Roadha Mihaaru
ނައީމާގެ މަރު: މާލެއިން ހައްޔަރުކުރި މީހާ މަނަދުއަށް

ނައީމާގެ މަރުގެ މައްސަލާގައި މާލެއިން ހައްޔަރުކުރި މީހާ މަނަދު އަށް

01 ޖޫން 2023

ނައީމާގެ މަރުގެ މައްސަލާގައި މާލެއިން ހައްޔަރުކުރި މީހާ މިއަދު ނ. މަނަދުއަށް ގެންގޮސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނައީމާގެ މަރުގެ މައްސަލާގައި މާލެއިން ހައްޔަރުކުރި މީހާ މިއަދު ނ. މަނަދުއަށް ގެންގޮސްފި އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ހަސަން ފަވާޒް، 21، މަނަދުއަށް ގެންދިޔައީ މިއަދު މެންދުރު ފަހު 1:30 ގަ އެވެ. ތަހުގީގުގެ ބޭނުމަށް އޭނާ މަނަދުއަށް ގެންދިިޔައަސް ބަހައްޓަން ނިންމާފައި ވަނީ ށ. ފުނަދޫގައި ކަން އެނގިފައިވެ އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އޮތީ 30 ދުވަސް ދީފަ އެވެ. މާލޭގައި އުޅެނިކޮށް ފަވާޒް ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ.

އެނގިފައިވާ ގޮތުގައި، ނައީމާ މަރާލި ރޭ މަނަދޫގައި ދުއްވީ ފަވާޒްގެ ކާރެކެވެ. މައްސަލައިގެ ތުހުމަތަށް ފުރަތަމަ ހައްޔަރުކުރި ދެ މީހުން ލައްވައި އެ ކާރުގައި ފުލުހުން އެ ރޭގެ ބައެއް މަންޒަރުތައް ތަހުގީގުގެ ބޭނުމަށް ވަނީ ކުޅުވައިފަ އެވެ.

ފުލުހުން ހިންގަމުން އަންނަ އުނދަގޫ ތަހުގީގުގައި، ނައީމާގެ މަރުގެ ތުހުމަތަށް މީގެ ކުރިން ހައްޔަރުކުރީ އަހްޒަމް އަބްދުއްޝަކޫރު ،23، އާއި އަބްދުލްވާހިދު ރިފާސް 20، އެވެ. އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުންނެވެ.

އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ކޯޓުގައި ވަނީ ނައީމާ މަރާލި ކަަމަށް އެއްބަސްވެފަ އެވެ. އެކަމަކު އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ނައީމާގެ މަރުގައި ތުހުމަތުކުރެވޭކަން ފުލުހުން ބުނީ ކޯޓުގަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ތަހުގީގަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވެ އެވެ. ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ ވަޅި އާއި ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވެސް އަތިރިމަތީގައި ވަޅުލާފައި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނައީމާ މަރާލި ކަމަށް ބެލެވެނީ އޭނާ ނިދާފައި އޮއްވައި ގޭތެރެއަށް ވަދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވައި އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު އޭޕްރީލް ހަތް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގުގައި ވަނީ 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕްލަ ނަގައިފަ އެވެ. އެއީ ކުށުގެ ވެށިން ލިބިފައިވާ ފޮރެންސިކް ހެއްކާ ގުޅުވާލެވޭ ހެކި ހޯދުމަށެވެ.