހު ދެވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ވަޅިން ހަމަލާ މުހައްމަދު ޒަޔާން މަރާލުމުގެ ދެ ދުވަސް ކުރިން ތަފާތު އިންޒާރު ދީ، އޭނާ ދިރިއުޅޭ ގޭގެ ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ ޖޫން މަހު ދެވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ވަޅިން ހަމަލާ މުހައްމަދު ޒަޔާން މަރާލުމުގެ ދެ ދުވަސް ކުރިން ތަފާތު އިންޒާރު ދީ، އޭނާ ދިރިއުޅޭ ގޭގެ ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އައްޑޫ ފޭދޫގައި މަރައިލި ޒަޔާންގެ މަރުގެ މައްސަލާގައި ތަހުގީގަށް ހޯދިފައިވާ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ގޮތުގައި ޒަޔާންގެ މަރަކީ އެ ދުވަސްވަރު ފޭދޫގެ ދެ ގޭންގެއް ދެމެދު ހިނގަމުން ދިޔަ ސިލްސިލާ މާރަމާރީއެއްގެ ތެރެއިން އެއް ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށެވެ.

ޒަޔާނަށް ހަމަލާ ދިނީ މިދިޔަ މޭ މަހު 31 ގެ ރޭ ދަންވަރު ފޭދޫގައި ހިންގި މާރަމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ސަމީހު ވިދާޅުވި އެވެ.

ޒަޔާން ދިރިއުޅޭ ގެ ކައިރިއަށް ސައިކަލުތަކެއްގައި ބާރުބާރަށް ބަޔަކު ދުއްވާ މައްސަލައެއް، އެ ގެއިން ފުލުހުންނަށް ގުޅި ބަޔަކު ރިޕޯޓުކުރި ކަމަށް ސާމިހު ވިދާޅުވި އެވެ. އެ ގޭގެ ދޮރަށް ކަތިވަޅިއަކުން ޖަހައި ގެއްލުން ދިން މައްސަލައެއް ވެސް ދެ ވަނަ ފަހަރަށް ގުޅައި ފުލުހުންނަށް ރިޕޯޓުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީން އިން [ޒަޔާން ދިރިއުޅޭ ގެއިން] އެއްވެސް ކަތިވަޅިއެއް ނުފެނޭ. އެކަމަކު ދޮރަށް ގެއްލުން ލިބިފައި ހުރި. އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް މި ހާދިސާ ހިނގީ،" ސާމިހު ވިދާޅުވި އެވެ.

އޭގެ ދުވަސް ކޮޅެއް ކުރިން ޒަޔާން ވެސް ފުލުސް އޮފީހަށް ގޮސް އޭނާއާ ބަޔަކު ހަޑި ހުތުރު ބަހުން ވާހަކަ ދައްކަމުންދާ ކަމަށް ރިސެޕްޝަންގައި ހުރި އޮފިސަރަށް އެންގި ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދީ އޭނާ އެތަނުން ދިޔަ ކަމަށް ފުލުުހުން ބުންޏެވެ.

މަރުވުމުގެ ކުރިން އެކަން ކުރި މީހުންގެ މައުލޫމާތު ޒަޔާން ދިން

ސަމީހު ވިދާޅުވި ގޮތުގައި ޖޫން ދެވަނަ ދުވަހުގެ ރޭ މެންދަމު 3:10 ގައި މާރަމާރީ ހިންގި ކަމަށް ރިޕޯޓު ކުރުމުން ފުލުހުން ޒަޔާން ދިރިއުޅޭ ގެއަށް ދިޔައިރު އެ ގޭގެ ފުރަތަމަ ފްލޯގައި ޒަޔާން އޮތެވެ. އޭރު ގޭގެ އެކި ހިސާބުގައި ވަރަށް ގިނައިން ލޭ ވެސް ހުއްޓެވެ. ހަމަލާ ދިން މީހުން ބޭނުންކުރި ބައެއް ހަތިޔާރު ވެސް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.

ފުލުހުން ޒަޔާން އޮތް ތަނަށް ދިޔަ އިރު، އޭނާގެ މަންމަ އާއި އާއިލާގެ އެހެން މީހުން ޒަޔާންގެ ހަށިގަނޑުން ބޭރުވަމުން ދިޔަ ލޭ މަނާ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ސާމިހު ވިދާޅުވި އެވެ. ޒަޔާން އޮތީ ތަޅުންގަނޑު މަތީގައި ހުސް ގަޔާ އޮށޯވެލައިގެން ކަމަށާއި އޭނާގެ ގައިގައި އެކި ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ.

ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ޒަޔާން ވާހަކަ ދައްކާތީ ފުލުހުން އޭނާ އާ ސުވާލުކުރި ކަމަށް ފުލުހުން ބުންޏެވެ.

"ހަމަލާ ދިން ގޮތާއި ހަމަލާ ދިން މީހުންނާ ގުޅޭ ގޮތުން ޒަޔާން އެ ވަގުތު ވާހަކަ ދައްކާފައިވޭ. އެ ފަހުން އަވަސް ފަރުވާ އަށް ގެންދިޔުމަށް އެމްބިއުލަންސް ގެނެސް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ގެންދިޔަ. ހޮސްޕިޓަލަށް ގެންދިޔައީ 3:40 ހާއިރު،" ސާމިހު ވިދާޅުވި އެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން:

އަބްދުﷲ ނިޒާރު، 28 (ކާމަރަނގަގެ، ސ. ފޭދޫ)

އަބްދުﷲ ޝިއާއު ރަޝީދު، 28 (ދިރިމާގޭ، ސ. ފޭދޫ)

އައިލިޝް އަލީ، 19 (ފުފޫމާގޭ، ސ. ފޭދޫ)

އަހުމަދު ޝުއާއު، 24 (ދިރިމާގެ، ސ. ފޭދޫ)

ޔައިޝް އަންވަރު، 19 (ކަދުރުމާގޭ، ސ. ހިތަދޫ)

އަހުމަދު އަބްދުﷲ، 25 (ކަރަންފޫގެ، ސ. ފޭދޫ)

އަހުމަދު ނަބީލް، 34 (ސަންޝައިން، ސ. ފޭދޫ)

މަރާލީ ފުލުހުންގެ ތަހުގީގަށް އޮޅުވައިލެވޭނެ ގޮތްތައް ރާވައިގެން

ދުރާލައި ރާވައިގެން ޒަޔާނަށް ހަމަލާ ދިނުމަށް ވަގަށް އެ ގެ އަށް ވަދެ ފާރަލައިގެން ތިބި ކަމަށާއި އޭނާ ދިއުމުން ތޫނު ހަތިޔާރަކުން ހަމަލާ ދީ ޒަހަމްކޮށްލި ކަމަށް ސާމިހު ވިދާޅުވި އެވެ. ޒަޔާން ސަލާމަތް ވާން ފުރަތަމަ ވެސް އެރީ އެ ގޭގެ ފުރަތަމަ ފްލޯ އަށެވެ. އަދި ހަށިގަނޑުން ވަރު ދޫވެ އޭނާ ތަޅުންގަނޑު މަތީގައި އޮށޯތީ ކަމަށް ވިދާޅުވި އެވެ.

އޭރު ހަމަލާ ދިނުމަށް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ކެފޭއެއްގެ ތެރޭގައި ހަމަލާގެ އިންތިޒާރުގައި ތިބި ކަމަށް ސާމިހު ވިދާޅުވި އެވެ. ހަމަލާ ދިނުމަށް ފަހު، އެ މީހުންނަށް ފޯނުން ގުޅައި އެކަން ކުރި ވާހަކަ އެންގި އެވެ.

އެ މީހުން ކެފޭގައި ތިބުމުގެ ބޭނުމަކީ އެކަން ހިނގީ އެ މީހުންނަށް އެނގިގެން ނޫން ކަމާއި ކެފޭއެއްގައި ގިނަ ބައެއްގެ ތެރޭގައި ތިބި ކަން ފޭދޫގެ މީހުން މެދުވެރިކޮށް، ފުލުހުންގެ ތަހުގީގަށް ދެއްކުން ކަމަށް ސާމިހު ވިދާޅުވި އެވެ.

ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަކީ ހަގު އުމުރު ފުރައިގެ ކުދިންނަށް އެކިއެކި ކަންކަން ކޮށްދީގެން އެ މީހުން ކުށުގެ ވެށީގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާމިހު ވިދާޅުވިގޮތުގައި، ޒަޔާނަށް ހަމަލާ ދިނުމަށް ފަހު، އެ ގުރޫޕް އުޅުނީ ފިލައިގެން ގެއެއްގެ ތެރޭގަ އެވެ. އެ މީހުން ގެންގުޅުނު ހަތިޔާރުތައް ހުޅުޖަހައިގެން އެ ވަގުތު ނައްތާލަން މަސައްކަތް ކުރި ކަމަށް ވެސް ވިދާޅުވި އެވެ. އެ ބޭނުމުގައި ޕެޓްރޯލް ގަންނަން ގޮސް އުޅުނު މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ވަނީ ފުލުހުންނަށް ލިބިފަ އެވެ.

ސާމިހު ވިދާޅުވީ، އެއީ ސިލްސިލާކޮށް ހިންގި މާރަމާރީ ނޫން އެހެން މޯޓިވްއެއް އޮތްތޯ ބެލުމަށް މަސައްކަތް ކުރި ކަމަށާއި އެހެން ކަމެއް ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް މިވަގުތަށް އެއީ ކޮން ކަމެއް ކަން ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.