Roadha Mihaaru
އެންމެ 20 ގްރާމް، އުމުރަށް ޖަލަށް: އިންސާފެއްތަ؟

އެންމެ 20 ގްރާމް، އުމުރަށް ޖަލަށް: އިންސާފެއްތަ؟

02 ފެބުރުއަރީ 2022

އަހުމަދު މުހައްމަދު (އަސްލު ނަމެއް ނޫން) ގެންގުޅުނީ 20 ވަރަކަށް ގްރާމް މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތި ހުރިތަން ފުލުހުންނަށް ދެއްކީ ވެސް އޭނާ އަމިއްލައަށެވެ. އެއީ އޭނާ ބޭނުން ކުރަން ގެންގުޅުނު ތަކެތި ކަމަށް ވުމުން އެކަމުން ރެކޭކަށް ވެސް ނޫޅެ އެވެ. އެއީ ކުށެއް ކަން އެނގުނަސް، ނޭނގުނު ކަމަކީ ކުރިމަތިވާން އޮތް ހިތި ނަތީޖާ އެވެ. ގެންގުޅުނީ މަސްތުވާތަކެތި ބޭނުން ކުރަން ކަމަށް ވިޔަސް، އޭނާއާ ކުރިމަތިލީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަހުމަދު މުހައްމަދު (އަސްލު ނަމެއް ނޫން) ގެންގުޅުނީ 20 ވަރަކަށް ގްރާމް މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތި ހުރިތަން ފުލުހުންނަށް ދެއްކީ ވެސް އޭނާ އަމިއްލައަށެވެ. އެއީ އޭނާ ބޭނުން ކުރަން ގެންގުޅުނު ތަކެތި ކަމަށް ވުމުން އެކަމުން ރެކޭކަށް ވެސް ނޫޅެ އެވެ. އެއީ ކުށެއް ކަން އެނގުނަސް، ނޭނގުނު ކަމަކީ ކުރިމަތިވާން އޮތް ހިތި ނަތީޖާ އެވެ. ގެންގުޅުނީ މަސްތުވާތަކެތި ބޭނުން ކުރަން ކަމަށް ވިޔަސް، އޭނާއާ ކުރިމަތިލީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ރެކޯޑެއް ނުވަތަ އެފަދަ ކަމެއް ކުރިކަމުގެ ތުހުމަތެއް ވެސް އޭނާއާ ދެކޮޅަކަށް ނެތެވެ. އެކަމަކު ބޭނުންކޮށްލަން އެ ގެންގުޅުނު ކުޑަ އެތިކޮޅުގެ ސަބަބުން އޭނާ ވެގެން ދިޔައީ މަސްތުވާތަކެތި ޓްރެފިކްކުރާ ބޮޑު ކުށްވެރިއަކަށެވެ. ދަށު ކޯޓުން ސަލާމަތްވެފައި ހުއްޓާ ހައި ކޯޓުން އޭނާއަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު، އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެކެވެ. ގެންގުޅުނު އެތިކޮޅު މަދަސް އަދި ރެކޯޑް ކިތަންމެ ސާފުކޮށް އޮތަސް، ގާނޫނު އޮތްގޮތުން ހަމްދަރުދީއެއްގެ ގޮތުން އޭނާއަށް ލުޔެއް ދިނުމުގެ ބާރެއް ކޯޓަކަށް ނޯވެ އެވެ.

އެންމެ 20 ގްރާމް މަސްތުވާތަކެތި ގެންގުޅުމަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ކަމަށް ގަބޫލު ކުރާނެ މީހަކު މަދުވާނެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިނުވެ، ހަމައެކަނި އެ ތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އެ މިންވަރަށް އެ ތަކެތި ނުގެންގުޅޭ މީހަކު މިހާރު މަދުވާނެ އެވެ. މަގުމަތީ އަގު ވެސް އެހާ ކުޑަ އެވެ. އެވަރުގެ އެތިކޮޅެއް ގެންގުޅުނީތީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އިންސާފެއް ހެއްޔެވެ؟. އެކަމަކު މިއީ އޭނާ ނޫނަސް، އެތައް ބައެއްގެ ތަޖްރިބާ އެވެ. ގާނޫނު ގަބޫލުކުރާ ގޮތުގެ ސަބަބުންނެވެ.

"ހަމައެކަނި ބަރުދަނަށް ބަލައިގެން ނިންމައިގެން ނުވާނެ އެއީ ޓްރެފިކް ކުރާ މީހެއް ކަމަކަށް." ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާ އިސް ބޭފުޅަކު ވިދާޅުވި އެވެ. އެކަމަކު އޭނާ ވެސް ވިދާޅުވަނީ ގާނޫނު އޮތީ އެގޮތަށް ކަމަށެވެ.

"އޮތް ހައްލަކީ ތަހުގީގުގެ ތެރެއިން ބަލަންވީ އެއީ ވިއްކާ މީހެއްތޯ ނުވަތަ ނޫންތޯ. ވިއްކާ މީހެއް ނޫނިއްޔާ އޭނަ ނުޖެހޭ ކޮންމެހެން ގްރާމް ހަމަވީތީއޭ ކިޔާފައި އުމުރަށް ޖަލަށް ދާކަށް"

ގާނޫނު ގަބޫލުކުރާ ގޮތް

މަސްތުވާތަކެއްޗާބެހޭ ގާނޫނު ބުނާގޮތުން ހަތަރު ގްރާމަށް ވުރެ ގިނައިން ޑައިމޯފިން މީހެއްގެ އަތުން ފެނިއްޖެ ނަމަ، އެއީ ޓްރެފިކް ކުރުން ކަމަށް ބެލެވޭނެ އެވެ. އަދި ކެނަބިސް ނުވަތަ ކެނަބިސް މިކްސްޗާގެ 14 ގްރާމަށް ވުރެ ގިނައިން ހުރެއްޖެ ނަމަ ނުވަތަ އެ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ ބާވަތެއް ނަމަ އެއް ގްރާމް ހަމަވުމުން އެއީ ޓްރެފިކް ކުރުން ކަމަށް ބަލަ އެވެ. އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާ އެކެވެ.

ކެފޭ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ގެއެއްގެ އެތެރެ: ނިޔާ ކަނޑައެޅުމުގައި ބަރުދަން މުހިންމު -- ފައިލް ފޮޓޯ: މިހާރު

ކެފޭ އުސޫލުން ޑްރަގް ވިޔަފާރި ކުރާ ގެއެއްގެ އެތެރެ: ނިޔާ ކަނޑައެޅުމުގައި ބަރުދަން މުހިންމު -- ފައިލް ފޮޓޯ: މިހާރު

މަސްތުވާތަކެތި ޓްރެފިކް ކުރުން ކަމަށް ބަލާނެ އެހެން ކަންތައްތަކެއް އެ ގާނޫނުގެ 144 ވަނަ މާއްދާގައި ހިމަނާފައިވެ އެވެ. އެއީ މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ވިޔަފާރި ކުރުމާއި އެހެން ބަޔަކަށް ދިނުމާއި އެ ތަކެތި އުފެއްދުމާއި އެއް ތަނުން އަނެއް ތަނަށް އުފުލުމެވެ. އެކަމަކު ކުރިން މިދެންނެވި ބަރުދަން ހަމަވާ ހިސާބުން މިއިން އެއްވެސް ކަމަކަށް ފުލުހުން އަދި ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީސް ނުވަތަ ކޯޓުތަކުން ވެސް ނުބަލަ އެވެ. މުޅި 144 ވަނަ މާއްދާގެ ބޭނުން ކެނޑެނީ ބަރުދަނާ ހިސާބުންނެވެ.

"ޑްރަގް ވިއްކިތޯ ނުވަތަ ބަޔަކަށް ދިންތޯ ނުވަތަ ވިޔަފާރިކުރި ކަމަށް ބެލެވޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ހުރިތޯ މިކަހަލަ ކަންކަމަށް ބަލާފައި އެއީ ޑްރަގް ޓްރެފިކްކުރި މީހެއް ކަމަށް ނިންމެން ޖެހޭނީ. އެކަމެއް ފުލުހުން ވެސް ނުބަލާ. ޑައިމޯފިން ވިއްޔާ ހަތަރު ގްރާމް ހަމަވީމަ ޓްރެފިކްކުރީ ކަމަށް ނިންމާލަނީ." ކުރިން ވާހަކަ ދެއްކި އަދި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި މަސައްކަތް ކުރެއްވި އެ ބޭފުޅާ ވިދާޅުވި އެވެ.

"ޑްރަގް ވިއްކިތޯ ނުވަތަ ބަޔަކަށް ދިންތޯ ނުވަތަ ވިޔަފާރިކުރި ކަމަށް ބެލެވޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ހުރިތޯ މިކަހަލަ ކަންކަމަށް ބަލާފައި އެއީ ޑްރަގް ޓްރެފިކްކުރި މީހެއް ކަމަށް ނިންމެން ޖެހޭނީ."

ހެއްވާ ކަމަކީ ކިލޯ ކިލޯއިން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިޔަފާރިކުރާ ކަމުގެ ތުހުމަތުވާ މީހުންނަށް ވެސް އޮތީ މި ދައުވާ އެވެ. މަގުމަތީ އަގުން 500 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރާ މީހާ އާއި އެންމެ ފަހަރަކު ބޭނުންކޮށްލަން 20 ގްރާމް ގެންގުޅޭ މީހާއާ މެދު ވެސް އަމަލު ކުރަނީ އެއްގޮތަކަށެވެ. ތަފާތަކީ ކިލޯއިން އެތެރެކޮށް، ވިޔަފާރީގެ ބޮޑެތި ނެޓްވޯކްތައް ހިންގާ މީހުން ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން ސަލާމަތް ވިޔަސް، އެއްކަލަ 10 ގްރާމް ގެންގުޅުނު މީހާއަށް އެ ނަސީބު ނެތުމެވެ. ވަގަކަށް ހާސް ދުވަސް އަދި ވެރިއަކަށް އެއް ދުވަހޭ ބުނާ ބީދައިގެންނެވެ.

ޓްރެފިކްކުރީ ކަމަށް ބަލާ ބަރުދަނުގެ މިންގަނޑު

- ޑައިމޯފިން: ހަތަރު ގްރާމަށް ވުރެ ގިނަވުން

- ކެނަބިސް: 14 ގްރާމަށް ވުރެ ގިނަވުން

- ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި: އެއް ގްރާމަށް ވުރެ ގިނަވުން

- އަދަބު: އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކައިން ފެށިގެން 10 މިލިއަނާ ދެމެދުގެ ޖޫރިމަނާއެއް

ގާނޫނު ރަނގަޅު، ފުޅާ ކުރަންވީ ތަހުގީގު

ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ދޭ އަދަބަކީ ގިނަ ގައުމުތަކާ އަޅާ ބަލާއިރު ހަރުކަށި އަދަބެކެވެ. ޖަލުތައް ފުރޭ މައްސަލައަށް ހައްލެއް ހޯދަން ޖަލު ނޫން އަދަބުތައް ދޭން ފެށިޔަސް، މަސްތުވާތަކެތީގެ މައްސަލަތަކުގައި އެ ފުރުސަތެއް ނެތެވެ. ހާއްސަ ގާނޫނެއްގެ ދަށުން އަދަބު ދޭ ކުށަކަށް ވާތީ އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ ނިޒާމުގެ ވާހަކަ ދައްކާނެ ކަމެއް ވެސް ނެތެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒުކުރާ މީހުންގެ ތެެރެއިން ގިނައީ ޓްރެފިކިންގެ ބަރުދަން ކިރިޔާ ހަމަވާ މިންވަރަށް އެ ތަކެތި ގެންގުޅުނު މީހުންނެވެ. ޕެރޯލްގެ ނަސީބެއް އެ މީހުންނަށް ލިބޭނީ އުމުރު ދުވަހުގެ ޖަލު ހުކުމުން މަދުވެގެން 10 ވަރަކަށް އަހަރު ޖަލުގައި ހޭދަކުރުމުންނެވެ. ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ގައިގައި އަތްނުލެވޭއިރު، އެއްފަހަރު ބޭނުންކޮށްލަން އެތިކޮޅެއް ގަންނަ ނިކަމެތި ޒުވާން ކުއްޖާގެ ޒުވާން އުމުރު ޖަލުގައި ނިމިގެން ދިއުމަކީ ބޮޑު ބޭ އިންސާފެކެވެ.

ޑްރަގް އޮޕަރޭޝަނެއްގައި ބަޔަކު ފާސްކުރަނީ --- ފޮޓޯ/މިހާރު

ޑްރަގް އޮޕަރޭޝަނެއްގައި ބަޔަކު ފާސްކުރަނީ --- ފޮޓޯ/މިހާރު

ފުލުހުންގެ އިސް ބޭފުޅަކު ވެސް ވިދާޅުވީ ހަމަ އެގޮތަށެވެ. ބަރުދަނަށް އެކަނި ބަލައިގެން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އިންސާފުވެރިއެއް ނޫނެވެ. އެކަމަކު ގާނޫނުގައި އޮތް ޓްރެފިކިންގެ މިންގަނޑަށް ބަދަލު ގެނައުމުގެ ބަދަލުގައި އޮތް ހައްލަކީ ތަހުގީގުތައް އިތުރަށް ފުޅާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުން މަގުމައްޗަށް ވިއްކަން ނިކުންނަ މީހާ ނިކުންނާނީ ޑައިމޯފިން ވިއްޔާ ހަތަރު ގްރާމް ހަމަނުވާ މިންވަރަށް ހިފައިގެން. ކެނަބިސް ވިއްޔާ 14 ގްރާމް ހަމަނުވާ މިންވަރަށް ހިފައިގެން. އެހެންވީމަ އޮތް ހައްލަކީ ތަހުގީގުގެ ތެރެއިން ބަލަންވީ އެއީ ވިއްކާ މީހެއްތޯ ނުވަތަ ނޫންތޯ. ވިއްކާ މީހެއް ނޫނިއްޔާ އޭނަ ނުޖެހޭ ކޮންމެހެން ގްރާމް ހަމަވީތީއޭ ކިޔާފައި އުމުރަށް ޖަލަށް ދާކަށް." ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޓްރެންޑް ބަދަލުވެއްޖެ، މި ޝަކުވާ އެބައޮތް

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިނުވެ، ހަމައެކަނި އެތަކެތި ބޭނުންކުރާ މީހުން އެކަން ކުރާ ގޮތް މިހާރު އޮތީ ވަރަށް ބަދަލުވެފަ އެވެ. އެއާ އެއްގޮތަށް ތަހުގީގު ފުޅާ ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓްރެންޑް އޮތްގޮތުން ބޭނުންކުރާ ކޮންމެ މީހަކު ނުގޮސްދާނެ އެ ފަހަރަކު ބޭނުންވާ ވަރަށް ގަންނާކަށެއް. ނުވަތަ ޑްރަގް ކެފޭތަކަށް ކޮންމެ ފަހަރަކު ބޭނުން ކުރަން ނުގޮސްދާނެ. ހަފުތާއަކު ތަންކޮޅެއް ގިނައިން ބޭނުންކުރާ މީހެއް ވިއްޔާ އެ ވަރަށް ހޯދާފައި އެ ބަހައްޓަނީ. އެހެންވީމަ އިންސާފުވެރި ގޮތަކީ ތަހުގީގު ފުޅާކޮށްގެން އަޅުގަނޑުމެން ލައިން ޑްރޯ ކުރަންވީ މިއީ ބޭނުންކުރާ މީހެއްތޯ ނުވަތަ ޓްރެފިކްކުރާ މީހެއްތޯ." އޭނާ ވިދާޅުވި އެވެ.

ޝަމީމް: އޭނާ ވިދާޅުވި ގޮތުގައި ޓްރެފިކިންގެ ބަރުދަން ކަނޑައަޅާފައި އޮތީ މާ ބޮޑު ދިރާސާއެއް ކޮށްގެނެއް ނޫން -- ފައިލް ފޮޓޯ: މިހާރު

ޝަމީމް: އޭނާ ވިދާޅުވި ގޮތުގައި ޓްރެފިކިންގެ ބަރުދަން ކަނޑައަޅާފައި އޮތީ މާ ބޮޑު ދިރާސާއެއް ކޮށްގެނެއް ނޫން -- ފައިލް ފޮޓޯ: މިހާރު

މަސްތުވާތަކެއްޗާބެހޭ ގާނޫނު ވުޖޫދަށް ގެނައުމުގެ މަސައްކަތުގައި އުޅުއްވި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ޓްރެފިކިންގެ ބަރުދަން ކަނޑައަޅާފައި އޮތީ މާ ބޮޑެތި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށްފައެއް ނޫނެވެ. އެހެން ވިޔަސް، އޭނާ ވިދާޅުވާ ގޮތުގައި ފަރުވާގެ ނިޒާމު ފުރިހަމައަށް ހިނގާ ނަމަ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ބޮޑެތި ޖަލު ހުކުމްތަކާ ކުރިމަތިވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ އެތައް މާއްދާއެއް އެބަހުރި އަދިވެސް ތަންފީޒު ނުކުރާ. މިކަމުގައި އޮތް ހައްލަކީ ފަރުވާގެ ނިޒާމު ރަނގަޅު ކުރުން. އޭރަށް ނުޖެހޭނެ އެގޮތަށް އެތިކޮޅެއް ގެންގުޅެގެން ޖަލަށް ދާކަށް. ވިއްކާ މީހުންގެ މާކެޓް ވެސް ގެއްލުނީ އޭރުން -- ޕީޖީ ޝަމީމް

"ކުރިން ވެސް އައި ޝަކުވާއެއް އެއީ މާ ހަރުކަށިކޮށޭ ގާނޫނު އޮތީ. އަޅުގަނޑުގެ ދެކެނީ ގާނޫނުގައި ބުނާ ހުރިހާ ނިޒާމެއް ފުރިހަމައަށް ތަންފީޒު ކޮށްފައި ކަމެއް ނުވިއްޔާ ދެން ގާނޫނު ބަދަލު ކުރަން ޖެހޭނީ. އެކަމަކު މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ އެތައް މާއްދާއެއް އެބަހުރި އަދިވެސް ތަންފީޒު ނުކުރާ. މިކަމުގައި އޮތް ހައްލަކީ ފަރުވާގެ ނިޒާމު ރަނގަޅު ކުރުން. އޭރަށް ނުޖެހޭނެ އެގޮތަށް އެތިކޮޅެއް ގެންގުޅެގެން ޖަލަށް ދާކަށް. ވިއްކާ މީހުންގެ މާކެޓް ވެސް ގެއްލުނީ އޭރުން." ޝަމީމް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ނެޓްވޯކްތަކާ ހަމައަށް ގާނޫނުގެ ދިގު އަތް ފޯރަނީ މަދު ފަހަރަކު އެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުމެއް ނެތި ހަމައެކަނި މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބުމުގެ ސަބަބުން ތަކެތި ބޭނުންކުރާ އާދައިގެ މީހުން އުމުރަށް ޖަލަށްލައިގެން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި އިތުރު އެތައް މައްސަލަތަކެއް ނިކުމެ އެވެ. ގާނޫނުގެ އެންމެ މާއްދާއެއްގައި އޮންނަ ބަރުދަނަށް ބެލުމަށް ވުރެ ތަހުގީގުތައް ފުޅާ ވާން އެބަޖެހެ އެވެ.