Roadha Mihaaru
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި

09 ޖުލައި 2024

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 18 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.

ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުތަކުން އެނގޭ ގޮތުގައި އަނިޔާ ލިބުނު މީހާގެ އެއް އިނގިލި ވަނީ ބުރިކޮށްލައިފަ އެވެ. އެކަން އެނގޭނެ ފޮޓޯތައް ފުލުހުން ހުށަހަޅާފައިވެ އެވެ.

އަނިޔާ ލިބުނު މީހާއަކީ ކުށުގެ ތުހުމަތުވާ ތިން މީހުންނާ އެކު އެއް ތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ރަހީނުކޮށް އަނިޔާ ދިން ސަބަބެއް ސާފެއް ނުވެ އެވެ.

ތިން މީހުން ވެސް ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.

ކޯޓުގައި ތިން މީހުން ބުނެފައިވަނީ އެމީހާ ރަހީނު ނުކުރާ ކަމަށާއި ގަސްތުގައި އަނިޔާ ވެސް ދީފައިނުވާ ކަމަށެވެ. އަދި އޭނާގެ އިނގިލި ބުރިވެފައިވަނީ ޕަވާޓޫލެއް ބޭނުން ކުރަނިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް، ކޯޓު އަމުރުގައިވާ ގޮތުން އަނިޔާ ލިބުނު މީހާއަށް ގަސްތުގައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަން ފުލުހުން ހުށަހެޅި ފޮޓޯތަކުން އެނގެ އެވެ.

ތިން މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ޖެހުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ތުހުމަތެވެ.