Roadha Mihaaru
ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކާ ބަޔަކު ހައްޔަރުކޮށްފި

09 ސެޕްޓެމްބަރ 2024

ޓެލެގްރާމްގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކައިގެން އާމްދަނީ ހޯދާ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓެލެގްރާމްގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކައިގެން އާމްދަނީ ހޯދާ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޓެލެގްރާމްގައި ގިނަ އަދަދެއްގެ ޗެނަލްތައް ހަދައިގެން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އެ ޗެނަލްތަކުގައި ޕޯސްޓުކޮށް، ވިޔަފާރިގެ އުސޫލުން މާލީ މަންފާ ހޯދަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަކީ؛

- ޒުބައިރު އަލީ، 45، އދ. މަހިބަދޫ، ބަހާރުގެ

- ނާސިފް އަލީ، 46، މާލެ، ދަފްތަރު ނަންބަރު ރސ14751

- އިސްމާއީލް ރަބީހް، 29، ކ. ކާށިދޫ، ސިލިންކޯ

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން، އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ޒުބައިރު އަލީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެ އެވެެ. މިދިޔަ މަހު 30 ގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

ނާސިފް އަލީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކުރި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. އަދި އިސްމާއިލް ރަބީހް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވެސް 15 ދުވަސް ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށެވެ. އަދި އެ ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމްގެ ނުވަ އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ވެސް، ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެ އެވެ،" ފުލުހުން ބުންޏެވެ.

ކުޑަކުދިންގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.