Roadha Mihaaru
ނައީމާގެ މަރު: ފުލުހުން ދައްކާނެ ވާހަކައެއް އަދި ނެތް

ނައީމާގެ މަރު: ފުލުހުން ދައްކާނެ ވާހަކައެއް އަދި ނެތް

10 އެޕްރީލް 2023

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި މިދިޔަ ހުކުރު ދުވަހު ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހާމަކުރާނެ މައުލޫމާތެއް އަދި ނެތް ކަމަށާއި އެ މައްސަލާގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި މިދިޔަ ހުކުރު ދުވަހު ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހާމަކުރާނެ މައުލޫމާތެއް އަދި ނެތް ކަމަށާއި އެ މައްސަލާގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ މަރާލާފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވެގެން ފުލުހުން އެ ގޭގެ ދޮރު ވައްޓާލައިގެން ވަދެ ބެލި އިރެވެ. އޭނާ ފެނުނުއިރު ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. ތަހުގީގަށް ބޭނުންވާ ސާމްޕަލް ފުލުހުން ނެގުމަށް ފަހު، ނައީމާގެ ހަށިގަނޑު މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ރަށުގައި ވަޅުލައިފަ އެވެ.

އެނގިފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުގެ 25 އަށްވުރެ ގިނަ ތަނަށް ވަޅި ހަރައި ކަނދުރާމަތިން ކަރު ވެސް ވަނީ ބުރިކޮށްލަން އުޅެފަ އެވެ.

މި އަނިޔާވެރި މަރުގެ ތަހުގީގަށް ރަށުގެ އެކި ތަންތަން ފާސްކޮށް ފުލުހުން މިހާރު ވެސް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާތީ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

މަނަދޫން ވާހަކަދެއްކި މީހަކު ބުނީ ނައީމާ މަރާލި ކަމަށް ލަފާކުރެވެނީ މިދިޔަ ބުދަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށެވެ. އެއީ އެ ރަށް ވަރަށް ހަލަބޮލިވި ދެ ރޭ ކަމަށާއި މޫސުން ރަނގަޅުވުމުން ކައިރި ރަށްރަށުން ވެސް އެ ރަށަށް ވަރަށް ގިނަ މީހުން ވެސް އެ ދެ ދުވަހު ގޮސް އުޅުނު ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ކުރިއެރުން ހޯދަން ފުލުހުންނަށް ދަތިވަނީ އެ ސަބަބާ ހެދި ކަމަށް ލަފާކުރެވޭ ކަމަށް އެ މީހާ ބުންޏެވެ.

"ފުލުހުން ރޭ ވެސް އުޅުނު ރަށުގެ އެކި ތަންތަން ފާސްކުރުމުގައި. އެކަމަކު އެއްވެސް އެއްޗެއް ނުގެންދޭ." ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ރަށުގެ މީހުން ބުނާ ގޮތުގައި މަރުގެ މައްސަލާގައި ވަކި މީހަކަށް ތުހުމަތެއް ވެސް އަދި ކުރެވިފައެއް ނުވެ އެވެ. ނައީމާއާ މެދު ހިތްހަމަނުޖެހުންތަކެއް ހުއްޓަސް ރަށު މީހަކު އެފަދަ އަނިޔާވެރި ކަމެއް ކޮށްފާނެ ކަމާ މެދު އާންމުން ސުވާލު އުފައްދަ އެވެ. އެހެންވެ މި މަރާ ރަށުގައި އުޅޭ ބިދޭސީންނާ ގުޅުވައިގެން ވެސް ވާހަކަ ދެކެވެ އެވެ.