Roadha Mihaaru
"ގާތިލުން" ދައުލަތުގެ ހެކިވެރިންނަށް:މިވަނީ ކިހިނެއް؟

"ގާތިލުން" ދައުލަތުގެ ހެކިވެެރިންނަށް: މިވަނީ ކިހިނެއް؟

20 ސެޕްޓެމްބަރ 2021

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ގިނަ ބަޔަކަށް ތުހުމަތު ކުރެވިފައި ވަނިކޮށް އޭގެ ތެރެއިން އެއް ބަޔަކު ކުއްލި ގޮތަކަށް ނިޒާމުން ގެއްލުނީ އެވެ. އެކަމަކު ދެން ފެނިގެން ދިޔައީ ރާއްޖޭގައި ފަހުގެ ތާރީހުގައި ހިންގި އެންމެ އަނިޔާވެރި މަރުގެ އެ މައްސަލާގެ ތަފްސީލުތައް ސިއްރު ހެކިވެރިންތަކެއް ކޯޓުގައި ކިޔައިދެމުން ދިޔަ ތަނެވެ. ޔާމީން މަރާލަން ރޭވި ހުރިހާ ރޭވުންތަކާއި ކުރި ހުރިހާ ކަމެއްގެ ތަފްސީލުތައް، އެކަމުގައި ބައިވެރިވި ބަޔަކަށް ނޫނީ ނޭނގޭނެ މިންވަރަށް އެ މީހުން ކޯޓުގައި ކިޔައިދިނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ގިނަ ބަޔަކަށް ތުހުމަތު ކުރެވިފައި ވަނިކޮށް އޭގެ ތެރެއިން އެއް ބަޔަކު ކުއްލި ގޮތަކަށް ނިޒާމުން ގެއްލުނީ އެވެ. އެކަމަކު ދެން ފެނިގެން ދިޔައީ ރާއްޖޭގައި ފަހުގެ ތާރީހުގައި ހިންގި އެންމެ އަނިޔާވެރި މަރުގެ އެ މައްސަލާގެ ތަފްސީލުތައް ސިއްރު ހެކިވެރިންތަކެއް ކޯޓުގައި ކިޔައިދެމުން ދިޔަ ތަނެވެ. ޔާމީން މަރާލަން ރޭވި ހުރިހާ ރޭވުންތަކާއި ކުރި ހުރިހާ ކަމެއްގެ ތަފްސީލުތައް، އެކަމުގައި ބައިވެރިވި ބަޔަކަށް ނޫނީ ނޭނގޭނެ މިންވަރަށް އެ މީހުން ކޯޓުގައި ކިޔައިދިނެވެ.

އެއީ ކޮން ބައެއްކަން ނޭނގުނަސް، އެ މީހުންނަކީ ޔާމީން މަރާލުމުގައި ކޮންމެވެސް މިންވަރަކަށް ބައިވެރިވި ބައެއް ކަން ގިނަ ބަޔަކަށް އެނގުނީ މިހާރު ނިމުމަކާ ގާތްވެފައިވާ އެ މައްސަލާގެ ޝަރީއަތުގައިި ދާދިފަހުން އެ ވާހަކަތައް ފެންމަތިވުމުންނެވެ. ރާވައިގެން އެތައް ބަޔަކު ގުޅިގެން ހިންގި އަނިޔާވެރި އެ މަރުގައި ބައިވެރިވި ކަމަށް ތުހުމަތުވާ އެއް ބަޔަކަށް ދައުވާ ނުކޮށް، ހެކިވެރިންގެ ގޮތުގައި ދައުލަތުން އެ މީހުން ބޭނުން ކުރެވޭނެތޯ އެއް ބަޔަކު ސުވާލު އުފެއްދި އެވެ. އަދި އެކަމާ ގުޅިގެން ދައުލަތަށް އެތައް ފާޑުކިޔުމެއް ވެސް އަމާޒުވި އެވެ.

ރާއްޖޭގައި އާ ކަމެއް ނޫން

ކުށް ކުރުމުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވެފައި ތިބޭ މީހުން (ކޯ އެކިއުޒްޑް) ހެކިވެރިންގެ ގޮތުގައި ބޭނުން ކުރުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް ކުށް ސާބިތުކުރަން ބޭނުން ކުރަން އެންމެ ވަރުގަދަ ހެއްކަކީ އެކަމުގައި ކޮންމެވެސް މިންވަރަކަށް ބައިވެރިވި މީހެކެވެ. ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުށް ސާބިތުކުރީ ބޮން ހެދި މީހާ ހެކިވެރިއެއްގެ ގޮތުގައި ބޭނުން ކޮށްގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރި މައްސަލާގައި ހެކިވެރިންގެ ގޮތުގައި ބޭނުންކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާ ގުޅިގެން ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. މިި ނޫން ވެސް ބައެއް މައްސަލަތަކުގައި ކުށުގެ ބައިވެރިން ހެކިވެރިންގެ ގޮތުގައި ބޭނުން ކޮޮށްގެން ކުށް ސާބިތުކޮށްފައި އެބަހުއްޓެވެ.

ޔާމީން ރަޝީދު

ޔާމީން ރަޝީދު

އޭގެ ބޭނުމަކީ ކުށުގައި އެންމެ ބޮޑަށް ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ވަރުގަދަ ހެކި ހޯދުމެވެ. ހާއްސަކޮށް، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގައި ކުށް ސާބިތު ކުރެވޭނެ ހެކި ހޯދުމަކީ އުނދަގޫ ކަމަކަށް ވާތީ އެކަމުގެ މައުލޫމާތު ކޮންމެވެސް މިންވަރަކަށް އެނގޭ މީހަކު ހެކިވެރިއެއްގެ ގޮތުގައި ބޭނުން ކުރަނީ އެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޮޑެތި ކުށްތައް ސާބިތު ކުރުމުގައި އަމަލުކުރާ އުސޫލެކެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއި ދައުލަތުން އަމަލުކުރާ ގޮތް

އިސްލާމީ ޝަރީއަތުގައި ވެސް އަދި ރާއްޖޭގެ ގާނޫނުތަކުގައި ހެކިވެރިންގެ ހެކިބަސް ބަލައިގަނެވެނީ އަދުލުވެރި ބަޔަކަށް ވާނަމަ އެވެ. ރާއްޖޭގައި ހެއްކާ ބެހޭ ޒަމާނީ ގާނޫނެއް ނެތަސް، ކޯޓުތަކުން މިހާތަނަށް އެ އުސޫލު ދަމަހައްޓަމުން ގެންދެ އެވެ. ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވަނީ އަދުލުވެރިކަން ގެއްލިފައިވާ ފާސިގުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި އެއް ކުށެއްގައި ބައިވެރިިވެފައިވާ މީހުން އެ ކުށުގެ ބައިވެރިވި އެހެން މީހުންނާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ދޭ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް އޭރު ނިންމާފައިވެ އެވެ.

ސުޕްރީމް ކޯޓުން އޭރު އެގޮތަށް ނިންމީ ކުށް ސާބިތުވެފައި ތިބި ބަޔަކު ހެކިވެރިންގެ ގޮތުގައި ބޭނުން ކޮށްގެން އެކަމުގެ އެންމެ އިސް މީހާގެ މައްޗަށް ކުށް ސާބިތުކުރި މައްސަލައެއްގަ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ މި ނިންމުން އައިފަހުން ބޮޑެތި މައްސަލަތަކުގައި ދައުލަތުން އަމަލު ކުރަނީ އެހެން ގޮތަކަށެވެ. މިހާރު އަމަލުކުރާ ގޮތަކީ ކުށުގައި ބައިވެރިންގެ ތެރެއިން ތަހުގީގުތަކަށް އެއްބާރުލުން ދޭން އެއްބަސްވާ މީހުންނަށް އެއްވެސް ދައުވާއެއް ނުކޮށް، ދޫކޮށްލަނީ އެވެ.

ބޮޑެތި މައްސަލަތަކުގައި ދައުލަތުން އަމަލު ކުރަނީ އެހެން ގޮތަކަށް. މިހާރު އަމަލުކުރާ ގޮތަކީ ކުށުގައި ބައިވެރިންގެ ތެރެއިން ތަހުގީގުތަކަށް އެއްބާރުލުން ދޭން އެއްބަސްވާ މީހުންނަށް އެއްވެސް ދައުވާއެއް ނުކޮށް، ދޫކޮށްލަނީ

މިގޮތަށް އަމަލު ކުރަނީ ހެކިބަސް ދޭން އެ މީހުންނަށް ޝަރުތުކޮށްފަ އެވެ. އަދި އެ މީހުންނަށް ދައުލަތުން ދައުވާ ނުކުރާހާ ހިނދަކު، އެ މީހުން ހެކިވެރިންގެ ގޮތުގައި ކޯޓުގައި ކޮންމެ ވާހަކައެއް ދެއްކިޔަސް، އެ މީހުން ގާނޫނީ ގޮތުން ކުށްވެރިއެއް ނުވާނެ އެވެ. ގާނޫނީ ގޮތުން އެ މީހުން ކުށެއް ނެތް ބައެކޭ އެއްފަދަ އެވެ. ދައުލަތުން މިގޮތަށް އަމަލު ކުރަނީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން އޮތްގޮތަށް ބަލައި، އެފަދަ މީހުންގެ ހެކިބަސް ކޯޓަށް ބަލައިގަނެވޭނެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ.

އަދަބުން ސަލާމަތްވާން ފަހިކޮށްދޭ މަގެއްތަ؟

މިގޮތަށް އަމަލު ކުރުމުން ކުށުގައި އެންމެ ބޮޑަށް ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ފަސޭހަ ވިޔަސް، ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދޭ މީހާ ސަލާމަތްވެގެން އެ ދަނީ އެއްވެސް އަދަބެއް ނުލިބި އެވެ. އަދި ދެވަނަ ފަހަރަށް އެފަދަ ކަމެއް އޭނާ ތަކުރާރު ނުކުރާނެ ކަމުގެ ޔަގީން ކަމެއް ވެސް އަދި އެކަން ބެލޭނެ މާ ވަރުގަދަ ނިޒާމުތަކެއް ވެސް ރާއްޖެއަކު ނެތެވެ. އެހެންވެ، ކޮންމެ މައްސަލައެއްގައި މިގޮތަށް ފުރުސަތު ދޭން ފެށުމަކީ އެއް ބަޔަކު ސަލާމަތްވާން ފުރުސަތު ލިބޭ ކަމެކެވެ.

އެހެންމެ، މިގޮތަށް އަމަލު ކުރުމުން ވަކި ގޮތަކަށް ހެކިބަސް ދޭން ދައުލަތުން ނުފޫޒު ފޯރުވުމުގެ ތުހުމަތު އަމާޒުވެ އެވެ. ސަބަބަކީ އެފަދަ މީހުން ހެކިބަސް ނުދީފި ނަމަ، އެ މީހުންނަށް ދައުވާ ކުރުމުގެ ފުރުސަތު އޮތުމުން ކުރިމަތިވެދާނެ ގެއްލުމަކުން ނުވަތަ ދައުވާއަކުން ސަލާމަތްވުމަށްޓަކައި ހެކިބަސް ދިނީ ކަމަށް ބެލުމުގެ ފުރުސަތު އޮތުމެވެ. އަދި އެ ހާލަތުގައި، ބަޔަކު ގާނޫނީ ގޮޅިއަކަށް ފައްތާލުމަށްޓަކައި ދޮގު ހެކިބަސް ދިނީ ބުނެ ތުހުމަތުތައް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ.

ޕީޖީ ޝަމީމް: ބޮޑެތި ކުށްވެރިން މިނިވަން ވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ -- މިހާރު ފޮޓޯ: ނިޝާން އަލީ

ޕީޖީ ޝަމީމް: ބޮޑެތި ކުށްވެރިން މިނިވަން ވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ -- މިހާރު ފޮޓޯ: ނިޝާން އަލީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިިން ޝަމީމް ވިދާޅުވީ ކުށުގެ ބައިވެރިން ހެކިވެރިންގެ ގޮތުގައި ބޭނުން ކޮށްގެން ކުށް ސާބިތު ކުރުމަކީ ރާއްޖޭގެ ގާނޫނުތަކުން ފުރުސަތު ދޭ ކަމެއް ކަމަށެވެ. އެގޮތުން ކުށްވެރިންނާ އެކު އިއުތިރާފްގެ އެއްބަސްވުން ހެދުމުގެ ފުރުސަތު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އޮންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ކުށް ކުރުމުގައި އެންމެ ބޮޑަށް ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށްޓަކައި އެހެން ގައުމުތަކުގައި ވެސް އެގޮތަށް އަމަލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮގަނައިޒް ކުށްތަކުގައި ކުށް ސާބިތު ކުރަން ކުރާ ކަމެއް މިއީ. އެއީ އެކަމުގެ ތެރޭގައި އުޅޭ މީހުންނަށް އެންމެ ރަނގަޅަށް ބުނެދެވޭނީ އެކަން ކުރާ ގޮތާއި ސެލްތައް އޮޕަރޭޓްކުރާ ގޮތާއި މިކަހަލަ ކަންކަން. އެމެރިކާ ފަދަ ތަންތަނުގައި މިފަދަ ކުށްތައް ސާބިތު ކުރާނީ އޭގެ ތެރެއިން މީހަކު ނަގައިގެން އޭނާ ބޭނުން ކޮށްގެން." ޝަމީމް ވިދާޅުވި އެވެ.

ހެކިވެރިންގެ ގޮތުގައި އެ މީހުން ބޭނުން ކުރިޔަސް، އެ މީހުން އެއްކޮށް މިނިވަންވެގެންދާން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ޝަމީމް ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ކޮންމެވެސް ލުއި އަދަބެއް ލިބޭ ފަދަ ގޮތަކަށް އެ މީހުންނާ އެކު ދައުލަތުން އެއްބަސްވުމަކަށް އައުމެވެ. އެކަމަކު ކޮންމެ ކޮންމެ މައްސަލައެއްގައި އެގޮތަށް އަމަލު ނުކުރެވިދާނެ ކަމަށާއި މައްސަލާގެ ބާވަތުން އެފަދަ މީހުން އެއްކޮށް ދޫކޮށްލަން ޖެހޭ ހާލަތެއް ވެސް އައިސްދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ހެކިންގެ ގޮތުގައި ބޭނުން ކުރިޔަސް، އެ މީހުންނަށް އެއްކޮށް މިނިވަންވެގެން ދާން ފުރުސަތު ނުދިނުން އަޅުގަނޑުމެންގެ މިހާރު ވިސްނުމަކީ. އެ މީހުންނަށް ކޮންމެވެސް ލުއި އަދަބެއް ކަމަށް ވިޔަސް ދިނުން. އެހެން ނަމަވެސް އެކަން ބިނާވަނީ އެ މައްސަލައެއްގެ ބާވަތަށް.

"ހެކިންގެ ގޮތުގައި ބޭނުން ކުރިޔަސް، އެ މީހުންނަށް އެއްކޮށް މިނިވަންވެގެން ދާން ފުރުސަތު ނުދިނުން އަޅުގަނޑުމެންގެ މިހާރު ވިސްނުމަކީ. އެ މީހުންނަށް ކޮންމެވެސް ލުއި އަދަބެއް ކަމަށް ވިޔަސް ދިނުން. އެހެން ނަމަވެސް އެކަން ބިނާވަނީ އެ މައްސަލައެއްގެ ބާވަތަށް. އެއްވެސް ދައުވާއެއް ނުކޮށް، ދޫކޮށްލައިގެން ވެސް އެކަން ކުރަން ޖެހޭ ހާލަތެއް އައިސްދާނެ. އެފަދަ ހާލަތެއް އައިސްފިއްޔާ އެގޮތަށް އެކަން ނުކުރާނެ ވާހަކައެއް ނޫން މި ދަންނަވަނީ." ޝަމީމް ވިދާޅުވި އެވެ.

ކުށްކުރާ މީހުންނަށް އަދަބު ދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންޖެހޭނެ އެވެ. ކުށްވެރިން ކުށް ކުރުމުގައި އާ ގޮތްތައް ހޯދާ އުސޫލުން، ކުށްވެރިން ދޫވިޔަ ނުދީ އަދި ކުށް ސާބިތު ކުރެވޭނެ އާ ގޮތްތައް ވެސް ހޯދަންޖެހެ އެވެ. އެކަމަކު ބޮޑެތި ކުށް ކުށުގައި ބައިވެރިވެފައިވާ މީހުން ހެކިވެރިންގެ ގޮތުގައި ބަދަލުވުމަށް ފަހު އެ މީހުންނަށް އެއްވެސް އަދަބެއް ނުލިބި ޖިިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެ މީހުން މުޖްތަމައުގެ ތެރެއަށް ދޫވެގެން ދާން ފުރުސަތު ވެސް ދެވިގެން ނުވާނެ އެވެ.