Roadha Mihaaru
"ވާނުވާ" އެނގޭ، ނުލިބިގެން އުޅެނީ ހައްލު!

"ވާނުވާ" އެނގޭ، ނުލިބިގެން އުޅެނީ ހައްލު!

14 ފެބުރުއަރީ 2024

ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ހުކުމެއް ނެތި "ވާނުވާ" ބަންދުގައި އެތައް އަހަރެއް ތިބެންޖެހޭ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ ޝަކުވާ ބޮޑު އަދި އެތައް ގޮތަކުން ވެސް މަސައްކަތް ކޮށްގެން ހައްލެއް ނުލިބުނު ބޮޑު މައްސަލަ އެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ހުކުމެއް ނެތި "ވާނުވާ" ބަންދުގައި އެތައް އަހަރެއް ތިބެންޖެހޭ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމުގައި އެންމެ ޝަކުވާ ބޮޑު އަދި އެތައް ގޮތަކުން ވެސް މަސައްކަތް ކޮށްގެން ހައްލެއް ނުލިބުނު ބޮޑު މައްސަލަ އެކެވެ.

ކުރީގެ އެއްވެސް ސަރުކާރަކަށް މި މައްސަލަ ހައްލު ނުވެ އޮއްވައި، ވާނުވާ ޖެހުން ނިމުމަކަށް ގެންނަން މި ސަރުކާރުން މަސައްކަތް ފަށާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވަނީ އިއުލާން ކުރައްވައިފަ އެވެ.

ވާނުވާގެ މައްސަލައަކީ ރާއްޖޭގައި އެކަމަކަށް ހައްލު ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރި މައްސަލަ އެވެ. އެންމެ ފުރަތަމަ އާދައިގެ ކުށްތަކުގައި "ވާނުވާ ޖެހުން" ހުއްޓާލި އެވެ. އެކަމުގެ ސަބަބުން، ވާނުވާގައި ތިބި މީހުންގެ އަދަދު މަދުވިޔަސް، އަސްލު މައްސަލަ ހައްލެއް ނުވި އެވެ. އެހެންވެ، ދެން ގާނޫނު އިސްލާހުކުރީ ވާނުވާގައި ތިބޭ މީހުންގެ ބަންދު ކޮންމެ މަހަކު އެއްފަހަރު މުރާޖާ ކުރަންޖެހޭ ގޮތަށެވެ. ނަމަވެސް އެކަންވީ "އަމާ ބުނީތީ ފަރަށް ދާ އުސޫލުން" ކުރާ ކަމަކަށެވެ.

ބަންދު މުރާޖާ ކުރަންޖެހޭ ކަމަށް ގާނޫނުގައި އޮންނާތީ ބަންދު މުރާޖާ ކޮށްލަނީ އެވެ. ޝަރީއަތް ކުރިއަކަށް ނުދެ އެވެ. - ބަންދުގައި ހުންނަ މީހާއަކަށް ވާނުވާއެއް ނޭނގެ އެވެ.

ހުރިހާ ވެސް މައްސަލައަކީ ގާނޫނު ތަސައްވުރުކުރާ މިންވަރާ ގާތަށް ވެސް ޝަރީއަތްތައް ބާރު ސްޕީޑްގައި ކުރިއަށް ނުގެންދެވުމެބެ. ވާނުވާގެ ހަގީގީ މައްސަލައަކީ މީހުން ބަންދުކުރުމެއް ނޫނެވެ. މައްސަލައަކީ ބަންދު ކުރުމަށްފަހު ޝަރީއަތް ކުރިއަށް ނުގޮސް އެތައް އަހަރެއް ވަންދެން ބަންދުގައި ތިބެންޖެހޭ ޖެހުމެވެ.

އެހެންވެ، ވާނުވާ އުވާލާ ނަމަ އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ ވާނުވާ ޖެހުމުގެ އިޖްރައާތު ގާނޫނުން އުވާލުމަށްފަހު އެންމެން ދޫކޮށްލުން ނުވަތަ ބަންދުން ދޫކޮށްލުމަށް ފަހު މޮނީޓާ ކުރެވޭނެ އެހެން ނިޒާމެއް ހެދުމެވެ. އަނެއް ގޮތަކީ ވާނުވާގައި ތިބޭ އެންމެންގެ ޝަރީއަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމެވެ. މި ދެގޮތަކީ ވެސް ބުނަން ފަސޭހަ ވިޔަސް، ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންވީއިރު، ވާނުވާގެ މައްސަލަ ނިމުމަކަށް ގެނައުން އެއީ ހަމަ މިހާ ފަސޭހައިން ކުރެވޭނެ ކަމެއްތޯ ސުވާލު އުފެދެ އެވެ.

ކްރިމިނަލް ކޯޓް --- ފޮޓޯ/މިހާރު

ކްރިމިނަލް ކޯޓް --- ފޮޓޯ/މިހާރު

ކުރިން ވެސް ފާހަގަ ކުރިހެން، ވާނުވާގެ ހަގީގީ މައްސަލަ ގުޅިފައި އޮތީ ޝަރީއަތްތައް ހިންގާ ސްޕީޑާ ކަމަށް ވާއިރު ވާއިރު، ކޯޓުތަކުގެ ވަސީލަތްތައް ހުރީ ވާނުވާގެ މައްސަލައަށް ފަރުވާ ދެވޭ ވަރަށް ވުރެ މާ ދަށުގަ އެވެ. ރާއްޖޭގައި އެންމެ ގިނަ ޖިނާއީ ޝަރީއަތްތައް ހިންގާ ކްރިމިނަލް ކޯޓު އެ އޮތީ ޖާގަ ނެތިގެން ހުއްޓިފަ އެވެ. އެ ކޯޓުގައި ފަނޑިޔާރުން ޑިއުޓީ ބަހައިގެން ޝަރީއަތް ކުރާއިރު، ކޮންމެ ދުވަހަކު ކުރިއަށް ގެންދެވެނީ ދެތިން ޝަރީއަތެވެ.

ކްރިމިނަލް ކޯޓަށް ވަގުތީ އިމާރާތެއް ހަމަޖައްސަން މަސައްކަތް ކުރާތާ އެތައް ދުވަހެއްވީއިރު ވެސް އެކަމެއް އަދި ނުވެ އެވެ. އަދި ވަގުތީ އިމާރާތެއް ހަމަޖެއްސިޔަސް، މައްސަލަތައް އިތުރުވަމުންދާ މިންވަރާ އަޅާ ބަލާއިރު ހާއްސަ ބޮޑު އިމާރާތެއް އަޅައިގެން މެނުވީ އެ މައްސަލަ ހައްލެއް ނުވާނެ އެވެ. މާނައަކީ ގާނޫނުގައި ކިތަންމެ ސާފުކޮށް ލިޔުނަސް، ނެތް ވަސީލަތެއް އަދި ނެތް ޖާގައެއްގައި ޝަރީއަތް ކުރެވޭކަށް ނެތެވެ. އަދި ޖާގައިގެ މައްސަލައަކީ އެންމެ ދުވަހުން ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލަ އެވެ.

ދެން އޮތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އިޖްރައާތު ގާނޫނުން އެއްކޮށް އުވާލުމެވެ. ނަމަވެސް މިއީ ނިންމަން ވަރަށް އުނދަގޫ ނިންމުމެކެވެ. އެއީ މީހުން މެރުމާއި ޖިންސީ ގޯނާ އާއި ގޭންގް ކުށްތައް ފަދަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ތުހުމަތުތައް ކުރެވޭ މީހުން ދޫކޮށްލުމަކީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭނެ ކަމެކެވެ. އަދި މިފަދަ ބަޔަކު މުޖްތަމައުއަށް ދޫވެފައި ތިބުމަކީ ގިނަ ބަޔަކު ބަލައިގަންނާނެ ކަމެއް ވެސް ނޫނެވެ.

ހަމައެހެންމެ، އެފަދަ ބޮޑު ތުހުމަތެއް ކުރެވޭ ބަޔަކު ދޫވެފައި ތިއްބާ އެހެން ކުށެއް ކޮށްފި ނަމަ އޭގެ ޒިންމާ ނަގާނީ ކޮން މުއައްސަސާއަކުންތޯ ސުވާލު އުފެދެ އެވެ. އޭގެ މިސާލެއްގެ ގޮތުން ބަލާއިރު، މީގެ 12 ވަރަކަށް އަހަރު ކުރިން މާލޭގައި މީހަކު މަރާލި މައްސަލައެއްގައި ބަންދުގައި ހުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ ހެލްތު މިނިސްޓްރީގެ ލިޔުމެއް ނުލިބިގެން ދައުވާ ކުރުން ލަސްވާތީ ކަމަށް ބުނެ އެވެ. ނަމަވެސް އޭނާ ދޫކޮށްލިތާ މަހެއް ނުވަނީސް އޭނާ ގޮސް އެހެން މީހަކު މަރާލި އެވެ.

އެފަހަރު އެ މަރުގެ ޒިންމާ އެޅުނީ ކޯޓުގެ ބޮލުގަ އެވެ. އެހެންވެ، ވާނުވާގައި ތިބި އެންމެން އެއްފަހަރާ މުޖްތަމައުގެ ތެރެއަށް ދޫކޮށްލެވޭ ފަދަ ނިންމުމެއް ނިންމުމަކީ އުނދަގޫ ކަމެކެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވެސް ފާހަގަ ކުރައްވާ ކަމަކީ އެއީ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް --- ފޮޓޯ/މިހާރު

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް --- ފޮޓޯ/މިހާރު

އެ ބޭފުޅުން ވިދާޅުވާ ގޮތުން، ގާނޫނުން ވާނުވާ އެއްކޮށް އުވާލައިފި ނަމަ ނުރައްކާތެރި އެތައް ބަޔަކު ދޫކޮށްލަން ޖެހޭނެ އެވެ. އަދި އެ މީހުންގެ ފަރާތުން އިތުރު ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގާނީ ކޮން ބައެއްތޯ އެ ބޭފުޅުން ވެސް ސުވާލު އުފައްދަވަ އެވެ.

"ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުވާ މީހަކު ދޫކޮށްފިއްޔާ އެތައް ކުދިންނެއް ނުރައްކަލަކަށް އެ ހުށަހެޅެނީ. ޝަރީއަތް ކުރިއަށް ނުގޮސް އޮތުމަކީ އެއީ އެ މީހުންގެ ފަރާތުން އޮންނަ ނުރައްކާ ނެތިގެންދާ ކަމެއް ނޫން. ޓެގް އެޅުވިޔަސް އެއީ ހައްލެއް ނޫން." ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވި ގޮތުގައި ވާނުވާ ޖެހުމުގެ އުސޫލު ނިމުމަކަށް ގެނައުމަކީ ނިޒާމު އޮތްގޮތުން ފަސޭހަ ކަމެއް ނޫނެވެ. އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އެކަން ހައްލު ކުރެވެން އޮތް ހަމައެކަނި މަގަކީ ގާނޫނު ތަސައްވުރު ކުރާ ގޮތަށް އަވަހަށް ޝަރީއަތްތައް ނިންމޭނެ ވަސީލަތްތައް ހޯދައި ދިނުމެވެ.

"ވާނުވާ އުވާލާ ވާހަކަ އެއީ ދައްކަން ވަރަށް ފަސޭހަ ވާހަކައެއް. ޕްރެކްޓިކަލީ އެއީ ކުރަން ފަސޭހަ ކަމެއް ނޫން. ޝަރީއަތް ނުނިމޭތީއޭ ބުނެ ނުރައްކާތެރި ބަޔަކު ދޫކޮށްލާފައި ތިއްބާ އިތުރު ކުށެއް ކޮށްގެން ބައެއްގެ ފުރާނަ ގެއްލުނީމަ އޭގެ ޒިންމާ އެޅޭނެ ހުރިހާ މުއައްސަސާތަކެއްގެ ބޮލުގައި." އޭނާ ވިދާޅުވި އެވެ.

"އެ ހިސާބުން އަންނާނެ ސުވާލަކީ ކީއްވެހޭ އެވަރުގެ ބަޔަކު ދޫކޮށްލާފައި ތިބީ. އޭރުން މުއައްސަސާތަކުގެ ވެރިން ހާޒިރު ނުކުރާނެ ތަނެއް ނޯންނާނެ. އެހެންވީމަ ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އެކަށީގެންވާ ވަސީލަތްތައް ކޯޓުތަކަށް ދީގެން ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންދިއުން." އޭނާ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭނާ ވެސް ވިދާޅުވި ގޮތުގައި ވާނުވާގެ މައްސަލާގެ އަސްލު ހައްލު ލިބެން އޮތީ ކޯޓުތަކަށް ޖާގަ އާއި ވަސީލަތްތައް ހޯދައިދީގެންނެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ކްރިމިނަލް ކޯޓު ހުއްޓިފައި އޮތަސް، މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީއަތްތައް ލަސްވާންޖެހޭ ސަބަބެއް ނެތެވެ. އަދި ސަރުކާރާ ގުޅިގެން، ވާނުވާގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަޝްވަރާތައް ސަރުކާރާ އެކު އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. ދެން ސަރުކާރުން އެ މައްސަލަ ހައްލު ކުރައްވަން ބޭފުޅުވާ ކޮންމެ ދިމާލަކުން އަޅުގަނޑުމެންގެ ސަޕޯޓް ލިބޭނެ." ޝަމީމް ދާދިފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ދެކޭ ގޮތުގައި ވާނުވާގެ މައްސަލައަކީ ގާނޫނަށް ގެނެވޭ ބަދަލަކަށް ވުރެ ވަސީލަތްތަކާއި ޖާގައަށް ބިނާވެފައިވާ އޮތް ބޮޑު މައްސަލަ އެކެވެ. އަދި ވާނުވާގެ މައްސަލަ ބޮޑުވަނީ ޖާގައިގެ ދަތިކަމުން ޝަރީއަތްތައް ކުރިއަށް ނުގެންދެވޭތީ ކަމަށް އެ އޮފީހުން ވެސް ދެކެ އެވެ.

"ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމަށްފަހު ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭނގި ދިގުލައިގެންދާ މައްސަލާގެ އެއް ސަބަބު ގުޅިފައިވަނީ ކޯޓުތައް ހިނގާ ސްޕީޑާ އެވެ. ޝަރީއަތުގެ ސްޕީޑް ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާ އެވެ." ޕީޖީ އޮފީހުން ދާދިފަހުން ނެރުނު ބަޔާނެއްގައިވެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހްސާން ވެސް ވާނުވާގެ މައްސަލައިގައި ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ "ވާނުވާ" އޭ ކިއެއްކަމަކު "ވާނުވާ އެނގޭ" ކަމަށެވެ.

"ހަގީގަތަކީ، ވާނުވާގަ ނޭނގޭ އެއްވެސް މީހަކު ނެތޭ. މިއިން ކޮންމެ ފަރާތެއް ވެސް މި އޮތީ ތަހުގީގު ނިމެންދެން ބަންދު، ނުވަތަ ޝަރީއަތް ނިމެންދެން ބަންދު. އެހެންވީމަ އެޔަކު ވާނުވާއެއް ނޭނގިއެއް ނެތެއްނުންތޯ؟ ވާނުވާ ހަމަ ބަރާބަރަށް ސާފު،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވެސް ވިދާޅުވީ ވެގެން އުޅޭ ގޮތަކީ "ޝަރީއަތް ނިމެންދެން" އެއީ ކިހާ ދުވަހެއްކަން ނޭނގުން ކަމަށެވެ. ރައީސް މަސައްކަތް ކުރައްވަނީ އެކަން ހައްލުކުރައްވަން ކަމަށާއި އެހެންވެ މިހާރު އިމާރާތް ހަލާކުވެ، ގާތްގަނޑަކަށް ހުއްޓިފައިވާ ކްރިމިނަލް ކޯޓަށް އެހެން އިމާރާތެއް ހަމަޖައްސައި މަސައްކަތް ހަލުވިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. މިކަން ހަމަޖެހުމުން ޝަރީއަތްތައް އަވަސްވެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ވާނުވާ" އަށް މެދުވެރިވާ މައްސަލަތަކުގެ 90 ޕަސެންޓަކީ ޝަރީއަތް ލަސްވާ މައްސަަލަތައް ކަމަށާއި ދެން އުޅެނީ ތަހުގީގު ލަސްވުމުގެ ބައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝަރީއަތް ނުނިމި އެތައް އަހަރެއް ވަންދެން ވާނުވާ ބަންދުގައި ތިބެން ޖެހޭ ޖެހުމަކީ ހައްލެއް ގެންނަންޖެހޭ މައްސަލަ އެކެވެ. އެކަމަށް އޮތް ހަމައެކަނި ހައްލަކީ ވާނުވާ ނޭނގޭ ހިސާބުގައި އޮތް ކަމެއް ނޫނެވެ.