18 އެޕްރީލް 2023
ގާސިމް ހަސަނަކީ މީހަކާ މައްސަލައެއް އޮތް މީިހެއް ނޫނެވެ. ޓެކްސީކޮށްގެން ލިބޭ އާމްދަނީން ދިރިއުޅުން ހަމަޖައްސަމުން އުޅުނު ގާސިމް އެ ރޭ ވެސް އޭނާގެ އާންމު ދުވަހު ތާވަލްގައި ދަތުރަކަށް ނުކުތުމަށް ފަހު ދެން ފެނުނީ ހުޅުމާލޭގައި މީހުން ނޫޅޭ ހިސާބެއްގައި އޭނާގެ ޓެކްސީ ކައިރީގައި މަރާލާފައި އޮއްވަ އެވެ.
ގާސިމް ހަސަނަކީ މީހަކާ މައްސަލައެއް އޮތް މީިހެއް ނޫނެވެ. ޓެކްސީކޮށްގެން ލިބޭ އާމްދަނީން ދިރިއުޅުން ހަމަޖައްސަމުން އުޅުނު ގާސިމް އެ ރޭ ވެސް އޭނާގެ އާންމު ދުވަހު ތާވަލްގައި ދަތުރަކަށް ނުކުތުމަށް ފަހު ދެން ފެނުނީ ހުޅުމާލޭގައި މީހުން ނޫޅޭ ހިސާބެއްގައި އޭނާގެ ޓެކްސީ ކައިރީގައި މަރާލާފައި އޮއްވަ އެވެ.
ޑިސެމްބަރު 4، 2019 ގައި، އުމުރުން 59 އަހަރުގެ ގާސިމްގެ ހަށިގަނޑު ފެނުމާ އެކު އެންމެންގެ ވެސް ސުވާލަކަށްވީ އެއީ ކާކު ކޮން ބޭނުމެއްގައި ކުރި ކަމެއްތޯ އެވެ. ހާދިސާ ހިނގި ކަމަށް ބެލެވޭ ހިސާބަކީ މީހުން ނޫޅޭ އަދި ސީސީޓީވީ ކެމެރާއެއް ވެސް ނެތް، ގަސްތަކުން ފޮރުވައި އޮތް ހިސާބަކަށް ވުމާއި އެހެން އެތައް ކަމަކާ ހެދި މައްސަލައިގެ ތަހުގީގަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ.
އެކަމަކު ކުރި ބުރަ މަސައްކަތުން، ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި ހަފްތާއެއް ފަހުން ފުލުހުން ހޯދި އެވެ. ގާތިލް އެ ވަގުތު ލައިގެން ހުރި އަންނައުނާއި އޭނާގެ ފޮރެންސިކް ސާމްޕަލްތައް ވެސް ހޯދައި ހާދިސާއަށް ދެ ހަފްތާއެއް ފަހުން ގާތިލް ދެނެގަނެ ހައްޔަރުކުރި އެވެ. އެއީ މި ގަތުލާ ގުޅިގެން މި ހަފްތާގައި މަރުގެ ހުކުމް އައި އަދުހަމް މުހައްމަދެވެ.
ގާސިމްގެ މަރުގެ ތަހުގީގުގައި، ގާތިލް ނުހޯދި ހޭދަވެގެން ދިޔަ ދުވަސްތަކުގައި އާއިލާއިންނާއި އާންމުން ވެސް އޭރު ފުލުހުންނަށް ފާޑުކިޔެ އެވެ.
"ގާތިލް ނުހޯދި ހޭދަވާ ކޮންމެ ވަގުތަކީ އަންނާނެ ޕްރެޝަރެއް. އެކަމަކު ގާސިމްގެ މަރުގެ ތަހުގީގަކީ ހަގީގަތުގައި ވެސް ރާއްޖޭގެ މާހައުލަށް ބަލާއިރު ކޮމްޕްލެކްސް ތަހުގީގަކަށްވީ. ރާއްޖޭގެ ކޭސްތަކަށް ބަލާއިރު މީހަކު މަރާފައި މި ހުންނަނީ އޭނާ ދަންނަ މީހަކު. އެކަމަކު ގާސިމްގެ ކޭސްގައި ހެކި ހޯދަން އެހާ އުނދަގޫވެފައި އަނެއްކާ އޭނާއަށް ހަމަލާދިން މީހަކު ލަފާކުރަން ވެސް ދަތިވެ އެތައް އޭންގަލްއަކުން ބަލަން ޖެހުނު،" ތަހުގީގުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
ގާސިމް ހަސަންގެ ގާތިލް އަދުހަމް މުހައްމަދު
ގާސިމް ހޮޓަލަކުން ނުކުމެގެން ގޮސް ޓެކްސީއަށް އަރައިގެން ދަނިކޮށް އަދި އެއާޕޯޓުން ގާސިމްގެ ޓެކްސީއަށް މީހަކު އަރާތަނުގެ ފުޓޭޖް ލިބުނެވެ. އޭގެ ފަހުން އެ ޓެކްސީއަށް އެހެން މީހަކު ނާރާކަން ޔަގީންކުރުމަށާއި ކަން ހިނގި ގޮތް ކަށަވަރު ކުރުމަށް 67 ތަަނަކުން 1،270 މިނެޓުގެ ފުޓޭޖް ބަލަން ޖެހުނެވެ.
ގާސިމަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް އަދުހަމް ހައްޔަރުކުރުމާ އެކު ގާސިމްގެ އާއިލާއިން ވެސް ވަނީ އަދުހަމަކީ ދަންނަ މީހެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންވެ، ނުވެސް ދަންނަ މީހަކު ގާސިމް މަރަންޖެހޭ ސަބަބަކީ ކޮބައިތޯ އިތުރު ސުވާލުތަކެއް ކުރިމަތިވި އެވެ.
ކުރިން މައުލޫމާތު ހިއްސާކުރި ފަރާތުން ބުނި ގޮތުގައި ތަހުގީގުގައި ވެސް އެ އުނދަގޫ އޮތެވެ. ގާސިމް މަރާލީ ޒާތީ ނުރުހުމެއްގެ ތެރެއިން ކަމަށް ބެލެވޭ ކަންތައްތަކެއް ތަހުގީގަށް ފެނި ބައެއް ރަށްރަށަށް ގޮސްގެން ވެސް ތަހުގީގަށް މައުލޫމާތު ހޯދި އެވެ.
އަދުހަމް ދެނެގަނެވި އޭނާ ހައްޔަރުކުރެވުނީ މިހެން އެކި ދިމަދިމާލުން ހޯދުންތައް ހޯދަމުން ދަނިކޮށެވެ. އޭގެ ކުރިން އަދުހަމް ޝަރީއަތުގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކިޔަސް ސަލާމަތް ނުވެވޭ ވަރަށް ފޮރެންސިކް ހެކިން އޮތީ އޭނާ ބަނދެލައިފަ އެވެ.
ގާތިލަށް މަރުގެ ހުކުމް އިއްވުމާ އެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި އެ މައްސަލައިގެ ލީޑް އިންވެސްޓިގޭޓަރު މޫސާ އިރުފާނަށް ތައުރީފް ކުރައްވަމުން ވިދާޅުވީ ނ. މަނަދޫގައި އެ ރަށު ނައީމާ މޫސާ މަރާލައިގެން އުޅޭ މައްސަލައިގައި ވެސް ތަހުގީގު ޓީމަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.
Our officers are working tirelessly in Manadhoo to uncover the perpetrator(s) behind the murder of Naeema Moosa. I have full confidence in investigators, forensics & the local police team. Today’s verdict is result of an another outstanding investigation. https://t.co/wjcmI3lz6E
— Mohamed Hameed (@M_Hameedh) April 16, 2023
"ނައީމާ މޫސާގެ މަރުގެ ފަހަތުގައިވާ މީހަކު ނުވަތަ ބަޔަކު ދެނެގަތުމަށް ވަރަށް ބުރަކޮށް އަންނަނީ މަސައްކަތް ކުރަމުން. އިންވެސްޓިގޭޓަރުންނާއި ފޮރެންސިކް އަދި ރަށުގެ ފުލުހުންގެ ޓީމަށް ފުރިހަމަ އިތުބާރު އެބަ އޮތް،" ގާސިމްގެ ގާތިލަށް ކުށް ސާބިތުވެ އަދަބު ކަނޑައެޅުމަކީ ފުރިހަމަ ތަހުގީގެއްގެ ނަތީޖާކަން ފާހަގަކުރައްވަމުން ޕޮލިސް ކޮމިޝަނަރު ލިޔުއްވާފައިވެ އެވެ.
ނައީމާގެ މަރުގެ ހާދިސާއަށް ބަލާއިރު ވެސް، ގާސިމްގެ ގާތިލް ހޯދުމުގެ ތަހުގީގެކޭ އެއްގޮތަށް، ހާދިސާ ހިނގި ތަން ފެނުނު މީހަކު ނެތެވެ. އަދި އެއަށްވުރެ ވެސް ބޮޑު ގޮންޖެހުމަކީ ގާސިމްގެ ކޭސްއާ ހިލާފަށް މަނަދޫގެ މަގުތަކުގައި ސީސީޓީވީ ކެމެރާ ނެތުމެވެ.
ފުލުހުންނަށް ދެން ޖެހޭނީ މަރާ ގުޅުވާލެވޭ ފޮރެންސިކް ހެއްކެއް ލިބޭތޯ އަތްފުނާއަޅާށެވެ. އެހެން ކަމަށްވާ ނަމަ ތަހުގީގަށް ހޭދަވާ ވަގުތު ވަރަށް ގިނަވާނެ އެވެ. ފޮރެންސިކް ސާމްޕްލަތައް ޕްރޮސެސްކުރުމަކީ ގިނަ ވަގުތު ނަގާ ކަމެކެވެ. ކުރިއަށް ދެވޭނީ ކޮންމެ ސާމްޕަލެއްގެ ވެސް ނަތީޖާ ލިބުމުންނެވެ.
ނައީމާ މޫސާ: އޭނާ މަރާލި ސަބަބެއް އަދި އެކަމުގައި ޝައްކުވާ މީހަކު ވެސް އަދި ނެތް
ސަބަބަކީ، ނައީމާއަށް އެވަރުގެ އަނިޔާތަކެއް ދީ މަރާލަފާނެ ކަމަށް ބެލެވޭ މީހަކު އަދި ފާހަގަވެފައި ނެތުމާއި މީހަކާ މެދު ތުހުމަތެއް ވެސް ނެތުމާއި ހާދިސާ ހިނގި ވަގުތެއް ވެސް ނޭނގި އެކަން ހިނގިކަމުގެ ހިލަމެއްވި މީހަކު ވެސް ނެތުމުންނެވެ.
"ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަށަކަށް ވިޔަސް ރާއްޖޭގެ އެހެން ގިނަ ރަށްތަކުގައިހެން މި ރަށުގައި ވެސް ވަރަށް އަވަހަށް މީހުން ރޭގަނޑު ނިދައި މަގުތައް އޮންނަނީ ހިމޭންވެފައި. ކެމެރާއެއް އެއްޗެއް ނެތް އިރު، ރަށުތެރެއިން އާދަޔާ ހިލާފް ކަމެއް ފެންނަން ވެސް މީހަކު ނެތް،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނައީމާގެ މަރަށް ވެސް ހަފްތާއެއް ވީ އެވެ. އެކަމަކު އަދި ތަހުގީގުގައި އަދި އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް އެނގިފައެއް ނުވެ އެވެ. ނައީމާ މަރާލާފައި އޮއްވައި ފެނުނުކަން ފިޔަވައި މިހާތަނަށް ފުލުހުން އެކަމާ ބެހޭ ގޮތުން ހާމަކުރި ހަމައެކަނި މައުލޫމާތަކީ، ރަށުގެ ބައެއް މީހުންގެ ފޮރެންސިކް ސާމްޕަލް ނަގަމުން އަންނަކަމެވެ. ބެލެވޭ ގޮތުން ފުލުހުން މުޅި ކޭސް ބިނާކުރަން ޖެހޭނީ ފޮރެންސިކް ހެކިތަކުގެ މައްޗަށެވެ.
އަދިވެސް އުޅެނީ ތަހުގީގުގެ ވަރަށް ކުރީ މަރުހަލާއެއްގައި ކަމަށް ވާތީ، ފުލުހުން އަދި ތިބީ މި މައްސަލާގައި ވާހަކަ ދައްކާ ގޮތަކަށް ނޫނެވެ.
ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަށަކަށް ވިޔަސް ރާއްޖޭގެ އެހެން ގިނަ ރަށްތަކުގައިހެން މި ރަށުގައި ވެސް ވަރަށް އަވަހަށް މީހުން ރޭގަނޑު ނިދައި މަގުތައް އޮންނަނީ ހިމޭންވެފައި. ކެމެރާއެއް އެއްޗެއް ނެތް އިރު، ރަށުތެރެއިން އާދަޔާ ހިލާފް ކަމެއް ފެންނަން ވެސް މީހަކު ނެތް
ނައީމާގެ ގާތިލް ނުވަތަ ގާތިލުން ހޯދުން ލަސްވެ ކަންބޮޑުވުން އުފެދިފައި ވާއިރު، އޭނާގެ ހަށިގަނޑު ފެނުމުގެ ކުރިން ވެސް ތަހުގީގަށް ހުރަސްއެޅިދާނެ އެތައް ކަމެއް ހިނގާފައިވެ އެވެ. ނައީމާގެ ހަބަރެއް ނުވާތީ އޭނާ ހޯދަން ދިޔަ މީހުން ދެ ދުވަހަކު އެ ގެޔަށް ވަދެ އޭނާގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައި ގޭތެރޭގައި އުޅެފައިވެ އެވެ.
"މިވަރުގެ ބޮޑު ކަމެއް ވެފައި އޮވެދާނެ ކަމަށް މީހަކަށް ހިތަށް ވެސް ނުގެނެވޭތީ އެހެން އެ ވީ. ހަބަރެއް ނުވެ ދެ ދުވަސް ވީމާ ފުލުހުންނާ އެކު ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަނީމާ މި ފެނުނީ. ހެކި ގެއްލިދާނެ ކަމަށް ބަލައި މީހުން ދުރުކުރީ އޭގެ ފަހުން،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނައީމާގެ ހަށިގަނޑު 25 އަށްވުރެ ގިނަ ތަނަށް ވަޅި ހަރައި އަދި ކަރު ވެސް ބުރިކޮށްލަން މަސައްކަތްކޮށްފައި އޮތުމުން މިއީ ވައްކަންކުރަން ނުވަތަ ފޭރެން ގެޔަށް ވަތް މީހަކު ކުއްލިއަކަށް ދީފައިވާ ހަމަލާއެއް ކަމަށް ގަބޫލުކުރަން ވެސް ދަތިވެ އެވެ.
މަނަދޫގައި މަރާލި މީހާގެ ގެ ފުލުހުންގެ ބެލުމުގެ ދަށުގައި.
"މިކަހަލަ އަނިޔާވެރި ކަންކަން ކުރާ މީހަކަށް ނޫނީ މީހަކަށް އެވަރު ކޮށްލަން ކެރޭނެޔެކޭ ހިއެއް ނުވޭ. އެކަމަކު އެންމެންގެ ވެސް ސުވާލަކީ ރަށުގައި އެވަރުގެ ކާކުހޭ އުޅެނީ. ރަށުގައި އުޅޭ ބިދޭސީންނަށް ތުހުމަތު ކުރަނީ ރަށު މީހުންނަށް ހަގީގަތް ނޭނގޭ ބަޔަކު ތިބީ ބިދޭސީންގެ ތެރޭގައި ކަމަށް ވާތީ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ އޭނާއަށް ތުހުމަތުކުރެ އެވެ. އެ ތުހުމަތުގައި އޭނާއަށް ހަމަލާ ދިނީ ކަމަށް ބެލި ނަމަވެސް ރަށު މީހުން ބުނަނީ އެހެން ނަމަ ނައީމާއަށް މީހަކު ދިމާކުރާނީ މިއަދަކު ނޫން ކަމަށާއި އެ ތުހުމަތު އެހެން ކުރާތާ އެތައް އަހަރެއް ކަމަށެވެ. އެކަމަކު ނައީމާ މަރާލާފައި އޮތް ގޮތުން އެއީ ޒާތީ ރުޅިވެރިކަމެއްގައި ބަދަލުހިފުމުގެ ހަމަލާއެއް ކަމަށް ވެސް ބެލެވެ އެވެ. އެ ރުޅިވެރިކަން ނައީމާއަށް އެ ކުރާ ތުހުމަތާ ނޫނީ ދެން ގުޅެނީ ކޮން ކަމަކާ ހެއްޔެވެ؟
ކޮންމެ މީހަކީ ވެސް ތުހުމަތު އޮތް މީހެއް ކަމަށް ބަލައިގެން ހުޅުވާލެވިފައިވާ ތަހުގީގެއް މަނަދޫގައި ކުރިއަށް ދާއިރު ގާސިމްގެ މަރުގެ ތަހުގީގު ފަދައިން އަދި އޮތީ ހަމަ ކޮންމެ ގޮތަކަށް ވެސް ނަތީޖާ ނުކުމެދާނެ ކަމަށް ބަލަން ތިބުމެވެ. ރާއްޖޭގެ ކުޑަކަމާއި އެކަކު އަނެކަކު ދަތުމާއި ހާދިސާ ހިންގާ ތަނުގެ ގޮތުން ގާތިލް ދެނެގަތުމުގެ ރޭޓް ރާއްޖޭގައި އަވަހެވެ. އެކަމަކު މިފަހަރު ފުލުހުން ހިނގަން ޖެހޭނީ ތަފާތު މަގަކުންނެވެ.
ނައީމާގެ މަރު: ބައެއް ހެކިތައް ސިއްރުކުރަން އަމުރު ނެރެފި
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
ތުހުމަތުވާ މީހުން ނައީމާގެ މަރަށް ފަހު ހަމަޖެހިލައިގެން
ނައީމާގެ މަރު: ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް
ނައީމާ މަރާލި މައްސަލާގެ ޝަރީއަތް މިއަދު ނުފެށުނު
ނައީމާގެ މަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާކޮށްފި
ނައީމާގެ މަރު: ހަތް މަސް ފަހުން މައްސަލަ ޕީޖީއަށް
ނައީމާގެ މަރު: މާލެއިން ހައްޔަރުކުރި މީހާ މަނަދުއަށް
ނައީމާ މަރާލަން އެކަކު ވަންއިރު އަނެކަކު ހުރީ ފާރައަށް
ނައީމާގެ މަރުގެ މައްސަލާގައި ތިން ވަނަ މީހާ ހައްޔަރު