Roadha Mihaaru
ކޭއެފްސީއަށް ގެއްލުންދިން މީހާގެ ބަންދަށް 30 ދުވަސް

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް 30 ދުވަސް

21 ޖުލައި 2024

މާލޭގައި ހިންގާ ކޭއެފްސީގެ އައުޓްލެޓަށް ގެއްލުން ދިން މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ހިންގާ ކޭއެފްސީގެ އައުޓްލެޓަށް ގެއްލުން ދިން މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

އަމީނީ މަގުގައި ފުރުގާން މިސްކިތް ކައިރީގައި ހުންނަ ކޭއެފްސީއަށް މިދިޔަ ހަފްތާގައި ދެ ފަހަރެއްގެ މަތިން ގެއްލުން ދިނެވެ.

އެންމެ ފުރަތަމަ އެތަނުގެ ބިއްލޫރިގަނޑު ތަޅާލީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އެތަނުގެ ބިއްލޫރިގަނޑެއް ތަޅާލި އެވެ. އެ ދެ މައްސަލައިގެ ތެރެއިން 48 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެތަނަށް ގެއްލުން ދިން މައްސަލައިގަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން، އިޒްރޭލަށް ވާގިވެރިވާ ކަމަށް ކަމަށް ބުނެ ކޭއެފްސީ ކުރިމަތީގައި އާއްމުން ދޭތެރެ ދޭތެރެއިން މުޒާހަރާ ކުރެ އެވެ. މިދިޔަ އަހަރު ވަނީ ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް އަދި ކޮކާކޯލާ ގުދަނަށް ވެސް ބަޔަކު ވަދެ ކަޅު ތެޔޮ ޖަހައިފަ އެވެ.