މީހަކަށް ނޭނގި އޭނާގެ ސިމްކާޑު އީ-ސިމަކަށް ބަދަލުކޮށް، ބޭންކު އެކައުންޓުން 200،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިއްޖެ އެވެ.
18 ޖުލައި 2025
މީހަކަށް ނޭނގި އޭނާގެ ސިމްކާޑު އީ-ސިމަކަށް ބަދަލުކޮށް، ބޭންކު އެކައުންޓުން 200،000 އަށް ވުރެ ގިނަ ރުފިޔާ ފޭރިއްޖެ އެވެ.
ކ. ހިންމަފުށީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ހަމީދުގެ ފޯނަށް ރޭންޖު ނުލިބޭ މައްސަލައެއް ދިމާވީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ފޯނުގެ މައްސަލައެއް ކަމަށް ބަލައި ޖެހިގެން އައި ދުވަހު މާލެ އައިސް ފޯނު މަރާމާތުކުރާ ތަނަކަށް ދެއްކި އެވެ. އެ ތަނަށް ދެއްކުމުން ފޯނުގައި އެއްވެސް މައްސަލައެއް ނުޅޭކަން އެނގުމުން ސިމް ކާޑަށް މައްސަލައެއް ދިމާވީ ކަމަށް ބަލައި އޭނާ ދިޔައީ ދިރާގަށެވެ.
ދިރާގުގެ ހެޑް އޮފީހަށް ދިއުމުން ބުނީ އެ މީހާގެ ސިމްކާޑު މަސައްކަތް ނުކުރަނީ އީ-ސިމަކަށް ބަދަލުކޮށްފައި އޮތުމުން ކަމަށެވެ.
ހަމީދު "މިހާރު" އަށް އިއްޔެ ބުނީ އޭނާގެ ސިމްކާޑު އީ-ސިމަކަށް ބަދަލުކުރަން އަމިއްލަ އަށް ރިކުއެސްޓް ނުކުރާ ކަމަށެވެ. އެކަމަކު، އޭނާގެ ނަމުގައި ނަގާފައިވާ ދެ ފޯނު ނަންބަރެއް އީ-ސިމަކަށް ބަދަލުކޮށްފައިވާކަން ދިރާގަށް ދިއުމުން އެނގުނު ކަމަށް އޭނާ ބުންޏެވެ.
ހަމީދުގެ ދެވަނަ ފޯނު ނަންބަރު ބޭނުންކުރަނީ އޭނާގެ އަންހެނުންނެވެ.
ދިރާގުގެ ސިމްކާޑެއް އީ-ސިމަކަށް ބަދަލުކުރަން ރިކުއެސްޓް ކުރެވެނީ ދިރާގު މައި އެކައުންޓް ނުވަތަ އީމެއިލް މެދުވެރިކޮށް ކިއުއާރު ކޯޑަށް ރިކުއެސްޓްކޮށްގެންނެވެ.
ހަމީދު ބެލިބެލުމުން އެނގުނު ގޮތުގައި، އެ މީހަކު އެކަން ކޮށްފައި ވަނީ އޭނާގެ ދިރާގު މައި އެކައުންޓަށް ވަދެގެންނެވެ. އެކަން ކުރި މީހަކު އޭނާގެ މައި އެކައުންޓުގެ އަދި ޖީމެއިލްގެ ޕާސްވޯޑު ވެސް ބަދަލުކޮށްފައެއް ނުވެ އެވެ.
ހަމީދު ބުނީ އެ ދުވަހު ރަށަށް ގޮސް އޭނާގެ ބީއެމްއެލްގެ ބޭންކް އެކައުންޓުގެ ބެލެންސް ބެލިއިރު، އެކައުންޓުގައި ހުރި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. އޭނާގެ އަމިއްލަ އެކައުންޓާއި ވިޔަފާރި އެކައުންޓުން އަދި އަންހެނުންގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާ ހުސްކޮށްލާފައިވާ ކަމަށް ހަމީދު ބުންޏެވެ.
ހިންމަފުށީގައި "ހުޅަނގު ލޮޖް" ގެސްޓް ހައުސް ހިންގާ ހަމީދުގެ އަމިއްލަ އެކައުންޓުގައި 65،000ރ. އާއި އޭނާގެ ވިޔަފާރި އެކައުންޓުގައި ހުރި 8،600 ޑޮލަރު އަދި އަންހެނުންގެ އެކައުންޓުގައި ހުރި 9،800ރ. ވަނީ މަކަރާއި ހީލަތުން ބަޔަކު ފޭރިގަނެފަ އެވެ.
"[ވިޔަފާރިއަށް ބޭނުންކުރާ] ޑޮލަރު އެކައުންޓުން އަޅުގަނޑުގެ ޕާސަނަލް އެކައުންޓަށް ޓްރާންސްފާ ކޮށްގެން އެ އެއްޗެހި މި ހުރީ 15.42ރ. ގެ ރޭޓުން މާރުކޮށްލައިފައި ނަގައިފައި،" ހަމީދު ބުންޏެވެ.
ހަމީދު ބުނި ގޮތުގައި، އޭނާގެ އެކައުންޓުގައި ހުރި ފައިސާ ވަނީ އެކި މީހުންގެ އެކައުންޓުތަކަށް ފޮނުވައިފަ އެވެ. ގިނަ މީހުންގެ އެކައުންޓުތަކަށް ފޮނުވާފައި ހުރީ 25،000ރ. އިންނެވެ.
"ޖުމްލަ ބަލައިފިއްޔާ އެއީ 200،000 އަށް ވުރެ ގިނަ ރުފިޔާ. ހުރިހާ އެއްޗެއް އެ ދިޔައީ. އެންމެ ލާރިއެއް ވެސް ނެތް،" އޭނާ ބުންޏެވެ.
ހަމީދު ވަނީ އޭނާގެ އެކައުންޓުން އޭނާއަށް ނޭނގި ފައިސާ ފޮނުވާފައި ހުރި ދެ އެކައުންޓެއްގެ ވެރިފަރާތަކަށް ބޭންކް މެދުވެރިކޮށް ގުޅައިފަ އެވެ.
"ގުޅީމަ އެ މީހުން ބުނާ އެއްޗަކީ އަހަރެމެން އެކައުންޓަށް ރައްޓެސަކު ފައިސާކޮޅެއް ފޮނުވާފައި ނަގައި ދޭން ބުންޏޭ. އެއީ ދަންނަ މީހެއް ވީމަ އެ ރުފިޔާ ނަގައިދިނިއްޔޭ. ނަގައިދިނީމަ ސައިބޯލާށޭ ކިޔާފައި އެ މީހަކު 150ރ. ވެސް ދިނޭ ބުނި،" އޭނާ ބުންޏެވެ.
"އެބަހުރި މާލޭގެ ބިޒްނަސް އެކައުންޓަކަށް ވެސް ފޮނުވާފައި 50،000ރ."
އެ މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށާއި މައްސަލައަށް ދެމަހެއްހާ ދުވަސްވާއިރު އަދިވެސް އެއްވެސް ކުރިއެރުމުން ނުލިބޭތީ ވަރަށް ކަންބޮޑުވާ ކަމަށް ހަމީދު ބުންޏެވެ.
ސްކޭމްގެ މައްސަލަތައް ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާއިރު، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަޕްގްރޭޑްސް މެދުވެރިކޮށް، ޖީމެއިލް އެކައުންޓުތަކަށް މުޅިން އާ ނުރައްކާތަކެއް ކުރިމަތިވަމުން ދާތީ އެކަމަށް ސަމާލުވާން ގޫގުލްއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ސްކޭމްތަކުގައި އެންމެ ގިނަ ފައިސާ ރިކަވާކުރީ ރާއްޖެއިން
ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ
އިމިގްރޭޝަންގެ ނަމުގައި އޮޅުވާލައިގެން ގުޅަނީ
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އުފައްދައިފި
ޖަރީމާ ހިންގި ޓެލެގްރާމް ޗެނަލްގެ އަޑީގައި ދެމަފިރިން
ސްކޭމްތައް ދުވާލަކު ތިން މައްސަލައިގެ ރޭޓުގައި!
ކްރިކެޓް އޮފީސް ނަހަމަ ގޮތުގައި ބޭނުންކުރުމުން ފިޔަވަޅު
ދަރިވަރުންގެ އަތުން 40،000 ޑޮލަރު ނެގި ސްކޭމެއް!
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި