Roadha Mihaaru

ރައުދު ރާއްޖެއިން ބޭރަށް ނުދޭ، ފުރުން މަނާކުރުމުގެ އަމުރު ދެމިއެބައޮތް: ޕޮލިސް

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
އިފްރާޒް އަލީ
އިފްރާޒް އަލީ

13 ޖޫން 2025

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެއްކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އޭނާ ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތް ކަމަށް ފުލުހުން ބުންޏެވެ.

ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނެ ވާހަކަ ދެއްކެވެން ފެށީ އާއިލާގެ ބަޔަކާ އެކު އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ. ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ދައުވާކުރަން ފުލުހުން އެދުނު ނަމަވެސް، އެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައެއް ނުވެ އެވެ. އޭނާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ނުކުރީ، އޭނާގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމުގައި ފުލުހުން އަމަލުކުރި އިޖުރާއަތު ގޯސްވުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނެފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ޖެހިގެން އައި ދުވަހު ފުލުހުން ނެގި އެވެ. އެ ސާމްޕަލުން އޭނާ ކެނެބިސްއަށް ޕޮޒިޓިވްވި ނަމަވެސް، އޭނާ އޭރު ހައްޔަރެއް ނުކުރެ އެވެ. އޭނާ ހައްޔަރުކުރީ އޭގެ ހަ ދުވަސް ފަހުންނެވެ.

އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރައުދު ހައްޔަރުކޮށް ފުލުހުން، އޭނާގެ މައްޗަށް ތުހުމަތުކުރީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމާއި އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުން ހިފުމުގެ ކުރިކަމުގެ ތުހުމަތެވެ.

ރައުދު ހައްޔަރު ކުރުމަށްފަހު، އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓަމުން އައިސް މިދިޔަ މަހުގެ 22 ގައި އޭނާ ދޫކޮށްލި އެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުވަނީސް އެ ދުވަހު އަލުން ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖެހިޔަސް، އެ މުއްދަތު ހަމަވުމުން ފުލުހުން އަމިއްލައަށް އޭނާ ދޫކޮށްލީ އެވެ.

އޭނާ ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް އަންނާނެ ހުކުމްގެ މުއްދަތަށް ވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.