Roadha Mihaaru
މުދިމު ގަޔަށް ވަޅި ޖެހުން: ދައުވާކުރަން ޕީޖީއަށް

ދިޔަމިގިލީ މުދިމު ގަޔަށް ވަޅި ޖެހުން: ދައުވާކުރަން ޕީޖީއަށް ފޮނުވައިފިި

24 އެޕްރީލް 2022

ތ.ދިޔަމިގިލީ މިސްކިތުގެ މުދިމުގެ ގަޔަށް ވަޅިޖެހި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ތ.ދިޔަމިގިލީ މިސްކިތުގެ މުދިމުގެ ގަޔަށް ވަޅިޖެހި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ ރަށު މަސްޖިދުލް އަމާނާތުގެ ވަގުތީ މުދިމު އަހްމަދު ރަޝީދު މުހައްމަދު 55، އަށް ވަޅިން ހަމަލަދިނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގަ އެވެ. އޭނާ އަށް ހަމަލާދިނީ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ހަސަން ސާމިދު 35، އެވެ.

ޝަރީއަތް ނިމެންދެން ސާމިދު ބަންދުކުރަން މަޑިފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި މައްސަލައިގައި ދައުވާކޮށްދޭން އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

އަހްމަދު ރަޝީދަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދިނެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ކުރިން ބުނި ގޮތުގައި އަހްމަދު ރަޝީދުގެ ހަށިގަނޑުގެ 13 ތަނަކަށް ވަޅި ޖަހާފައިވެ އެވެ. އޭގެ ތެރޭގައި ބޮލާއި ކަރާއި ކޮނޑުމައްޗާއި ބުރަކަށި ހިމެނެ އެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އޭރު އާންމުވި އެވެ. އެ ވީޑިއޯއިން ފެންނަނީ އަހުމަދު ރަޝީދާއި ސާމިދު ވާހަކަ ދައްކަން ތިބެފައި ކުއްލިއަކަށް އަހުމަދު ރަޝީދަށް ވަޅިން ހަމަލާދޭ މަންޒަރެވެ. ފަސްވަރަކަށް ފަހަރު ވަޅިން ހަމަލާ ދިނުމަށް ފަހު، ދުރަށް ގޮސްފައި އަނެއްކާ ވެސް އަހުމަދު ރަޝީދަށް ވަޅިން ހަމަލާދޭ މަންޒަރު ފެނެ އެވެ.