17 މެއި 2023
ބިރު ދެއްކުމަކީ ކުށެއް ކަމަށް ގާނޫނުގައި ނެތިގެން ކޯޓުތަކުން މީހުންނަށް އަދަބު ނުލިބި ސަލާމަތް ވެގެން ދިޔަ ދުވަސްވަރެއް މީގެ 14 އަހަރު ކުރިން ރާއްޖޭގައި ފެނުނެވެ. އެކަން ހައްލުކުރަން ޒަމާނީ ގާނޫނުތަކެއް ގެނައުމުން މިއަދުގެ ހާލަތަކީ އަންނާނީ ކޮން އަދަބެއް ނޭނގޭ ހިސާބަށް ކަންކަން ހައްދުން ނެއްޓުމެވެ.
ބިރު ދެއްކުމަކީ ކުށެއް ކަމަށް ގާނޫނުގައި ނެތިގެން ކޯޓުތަކުން މީހުންނަށް އަދަބު ނުލިބި ސަލާމަތް ވެގެން ދިޔަ ދުވަސްވަރެއް މީގެ 14 އަހަރު ކުރިން ރާއްޖޭގައި ފެނުނެވެ. އެކަން ހައްލުކުރަން ޒަމާނީ ގާނޫނުތަކެއް ގެނައުމުން މިއަދުގެ ހާލަތަކީ އަންނާނީ ކޮން އަދަބެއް ނޭނގޭ ހިސާބަށް ކަންކަން ހައްދުން ނެއްޓުމެވެ.
ކުށްކުރާ މީހާ އަށް އަންނާނީ ކޮން އަދަބެއް ކަމެއް ނޭނގި އަދި ކުރަންވީ ކޮން ދައުވާއެއް ކަން ދައުލަތަށް ވެސް އޮޅޭ ހިސާބަށް ހިނގައްޖެ އެވެ. ޒިނޭކުރާ މީހާ އަށް އަންނާނީ ހަތަރު މަހަށް ޖަލަށްލުން ކަމެއް ނުވަތަ އެއް އަހަރާއި ތިން އަހަރާ ދެމެދު ގޭ ބަންދުކުރުން ކަމެއް ޔަގީނެއް ނޫނެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މަދުވެގެން ފަސް އަހަރަށް ޖަލަށްލުން ކަމަށް ޖިންސީ ކުށުގެ ގާނޫނުގައި ބުނާއިރު ގާނޫނުލްއުގޫބާތު ބުނަނީ ނުވަ މަހުގެ ޖަލު ހުކުމެއް ކަމަށެވެ. މި ފާހަގަކުރީ އެއް ކުށެއް ކުރިޔަސް، "މަސް ބާނާ އުސޫލުން" އެކި މީހުންނަށް އެކި ގާނޫނުން ދައުވާ ކުރުމުގެ ޝަކުވާ އެވެ.
މިހާރު އަމަލުކުރަމުންދާ 300 އަށް ވުރެ ގިނަ ގާނޫނު އޮތްއިރު، އޭގެ ތެރޭގައި އެއް ބާވަތެއްގެ ކަންކަމާ ގުޅޭ އެތައް ގާނޫނެއް އެބަހުއްޓެވެ. މި މައްސަލަ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ ގާނޫނުލްއުގޫބާތުގައި ހުރި ކުށްތައް ހާއްސަ ގާނޫނުތަކެއްގައި ހުރުމުންނެވެ.
ހާއްސަ ގާނޫނުތަކަކީ ގާނޫނުލްއުގޫބާތުގެ މައްޗަށް އިސް ވާނެ ގާނޫނުތަކެއް ކަމަށް ވިޔަސް، ގާނޫނުލްއުގޫބާތުގައި ހުރި ވާހަކަތަކާއި ހާއްސަ ގާނޫނުތަކުގައި ހުރި އިބާރާތްތައް ދިމާ ނުވާ ފަހަރު ގިނަ އެވެ. މި "މަސްހުނިގަނޑުގައި" ދައުވާ ކުރަންވީ ކޮން ގާނޫނެއްގެ ދަށުން ކަން އޮޅި، ނުބައި ގާނޫނުގެ ދަށުން ދައުވާ ކުރެވިގެން އެތައް ފަހަރަކު ދައުލަތަށް ލަނޑު ލިބިއްޖެ އެވެ. ދާދި ފަހުން މިފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ދައުލަތާ ދެކޮޅަށް ނިންމި އެވެ.
"ރައްޔިތުންގެ ހިތުގައި ގާނޫނީ ނިޒާމުގެ މައްޗަށާއި ދައުލަތުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަގީންކަން އެކަމުގެ ސަބަބުން ގެއްލޭނެ."
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ހޯދައި ދިނުމުގެ ކުށް ގާނޫނުލްއުގޫބާތުގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި އޮތްއިރު ދައުލަތުގެ ވެރިންނާއި މުވައްޒަފުންނަށް ދައުވާ ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
ނަމަވެސް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ދައުވާ ކުރަމުން އައީ ބޮޑު އަދަބު ލިބޭ ގޮތަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެއީ ދެ ގާނޫނުގެ އިބާރާތް ކުރުން ތަފާތުވުމުންނެވެ. މި މައްސަލައަށް ހައްލެއް ހޯދަން ޖެހުނީ ސުޕްރީމް ކޯޓުންނެވެ.
ސުޕްރީމް ކޯޓު --- ފޮޓޯ/މިހާރު
މަޝްހޫރު ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭގެ މައްސަލައަކީ މީގެ އަނެއް މިސާލެވެ. ގާނޫނުލްއުގޫބާތުގައި ޑީއެންއޭ އާއި ގަރީނާ ބޭނުންކޮށްގެން ޒިނޭގެ ކުށް ސާބިތު ކުރެވޭތީ ދައުލަތުން ކިޔަނީ ގާނޫނީ ޒިނޭ އެވެ. ޖިންސީ ކުށުގެ ގާނޫނުގައި، ޑީއެންއޭގެ ވާހަކަ ނޯންނާތީ ޝަރުއީ ޒިނޭ އެވެ.
ދީނީ އިލްމުވެރިންނާއި ގާނޫނީ ބޭފުޅުންގެ މެދުގައި ބޮޑު އަރައިރުމަކަށް ދިޔަ މި މައްސަލަ ކޮޅެއްގައި ނުޖެހި އަދިވެސް އޮތީ އެވެ. ގާނޫނީ ޒިނޭ އުވުނީ ކަމަށް ހައި ކޯޓުން އެއްފަހަރު ނިންމުމަށް ފަހު އެ ނިންމުން ފަހުން ބަދަލުކުރި އެވެ. އަނެއްކާވެސް އޮތީ ސުޕްރީމް ކޯޓުން އެ ކަމަށް ފަރުވާއެއް ދޭން ޖެހިފަ އެވެ.
ދައުލަތުގެ ގާނޫނީ ކަންކަމާ ހަވާލުވެ ތިބި މުއައްސަސާތަކުގެ ހާލަތު މިހެން އޮތްއިރު ގާނޫނީ އިލްމެއް ނެތް އާންމު ރައްޔިތުންގެ ހާލަތު ހުންނާނެ ގޮތް ތަސައްވުރު ނުކުރެވެ އެވެ. ކުށާއި އަދަބަކީ ގާނޫނުގައި ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ އެއްޗެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތަސް، ގާނޫނުތައް ހަދާފައި ހުރީ "އެ ގަހު ކޭލެއް، މި ގަހު ކޭލެއް" ވަކިވާނެ ގޮތަކަށް ނޫނެވެ. ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމި މައްސަލާގައި ފާހަގަކުރީ އެ ކަންބޮޑުވުމެވެ.
"މިހާރު މި މައްސަލައެއް ދިމާ ނުވާނެ. މިފަހުން ސުޕްރީމް ކޯޓުން ނިންމި މައްސަލައަކީ ވެސް ކުރީގެ މައްސަލައެއް."
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ރައުޔުގައި ވަނީ ކުށާއި އޭގެ އަދަބަކީ ކޮބައިކަން އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ވާއިރު، އެއް ކަމަކަށް އެތައް ގާނޫނެއް ހެދުމުން އެކި ފަހަރު އެކި ގާނޫނުތަކުގެ ދަށުން ދައުވާކޮށް، ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފޭނެ ކަމަށެވެ.
"ވެރިކަން ހިންގާ ފަރާތާއި ފުލުހުންނާއި ޕްރޮސެކިއުޓަރުންގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އެކަމުގެ ސަބަބުން މަގުހުޅުވިފައި އޮތުމުގެ އިތުރުން ރައްޔިތުންގެ ހިތުގައި ގާނޫނީ ނިޒާމުގެ މައްޗަށާއި ދައުލަތުގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަގީންކަން އެކަމުގެ ސަބަބުން ގެއްލޭނެ،" ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވެ އެވެ.
ސުއޫދު ލިޔުއްވާފައިވާ ގޮތުން މި އޮޅުންބޮޅުމުން ސަލާމަތް ކުރުމަށްޓަކައި، ގާނޫނުތައް އެއްހަމަ ކުރަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން މިހާރު އަމުރެއް ނެރެން ޖެހެ އެވެ.
މިދިޔަ އަހަރު ފެންމަތިވި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކުގައި ތުހުމަތުވި އެންމެންނަށް ދައުލަތުން ދައުވާކުރީ ނުވަ މަހު ހުކުމެއް އަންނަ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެކަމަކު އޭގެ ކުރިން މިފަދަ އެތައް މައްސަލައެއްގައި ދައުވާކުރީ ފަސް އަހަރަށް ޖަލަށް ލެވޭ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.
"ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދުނީމަ ބުނަނީ މި ބާވަތުގެ މައްސަލަތަކުގައި ނުހެދޭނެއޭ. އެފަދަ އެހެން މައްސަލަތަކުގައި އެއްބަސްވުން ހަދާފައި ބައެއް މީހުން އެބަ ދޫކޮށްލާ."
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއް ބާވަތެއްގެ ކުށްތަކުގައި އެކި ގާނޫނުގެ ދަށުން ދައުވާކޮށްގެން މިހާރު ތަފާތެއް ނުކުރާނެ އެވެ. ކުރިން އެ ގޮތަށް ދައުވާކުރީ ހާއްސަ ގާނޫނާއި ގާނޫނުލްއުގޫބާތުގެ މައްސަލާގައި މަތީ ކޯޓުގެ ނިންމުންތަކެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި މައްސަލައެއް ދިމާ ނުވާނެ. މި ފަހުން ސުޕްރީމް ކޯޓުން ނިންމި މައްސަލައަކީ ވެސް ކުރީގެ މައްސަލައެއް،" އޮފިޝަލް ވިދާޅުވި އެވެ.
ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ގެންދަނީ --- ފޮޓޯ/މިހާރު
އެކަމަކު، ގާނޫނީ ބޭފުޅުންގެ ވިދާޅުވާ ގޮތުން ހާއްސަ ގާނޫނާއި ގާނޫނުލްއުގޫބާތުގެ އޮޅުންބޮޅުމުގެ ތެރެއިން ދައުލަތުން ވެސް އެކި މީހުންގެ މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެ އެވެ. އެއް ބާވަތެއްގެ ތުހުމަތު ކުރެވޭ މީހުންގެ މެދުގައި ވެސް ތަފާތުކުރާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ ބައެއް މައްސަލަތަކުގައި ގާނޫނުލްއުގޫބާތުގެ ދިމާވެގެން ކޯޓުން މައްސަލަ ބޭރުކޮށްލީމާ ދައުލަތުން އިސްތިއުނާފްކުރި. މި ކަހަލަ އެހެން މައްސަލަތައް ބޭރުކޮށްލީމާ އިސްތިއުނާފް ނުކޮށް އެބަހުރި،" ޖިނާއީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާ އެ ވަކީލް ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވި އެވެ.
"ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ބައެއް މީހުން އެދުނީމާ ދައުލަތުން މި ބުނަނީ މި ބާވަތުގެ މައްސަލަތަކުގައި ނުހެދޭނެއޭ. އެކަމަކު ހަމަ އެ ބާވަތުގެ އެހެން މައްސަލަތަކުގައި އެއްބަސްވުން ހަދާފައި ދައުވާ ނުކޮށް ބައެއް މީހުން އެބަ ދޫކޮށްލާ."
ޕީޖީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ކުރިން ނަސޭހަތުގެ އެއްބަސްވުން ނެހެދޭ މައްސަލަތަކުގައި މިހާރު އެއްބަސްވުން ހަދަނީ ޖިނާއީ އިޖްރައާތުގެ ގާނޫނަށް އައި ބަދަލެއްގެ ސަބަބުންނެވެ. އަދި ބައެއް މައްސަލަތައް އިސްތިއުނާފް ނުކުރަނީ އެ މައްސަލައެއްގައި ގާނޫނީ ބަހުސް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް ކުށަކާ ގުޅިގެން އެތައް ގާނޫނެއް ހެދުމުގެ ނަތީޖާއަކީ އެކި މީހުންގެ މެދުގައި ތަފާތުކޮށް އަމަލުކުރަން ދައުލަތަށް ފުރުސަތު ލިބުމެވެ. މިއީ ސުޕްރީމް ކޯޓުން ފާހަގަކުރިހެން އާންމުންގެ ހައްގުތަކާއި މުޅި ނިޒާމުގެ އިތުބާރާ ގުޅުން ހުރި އަދި އަވަހަށް ހައްލު ހޯދަންޖެހޭ ބޮޑު މައްސަލަ އެކެވެ.
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ސިއްރު ހެކީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ދައުވާތަކާއި ބަންދުގެ މައްސަލަ ރިވިއުކުރަން ހުޅުވާލައިފި
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ހައިކޯޓުން"ވާނުވާ"ޖަހާ މީހުންގެ ބަންދު ރިވިއުނުކުރެވޭނެ
"ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ"
ޖިނާއީ އަދުލަށް އޮތް ގޮންޖެހުމަކީ ކޮރަޕްޝަން: ޕީޖީ
"ބޭސް ކާޑު" ހުއްޓާލުމުން އިހުމާލުގެ ބިރު؟!
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
އިހުތިޔާރުގެ ދަށުން އަދަބު ބޮޑުކުރެވޭ ވަރަށް ބަދަލެއް