Roadha Mihaaru

ޖެމްކިޔު އިން ފައިސާ ލިބުން ހުއްޓި، މީހުން ރުޅިގަދަވެއްޖެ!

ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެ ގިނަ މީހުން ފައިސާ ޖަމާކުރަމުން ދަނިކޮށް، އެ އިން ފައިސާ ނުނެގޭ މައްސަލަ ކުއްލި ގޮތަކަށް ބޮޑުވެ، އެ ސްކީމުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ޖެމްކިޔު އިން ފައިސާ ލިބުން ހުއްޓި، މީހުން ރަތަށް!
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

19 ޖޫން 2025

ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެ ގިނަ މީހުން ފައިސާ ޖަމާކުރަމުން ދަނިކޮށް، އެ އިން ފައިސާ ނުނެގޭ މައްސަލަ ކުއްލި ގޮތަކަށް ބޮޑުވެ، އެ ސްކީމުގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ރާއްޖޭގައި ޖެމްކިޔު ބޭނުން ކުރަމުންދާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފުލުހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބުނެފައިވަނީ އެއީ މަކަރާއި ހީލަތުން ހަދާފައިވާ ސްކީމެއް ކަމަށެވެ. އަދި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޮތީ ދީފަ އެވެ.

ރާއްޖޭގައި އެ ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި ގެންގުޅެނީ ޓެލެގްރާމް ގްރޫޕެކެވެ. އެ ގްރޫޕުގައި ވެސް 41،000 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ބޭނުންކުރާ މީހުންގެ އަދަދު 50،000 އިން މައްޗަށް އަރާނެ ކަމަށް އޭގައި އުޅޭ ދިވެހިން ބުނެ އެވެ.

އެކަމަކު އެއީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ހާމަކުރީ މި ހަފްތާގައި އާންމުކުރި ބަޔާނެއްގަ އެވެ.

އެނގިފައިވާ ގޮތުގައި ޓެލެގްރާމުގައި ހިންގަމުން އަންނަ ޖެމްކިޔުގެ ގްރޫޕުގައި އެ އަށް އިންވެސްޓްކުރަމުންދާ މީހުން މިހާރު ދަނީ ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ މައްސަލަ ފެންމަތި ކުރަމުންނެވެ. އަދި އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ބައެއް މީހުން ބުނަނީ އެޑްމިން "ފިލައިފި" ކަމަށެވެ.

އެކަމާ ގުޅިގެން ގްރޫޕުގައި ބައެއް މީހުން ދަނީ ފައިސާ ލިބޭނެ ކަމަށް ވެސް ބުނެ، މީހުން "މައިތިރި ކުރުމަށް" މަސައްކަތް ކުރަމުންނެވެ.

ބައެއް މީހުން ބުނާ ގޮތުގައި ކަސްޓަމާ ސާވިސް އިން ވެސް ޖަވާބެއް ނުދެ އެވެ.

ފައިސާ ނުނެގޭ މައްސަލާގައި މީހުން ރުޅިގަދަވުމުން، ބައެއް މީހުން ދަނީ ޖެމްކިޔުއަށް އިތުބާރު ކުރުމަށް އެދެމުންނެވެ.

ގްރޫޕްގެ ސްކްރީންޝޮޓްތަކެއް.

ގްރޫޕްގެ ސްކްރީންޝޮޓްތަކެއް.

ޖެމްކިޔު އިން ފައިސާ ނުނެގޭ މައްސަަލަ ބޮޑުވިއިރު އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓުކުރުމުގައި އުޅޭ ހަތް ވަރަކަށް މީހުންގެ މައުލޫމާތު ހޯދައިފަ އެވެ. އެކަމަކު ތަހުގީގު ކުރާތީ އޭގެ ތަފްސީލު އަދި ނުލިބެ އެވެ.

"ލަސްނުކޮށް އަވަހަށް ފައިދާ ހޯދާ" ގެ ނަމުގައި އެ ގްރޫޕުން ދަނީ އެއަށް އިންވެސްޓް ކުރުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް އޭގެ ތެރެއަށް އިތުރު މީހުން ވައްދަން ބާރު އަޅަމުންނެވެ.

ޖެމްކިޔު އިޝްތިހާރު ކުރަން ފެށުމުން އެ މައްސަލަ ފުލުހުން ބަލަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.

ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ސްކީމު ފަށާފައި ވަނީ ރާއްޖެއިންނެވެ. އެ މައްސަލަ ފެންމަތިވުމުން ފުލުހުން ވަނީ އިންޓަޕޮލް މެދުވެރިކޮށް ހުރިހާ ގައުމެއްގެ ފުލުހުންނަށް އެ ސްކީމުގެ މައުލޫމާތު ފޮނުވައިގެން އެ ކަހަލަ ކަމެއް އެ ގައުމުތަކުގައި ހިނގަމުންދޭތޯ ބަލައިފަ އެވެ. އެކަމަކު އެ އިން އެއްވެސް ގައުމެއްގައި ޖެމްކިޔު ސްކީމު އަދި ނުހިންގަ އެވެ.

ނަވީދު ވިދާޅުވި ގޮތުގައި، ޖެމްކިޔު މުޅި ސްކީމު ކްރިޕްޓޯ ކަރެންސީގައި ހިންގާއިރު ކްރިޕްޓޯ ވެލޮޓް ޓްރޭސިންގެ ތެރެއިން ވެސް ފާހަގަވަނީ އެކަން ފެށިފައިވަނީ ރާއްޖެއިންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް އެ އިދާރާއިން ބުންޏެވެ.