Roadha Mihaaru

ސްކޭމްތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ

ސްކޭމްގެ މައްސަލަތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

ސްކޭމްތަކުގައި އެންމެ ގިނަ ފައިސާ ރިކަވާކުރީ ރާއްޖެއިން
އިފްރާޒް އަލީ
އިފްރާޒް އަލީ

15 ޖޫން 2025

ސްކޭމްގެ މައްސަލަތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފުރަތަމަ ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގައި ދިވެހި ފުލުހުން ބައިވެރިވެ، މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެއީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އޭޕްރީލް މަހު 28 އިން މިދިޔަ މޭ މަހު 28 އަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ހަތް ގައުމަކުން ބައިވެރިވި އެވެ. ހުރިހާ ގައުމަކުން 2،700 އަށް ވުރެ ގިނަ ފުލުހުން މި އޮޕަރޭޝަންގައި ހަރަކާތްތެރިވި އެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ފްރޮންޓިއާ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު އެ ނެޓްވޯކްގައި ރާއްޖޭގެ އިތުރުން ސިންގަޕޫރާއި އޮސްޓްރޭލިއާ އާއި ކެނެޑާ އާއި ހޮންކޮންގާއި ތައިލެންޑާއި ކޮރެއާ އާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އަދި މަކާއޯ ހިމެނެ އެވެ.

އެ ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި އިންޓެލިޖެންސް ހިއްސާ ކުރުމާއި ސްކޭމް ހުއްޓުވުމާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުން ކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަން ފްރޮންޓިއާ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް ހޮންކޮންގުގައި ބޭއްވި ބައްދަލުވުމުގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރު އާދަމް ނަވީދާއި ސްކޭމް އިންވެސްޓިގޭޝަންގެ އިސްވެރިޔާ އިންސްޕެކްޓަރު ޝާމް މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް

އޮޕަރޭޝަން ފްރޮންޓިއާ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް ހޮންކޮންގުގައި ބޭއްވި ބައްދަލުވުމުގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރު އާދަމް ނަވީދާއި ސްކޭމް އިންވެސްޓިގޭޝަންގެ އިސްވެރިޔާ އިންސްޕެކްޓަރު ޝާމް މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އޮޕަރޭޝަން ފްރޮންޓިއާ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް މި މަހުގެ ތިންވަނަ ދުވަހު ހޮންކޮންގުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރު އާދަމް ނަވީދާއި ސްކޭމް އިންވެސްޓިގޭޝަންގެ އިސްވެރިޔާ އިންސްޕެކްޓަރު ޝާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގެ މުއްދަތުގައި ރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓްކޮށްފައިވާ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ 199 މައްސަލާގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000ރ. ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ.

މިއީ 21 ޕަސެންޓުގެ ރިކަވަރީ ރޭޓެއް ކަމަށް ވާއިރު، މިއީ މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ: ޕޮލިސް

"މިއީ 21 ޕަސެންޓުގެ ރިކަވަރީ ރޭޓެއް ކަމަށް ވާއިރު، މިއީ މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފްރޮންޓިއާ ޕްލަސް ނެޓްވޯކުގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފްރޮންޓިއާ ޕްލަސް އޮޕަރޭޝަނުގެ މުއްދަތުގައި އެ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމަކުން، ސްކޭމްތަކުގައި 308 މިލިއަން ޑޮލަރު ގެއްލިފައިވެ އެވެ. އޭގެ ތެރެއިން ރިކަވާ ކުރެވިފައި ވަނީ 19.4 މިލިއަން ޑޮލަރެވެ. އެއީ 9،000 އަށް ވުރެ ގިނަ މައްސަލައިގަ އެވެ.