Roadha Mihaaru
އެކަކު ގުރުބާން ވެގެން ޑްރަގް ނެޓްވޯކްތައް ދޫވަނީ!

އެކަކު ގުރުބާން ވެގެން ޑްރަގް ނެޓްވޯކްތައް ދޫވަނީ!

20 އޮކްޓޯބަރ 2021

ރާއްޖެއަށް 2.7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނެޓްވޯކެއް މީގެ 14 އަހަރު ކުރިން ހައްޔަރު އަތުލައިގަނެވުމުން, އޭރު އެކަން ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ކަމަކަށްވީ އެވަރުގެ ބޮޑު އަދަދަކާ އެކު އޭގެކުރިން ބަޔަކު ހައްޔަރު ކޮށްފައި ނެތުމުންނެވެ. އެކަމަކު އޭގެ ހަތް އަހަރު ފަހުން އެއްފަހަރާ 24 ކިލޯގެ މަސްތުވާތަކެތި ރާއްޖެއިން އަތުލައިގަތެވެ. އޭގެ ފަސް އަހަރު ފަހުން 149 ކިލޯގެ މަސްތުވާތަކެއްޗެވެ. މިދިޔަ ހަފުތާގައި ހިންގި ދެ އޮޕަރޭޝަނެއްގައި އެ އަތުލައިގަތީ 315 ކިލޯގެ މަސްތުވާތަކެއްޗެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް 2.7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނެޓްވޯކެއް މީގެ 14 އަހަރު ކުރިން ހައްޔަރު އަތުލައިގަނެވުމުން, އޭރު އެކަން ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ކަމަކަށްވީ އެވަރުގެ ބޮޑު އަދަދަކާ އެކު އޭގެކުރިން ބަޔަކު ހައްޔަރު ކޮށްފައި ނެތުމުންނެވެ. އެކަމަކު އޭގެ ހަތް އަހަރު ފަހުން އެއްފަހަރާ 24 ކިލޯގެ މަސްތުވާތަކެތި ރާއްޖެއިން އަތުލައިގަތެވެ. އޭގެ ފަސް އަހަރު ފަހުން 149 ކިލޯގެ މަސްތުވާތަކެއްޗެވެ. މިދިޔަ ހަފުތާގައި ހިންގި ދެ އޮޕަރޭޝަނެއްގައި އެ އަތުލައިގަތީ 315 ކިލޯގެ މަސްތުވާތަކެއްޗެކެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ރެކޯޑް އަދަދެއްގެ މަސްތުވާތަކެތި ދެ ތިން ދުވަސް ތެރޭގައި އަތުލައިގަތުމުން މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާވަމުން އަންނަ މިންވަރު އެބަ ހާމަވެ އެވެ. އެކަމަކު މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވިޔަސް، އެކަންކުރާ މީހުންނަށް އަދަބު ނުދެވޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. ފަޅު ރަށަކުން އަތުލައިގަތް 149 ކިލޯގެ ޑްރަގް މައްސަލާގައި ގިނަ ބަޔަކު ދޫވެގެން ދިޔައީ ދާދިފަހުންނެވެ. އާދައިގެ ޑްރަގް ނެޓްވޯކްތަކުގައި ހިމެނޭ މީހުން ސަލާމަތްވި އަދަދެއް ނޭނގެ އެވެ.

މަސްތުވާތަކެތީގެ ޒިންމާ އެކަކު އަމިއްލައަށް ނަގަނީ

މީގެ ދުވަސްތަކެއް ކުރިން އިވިގެން ދިޔައީ މީހުން ރަހުނު ކޮށްފައި ރާއްޖެއިން ބޭރުގައި ބައިތިއްބައިގެން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ވާހަކަތަކެކެވެ. ހަމަ މިގޮތަށް، މަސްތުވާތަކެތީގެ ބޮޑު ވިޔަފާރި ހުއްޓުވަން ކުރާ މަސައްކަތް އިތުރުވާ މިންވަރަކަށް، އެކަން ކުރާ މީހުން ސަލާމަތްވުމަށްޓަކައި ބޭނުންކުރާ އުކުޅުތައް ވެސް އެހާ ގިނަ އެވެ. އެގޮތުން ޝަރުއީ މަރުހަލާގައި މިހާރު ބޭނުންކުރާ އެއް އުކުޅަކީ މަސްތުވާތަކެތީގެ ޒިންމާ ދައުވާލިބޭ ކޮންމެވެސް އެކަކު ނެގުމެވެ.

މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް މަސްތުވާތަކެތި އެތެރެ ކުރުމާއި ވިޔަފާރި ކުރުމުގައި ގިނަ މީހުން ބައިވެރިކުރެ އެވެ. މަސްތުވާތަކެތި ވެސް އެއް ތަނެއްގައި ފޮރުވުމުގެ ބަދަލުގައި އެކި ތަންތަނުގައި ފޮރުވަ އެވެ. އަދި އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ވެސް، ގެންދަނީ އެކި މީހުން އެކިފަހަރު މަތިން އެކި މިންވަރަށް، އަދި އެކި ގޮތްގޮތަށެވެ. މީގެ ބޭނުމަކީ ފުލުހުންނަށް އަތުލައިގަނެވޭ މަސްތުވާތަކެތީގެ އަދަދު ދަށްކުރުމާއި. އަތުލައިގަނެވޭ ހާލަތުގައި ވެސް ސަލާމަތްވެވޭނެ މަގެއް ހޯދުމެވެ.

އެހެންވުމުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި މިހާރު ބޭނުންކުރާ އުކުޅަކީ ގިނަ ބަޔަކަށް ދައުވާކުރާ ހާލަތުގައި، އޭގެ ތެރެއިން އެކަކު އެ ހުރިހާ މަސްތުވާތަކެއްޗަށް ޒިންމާ ނެގުމެވެ. މިދިޔަ އަހަރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލާގައި ވެސް ގިނަ ބަޔަކު ހައްޔަރުކޮށް، ދައުވާ ކުރުމުން އޭގެ ތެރެއިން އެކަކު އެ ހުރިހާ މަސްތުވާތަކެއްޗަށް ކޯޓުގައި ޒިންމާ ނެގީ އެވެ. އެ ހިސާބުން އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމް ކުރުމަށްފަހު، އެ މައްސަލާގައި ދައުވާލިބޭ ދެން ތިބި މީހުން ބަންދުން ދޫކޮށްލީ އެވެ.

މަސްތުވާއެއްޗެހިތަކެއް --- ފޮޓޯ/ޕޮލިސް

މަސްތުވާއެއްޗެހިތަކެއް --- ފޮޓޯ/ޕޮލިސް

ބާކީ ތިބި މީހުންގެ ޝަރީއަތް ކުރިއަށް ދަނިކޮށް ކްރިމިނަލް ކޯޓުން އެ މީހުން ބަންދުން ދޫކޮށްލީ މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނަގާފައިވާތީ އެކަމުގެ މައްޗަށް ބިނާކޮށެވެ. އެކަމަކު މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނަގާފައިވާ ކަމަށް ބުނެ ދެން ތިބި މީހުން ބަންދުން ދޫކުރެވިދާނެތޯ ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދެ އެވެ. ސަބަބަކީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން، އެއް ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް އެކަމުގައި ދެން ހިމެނޭ މީހުންނާ އެއްކޮޅަށް ނުވަތަ ދެކޮޅަކަށް ހެކިބަހެއް ނުދެވޭނެ އެވެ.

އެހެންވީއިރު، ދައުވާލިބޭ އެކަކު ކުށަށް އިއުތިރާފްވުމަކީ އެ މައްސަލާގައި ދައުވާލިބޭ ދެން ތިބި މީހުންގެ ކުށެއް ނެތް ކަމަށް ނިންމޭނެ ސަބަބެއް ނޫނެވެ. މިދެންނެވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ނިންމީ މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނެގުމަކީ ދެން ތިބި މީހުން ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނެގިޔަސް، ބަންދުން ދޫކުރެވޭނީ އެ މީހަކާ ދެކޮޅަށް ހުރި ހެކިތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ހުކުމުގައިވެ އެވެ.

"މަސްތުވާތަކެއްޗަށް އެ މައްސަލާގައި ހިމެނޭ އެކަކު ޒިންމާ ނެގުމަކީ ބާކީ ތިބި މުއްތަހަމުން ކުށުގައި ބައިިވެރިވި ގޮތާ މެދު އުފެދުނު އިހްތިމާލް ނުވަތަ މި ފަރާތްތަކުގެ ސަބަބުން މުޖްތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ނެތިގެންދާނެ ކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރުވަނިވި ކަމެއް ނޫނެވެ." ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ދިފާއީ ހެކިވެރިން މަސްތުވާތަކެއްޗަށް ޒިންމާ ނެގުން

މީގެކުރިން މިފަދަ މައްސަލަތަކުގައި އެހެން އުކުޅެއް ވެސް ބޭނުން ކުރި އެވެ. އެއީ ދައުވާލިބޭ މީހާ ދައުވާއަށް އިންކާރު ކުރުމަށް ފަހު އޭނާގެ ދިފާއުގައި ހެކިވެރިއެއް ހުށަހެޅުމެވެ. އަދި ހެކިވެރިޔާ ކޯޓުގައި ހެކިބަސް ދެމުން، އެ މަސްތުވާތަކެތީގެ ޒިންމާ އޭނާ ނަގަނީ އެވެ. މަސްތުވާތަކެތީގެ ޒިންމާ ހެކިވެރިއަކު ނެގިޔަސް، އޭނާގެ މައްޗަށް މައްޗަށް ކަނޑައެޅޭނެ އަދަބެއް ނޯވެ އެވެ. ސަބަބަކީ ހެކިބަސް ދޭއިރު، އޭނާގެ ދައުލަތުން ދައުވާ ކޮށްފައި ނުވާތީ އެވެ. ފަހުން ދައުވާ ކުރިޔަސް، ދައުވާއަށް އިންކާރު ކުރުމުގެ ފުރުސަތު އޮވެ އެވެ.

މިފަދަ "ގޮތް ނޭނގޭ ހެކިވެރިން" ބޭނުން ކޮށްގެން ބޮޑެތި މައްސަލަތަކުގައި ދައުވާލިބުނު ބައެއް މީހުން ސަލާމަތް ވެފައި ވެސް އެބަހުއްޓެވެ. މިކަން ހުއްޓުނީ މިފަދަ ހެކިވެރިން ހެކިބަހަށް އެކަނި ރިއާޔަތްކޮށް، ދައުވާލިބޭ މީހާ ދޫވެގެން ދާން ފުރުސަތު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމުމުންނެވެ. ސުޕްރީމް ކޯޓުން ނިންމާފައިވަނީ މަސްތުވާތަކެތީގެ ޒިންމާ ހެކިވެރިއަކު ނެގިޔަސް، އޭނާގެ ބަހަށް ބާރުދޭ އިތުރު ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށެވެ.

"ހަމައެކަނި ބުނެލާ ބުނެލުމުގެ މައްޗަށް އެކަނި ބިނާކޮށް، އެ ތަކެތި އެ މީހެއްގެ ހިޔާޒަތުގެ ދަށުން ފެނުނު މީހާ ނުވަތަ އެ ބައެއްގެ ހިޔާޒަތުގެ ދަށުން އެ ތަކެތި ފެނުނު މީހުން އެ މަސްތުވާތަކެއްޗާ މެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަ ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ." ސުޕްރީމް ކޯޓުން އޭރު ނިންމާފައިިވެ އެވެ.

ގާނޫނު ގަބޫލުކުރާ ގޮތް

ދެން އޮތީ ގިނަ ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ވިޔަފާރިކުރާ ހާލަތުގައި، އެކަކު އޭގެ ޒިންމާ ނެގުމުން ދެން ތިިބި މީހުން ސަލާމަތް ވެވޭނެތޯ އޮތް ސުވާލެވެ. މަސްތުވާތަކެއްޗާބެހޭ ކުރީގެ ގާނޫނު އޮންނަ ގޮތުން ނަމަ، މަސްތުވާތަކެތި ގެންގުޅުމާއި އެތެރެކުރުމުގެ ކުށްތަކުގައި ކުށްވެރިވާނީ ސީދާ އެ މީހެއްގެ އަތުން ނުވަތަ އެ މީހެއްގެ ބެލުމުގެ ދަށުން މަސްތުވާއެއްޗެއް ފެނުމުންނެވެ. އެ މީހާގެ ސީދާ ކޮންޓްރޯލް ނެތް ނަމަ، އޭރު މަސްތުވާއެއްޗަކަށް ޒިންމާވާކަށް އޭރު ގާނޫނު އޮތްގޮތުން ނުޖެހެ އެވެ.

އެހެން ނަމަވެސް މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނު މިކަމުގައި ވަރަށް ތަފާތެވެ. މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 146 ވަނަ މާއްދާ ބުނާގޮތުން އެކަކަށް ވުރެ ގިނަ މީހުންނަށް އެނގި ތިބެ، އޭގެ ތެރެއިން އެކަކުގެ އަތުގައި މަސްތުވާއެއްޗެހި ބެހެއްޓިޔަސް، އެ އެންމެން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބެލެވޭނެ އެވެ. އަދި މަސްތުވާތަކެތި އަސްލު ގެންގުޅުނު މީހާއަށް އަންނަ އަދަބު ދެން ތިބި މީހުންނަށް ވެސް އަންނާނެ އެވެ. މާނައަކީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އެ މަސްތުވާތަކެތި ހުރުން ލާޒިމެއް ނޫނެވެ.

އެހެންވުމުން މިސާލަކަށް، ގެއެއްގެ ތެރޭގައި ހާމައަށް އަދި ފެންނަ ގޮތަށް މަސްތުވާތަކެތި ބަހައްޓާފައި ހުންނަ ހާލަތުގައި އެތަނެއްގައި އެވަގުތަކު އުޅޭ އެންމެން ވެސް އެ މަސްތުވާތަކެތި ގެންގުޅުނީ ކަމަށް ގާނޫނީ ގޮތުން ބެލެވޭނެ އެވެ. އެ ތަކެތި ގެންގުޅުނީ ނުވަތަ ގެނެސް ބެހެއްޓީ އެހެން މީހަކު ކަމަށް ވިޔަސް މެ އެވެ. ހަމައެހެންމެ، އެތަނެއްގައި ނޫޅޭ މީހަކަށް ވިޔަސް، އެތަނުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭ ކަމުގެ ހެކި ހުރި ނަމަ، ގާނޫނު އޮތްގޮތުން އޭނާ ވެސް ކުށްވެރިވާނެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް އިތުރުވާ މިންވަރަކަށް، އެކަމުގައި ހިމެނޭ މީހުން ސަލާމަތްވާން ބޭނުންކުރާ އުކުޅުތައް ވެސް އެހާމެ ގިނަ އެވެ. އެފަދަ މީހުން ޝަރުއީ މަރުހަލާގެ ތެރެއިން ދޫވެގެން ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެބަޖެހެ އެވެ. މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވިޔަސް، އެކަންކުރާ އެންމެންނަށް ހައްގު އަދަބު ނުދެވޭ ނަމަ އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަން މިދަނީ ހާމަ ވަމުންނެވެ.