Roadha Mihaaru
ފުލުހަކާއި އާއިލާއަށް ގޭންގަކުން ބިރުދެއްކިތޯ ބަލަނީ

ފުލުހަކާއި އޭނާގެ އާއިލާ އަށް ގޭންގަކުން ބިރުދެއްކި ތޯ ފުލުހުން ބަލަނީ

07 ޖުލައި 2024

ފުލުހަކާއި އޭނާގެ އާއިލާ އަށް ގޭންގަކުން ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހަކާއި އޭނާގެ އާއިލާ އަށް ގޭންގަކުން ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހަކަށް ގޭންގަކުން ބިރު ދައްކައި، އޭނާގެ އަނބިމީހާ އަށް ވެސް ޖިސްމާނީ ގޮތުން ފުރައްސާރަކުރި ކަމަށް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ތުހުމަތުކޮށްފަ އެވެ. އެކަން ކުރީ ކޯޓުގައި މިހާރު ހިނގަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކަމަށް ތުހުމަތު ކޮށްފައި ވެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް ގޭންގަކާ އެކަމާ ގުޅުން އޮތް ކަމުގެ ހެއްކެއް މިހާތަނަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ގްރޫޕެއް ނުވަތަ ނެޓްވޯކަކާ ނުވަތަ އެފަދަ ކުށަކާ އެކަމާ ގުޅުމެއް އޮތް ކަމަކަށް އަދި ފާހަގައެއް ނުވޭ" ޝިފާން ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކާ ގުޅިގެން ފުލުހުންނަށް ހަމަލާދީ، ބިރު ދައްކާފައި ވެ އެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ތިން ފުލުހަކަށް މިދިޔަ އަހަރު ދެ މީހަކު މަގުމަތިން ދިމާކޮށް، ހަމަލާދިނެވެ.

އެ މައްސަލާގައި އޭރު ދެ މީހަކު ހައްޔަރުކޮށް، ބަންދުކުރި އެވެ.