Roadha Mihaaru
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ

ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓުތަކެއް ހަދާތީ ދައުވާ ކުރަން ފޮނުވުން ލަސްވެއްޖެ

31 އޮކްޓޯބަރ 2023

މިދިޔަ އެޕްރީލް މަހުގެ 7 ގައި ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި އިތުރު ރިޕޯޓްތަކެއް ހަދަމުން އަންނާތީ، އޭނާ މަރާލި ކަމަށް ތުހުމަތު ކޮށްފައިވާ މީހުންނަށް ދައުވާ ކުރަން ފޮނުވުން ލަސްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ އެޕްރީލް މަހުގެ 7 ގައި ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި އިތުރު ރިޕޯޓްތަކެއް ހަދަމުން އަންނާތީ، އޭނާ މަރާލި ކަމަށް ތުހުމަތު ކޮށްފައިވާ މީހުންނަށް ދައުވާ ކުރަން ފޮނުވުން ލަސްވެއްޖެ އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެ ރަށުގެ ތިން ޒުވާނެކެވެ. އެއީ އަހްޒަމް އަބްދުއްޝަކޫރު، 23 އާއި އަބްދުލްވާހިދު ރިފާސް، 20 އަދި ހަސަން ފަވާޒް، 21 އެވެ.

ނައީމާގެ މަރަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް، ތުހުމަތުވާ މީހުންނަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަދިވެސް ނުފޮނުވަ އެވެ.

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ

ދައުވާ ކުރަން ފޮނުވުން ލަސްވަނީ ކީއްވެތޯ "މިހާރު" އިން ފުލުހުންނާ ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ، ނައީމާގެ މަރުގެ މައްސަލައާ ގުޅޭ އިތުރު ރިޕޯޓްތަކެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ.

"އެ ރިޕޯޓްތައް ނިމުމުން އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާނެ،" އޭނާ ވިދާޅުވި އެވެ.

ނައީމާގެ މަރުގެ ތުހުމަތުވާ އެންމެން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ނައީމާގެ މަރުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެ އެވެ. ނައީމާ މަރާލަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ދެ ވަޅި އާއި އެ މީހުން ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވެސް ރަށުގެ އަތިރިމަތީގައި ވަޅުލާފައި ހުއްޓާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

ނައީމާ މަރާލި ކަމަށް ބެލެވެނީ ނިދާފައި އޮއްވައި ގޭތެރެއަށް ވަދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު، އެ ގެއަށް ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރެވެ.