Roadha Mihaaru
ފޭދޫން ފުލުހުން ގެންދިޔަ މީހާ ދޫކޮށްލައިފި

ފުލުހުންގެ އޮޕަރޭޝަނުގައި ފޭދޫން ގެންދިޔަ މީހާ ދޫކޮށްލައިފި

11 ސެޕްޓެމްބަރ 2019

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަރާ ގުޅޭ ގޮތުން، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގާ ގުޅިގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި ރޭ އައްޑޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަރާ ގުޅޭ ގޮތުން، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގާ ގުޅިގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި ރޭ އައްޑޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ދޫކޮށްލައިފި އެވެ.

އިއްޔެ ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނުގެ ތެރޭގައި އައްޑޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފޭދޫ ގުރަހާގެ އަހުމަދު އަގްލީލް (ކިޑް) އެވެ. އޭނާ ދިރިއުޅޭ ގެ އާއި ފޭދޫގައި ކިޑް ހިންގާ ފޮތި ފިހާރަ "ފޮތި ގަރާޖް" ރޭ އިރާކޮޅު ފުލުހުން ފާސްކުރި އެވެ.

ރޭ އަށެއް ޖަހަން އުޅެނިކޮށް ގަން ޕޮލިިސް ސްޓޭޝަނަށް އޭނާ ގެންދިއުމަށް ފަހު އޭގެ ތިން ގަޑިއެއްހާ އިރު ފަހުން ބަޔާނެއް ނެގުމަށް ފަހު ދޫކޮށްލީ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ކަމަށް އެނގިފައިވެ އެވެ.

މީގެ ފަސް އަހަރު ކުރިން ގެއްލުވައިލި ރިލްވާނާ ގުޅޭ ގޮތުން މަރުގެ ކޮމިޝަނުން ދާދި ފަހުން ނެރުނު ރިޕޯޓްގައިވާ ގޮތުން ރިލްވާން ކިޑްނެޕްކޮށްގެން އެރުވި ދޯނި ހަމަޖައްސައި ދިނީ ކިޑެވެ. ރިޕޯޓްގައިވާގޮތުން އއ. އުކުޅަހު އެ ދޯނީގެ ވެރިޔާ އަކީ އެ ރަށު މާވަޑިއާގޭ މުހައްމަދު ރާޝިދު ނަމަކަށް ކިޔާ މީހެކެވެ.

މަރު ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅިގެން ކިޑް ވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތުތައް ފޭސްބުކްގައި ދޮގުކޮށްފަ އެވެ.

ކިޑް މި މަހުގެ ހަތަރު ވަނަ ދުވަހު ލިޔުނު ސްޓޭޓަސްއެއްގައި ބުނީ ރިލްވާނުގެ މަރާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެކަމަކީ އޭނާގެ އަގު ވައްޓާލައި އަބުރު ކަތިލަން ބަޔަކު ދައްކާފައިވާ ވާހަކައެއް ކަމަށެވެ. އަދި ތަހުގީގާ ގުޅޭ ގޮތުން ކުރިމަތިކުރާ ކޮންމެ ކަމަކާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.